ނޭޕާލްގެ ކަތަމަންޑޫގައި އިއްޔެ ފެށި ސާފް އަންހެން ފުޓުބޯޅަ ޗެމްޕިއަންޝިޕްގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން ބަލިވެއްޖެއެވެ.
ކަތަމަންޑޫގެ ދަޝަރަތު ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުން ރާއްޖެ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. މިއަހަރުގެ ސާފް އަންހެން ޗެމްޕިއަންޝިޕް ފެށީ އިއްޔެއެވެ. އިއްޔެގެ މެޗުގައި މިހާތަނަށް ހަތަރު ފަހަރު މުބާރާތުގެ ރަނަރަޕްކަން ހޯދާފައިވާ ނޭޕާލުން ބޫޓާން ބަލިކުރީ 4-0 ގެ ނަތީޖާއަކުންނެވެ.
މިއަދު ރާއްޖެ ހިމެނޭ ގްރޫޕުގައި އިންޑިއާއިން 3-0 އިން ޕާކިސްތާނު ބަލިކުރި އިރު، އެ މެޗަށްފަހު ދެން ކުޅުނީ ރާއްޖެ މެޗެވެ. ވަރުގަދަ އިންޑިއާ އާއި ރާއްޖެ އެއް ގްރޫޕަކަށް ދިޔަ އިރު، އިންޑިއާއަކީ މިހާތަނަށް މުބާރާތް ބޭއްވި ފަސް އަހަރުގެވެސް ޗެމްޕިއަން ޓީމެވެ.
އަންހެން ސާފް ޗެމްޕިއަންޝިޕްގައި މި ފަހަރު ރާއްޖެ ލައްވާލީ ޗެމްޕިއަން އިންޑިއާ، ބަންގްލަދޭޝް އަދި ޕާކިސްތާނާ އެއް ގްރޫޕެއްގައެވެ. ގްރޫޕް ބީގައި ހިމެނެނީ މުބާރާތް ބާއްވާ ގައުމު ނޭޕާލް، ބޫޓާން އަދި ސްރީ ލަންކާއެވެ. މުބާރާތުގެ ކުރިން ކޯޗު އަހުމަދު ޝަރީފް (ޑުންގާ) ބުނެފައި ވަނީ ގްރޫޕް ސްޓޭޖުން ސަލާމަތްވެ، ސެމީއަށް ދިޔުމަކީ ބޮޑު ޗެލެންޖެއް ކަމަށެވެ. އެއީ ޓީމުތަކުގެ ފެންވަރަށް ބަލައިފައެވެ.
މިއަދު ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެއިން ކުޅުނު މެޗުގެ ފުރަތަމަ ކޮޅުގައި ރަނގަޅަށް ޑިފެންސްކޮށް ބަންގްލަދޭޝް ހިފެހެއްޓި ނަމަވެސް، ފުރަތަމަ ހާފުގެ ފަހުކޮޅުގައި ބަންގްލަދޭޝްއިން ގޯލުތައް ޖެހިއެވެ. ރާއްޖޭގެ ފުޓްސަލް މުބާރާތްތަކުންވެސް ފާހަގަކޮށްލެވުނު ސާބީނާ ކަތުން، 32 ވަނަ މިނެޓުގައި ޖެހި ގޯލާއެކު ބަންގަލަދޭޝް ލީޑު ނެގި އިރު، އޭގެ ދެ މިނެޓް ފަހުން މަސޫރާ ޕާވިންގެ ގޯލުން އެޓީމު ލީޑު ފުޅާ ކުރިއެވެ.
ސަބީނާ ވަނީ 40 ވަނަ މިނެޓުގައި އިތުރު ގޯލެއް ޖަހައި ނަތީޖާ 3-0 އަކަށް ބަދަލު ކޮށްލައިފައެވެ.
ޒުވާން ގިނަ ކުޅުންތެރިންތަކަކާވެސް އެކުގައި މިފަހަރު މުބާރާތަށް ދިޔަ ރާއްޖޭގެ ޓީމުން ދެވަނަ ހާފުގައިވެސް ރަނގަޅަށް ޑިފެންސްކޮށް ކުޅުނު އިރު، ބަންގްލަދޭޝަށް އިތުރު ގޯލެއް ޖަހަން އުނދަގޫތަކާ ކުރިމަތިވިއެވެ.
ރާއްޖެއިން ސާފް އަންހެން ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގައި ދެން ކުޅޭ މެޗުގައި ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހު ރާއްޖެ ގަޑިން ހަވީރު 4:45 ގައެވެ.
- އައިމިނަތު ލީޒާ (ގޯލްކީޕަރު/ ކެޕްޓަން)
- އައިޝަތު ރަވީނާ
- ފާތިމަތު ތީބާ
- ޝައުހުލާ ތައުފީގު
- ފާތިމަތު ޝައިނާ
- މަރިޔަމް ނޫރާ
- ހައްވާ ހަނީފާ
- ޝައްފަ ޝިއުތު
- ރާނިޔާ އިބްރާހީމް
- މައީޝާ އަބްދުލް ހައްނާން
- ފާތިމަތު އިނާޝާ އާދަމް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް