ޚަބަރު

އައިއެމްޓީއެމް 2022 ފަށައިފި

މުހައްމަދު ޖަމްޝަތް ވަހީދު

އައިއެމްޓީއެމް ޕްރައިވެޓް ލިމިޓެޑުން ކޮންމެ އަހަރަކު ވެސް ބާއްވާ އިންޓަނޭޝަނަލް މޯލްޑިވްސް ޓްރެވަލް މާކެޓް (އައިއެމްޓީއެމް) މިއަދު ފަށައިފިއެވެ.

މެންހެޓަން ބިޒްނަސް ސެންޓަރުގައި މިއަދު ފެށި އައިއެމްޓީއެމް ފެއާ އަކީ ރާއްޖޭގެ އިންބައުންޑް އަދި އައުޓްބައުންޑް ޓޫރިޒަމް ޕްރޮމޯޓުކޮށް، ވޯލްޑް ކްލާސް "މައިސް" ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓުކުރާ ފެއާއެކެވެ.

ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންސީތަކާއި ޑެސްޓިނޭޝަން މެނޭޖްމަންޓް ކުންފުނިތަކުގެ އިތުރުން ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ އެހެނިހެން ވިޔަފާރިތަކަށް ރާއްޖޭގެ ޓޫރިޒަމް ވިޔަފާރިތަކާ ގުޅިގެން ހުރި ފުރުސަތުތައް ހޯދައިދޭން ބާއްވާ މި ފެއާ ފައްޓުވައިދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ.

މިއަހަރުގެ އައިއެމްޓީއެމް ފެއާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ އައިއެމްޓީއަކީ ރާއްޖެ ޕްރޮމޯޓުކުރުމުގައި ވަރަށް މުހިއްމު ފެއާއެއް ކަމަށާއި ހާއްސަކޮށް މި ފެއާގައި ރާއްޖެ މާކެޓުކުރުމަށް ޝައުގުވެރިވާ ބައިނަލްއަގުވާމީ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެލް އޭޖެންޓުން ބައިވެރިވުމަކީ ޓޫރިޒަމް ދާއިރާ ޕްރޮމޯޓުކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމެއް ކަމަށެވެ.

އެގޮތުން ސަރުކާރުން އުއްމީދުކުރަނީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލަށް ރާއްޖެ ހެދުން ކަމަށާއި މި ފެއާގެ ސަބަބުން އެކަމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ރާއްޖެއަކީ ދުނިޔޭގެ ނަންބަރު ވަން ލީޑިން ޑެސްޓިނޭޝަން، އެއްފަހަރު ދެފަހަރު ލިބިއްޖެ. އިރާދަކުރެއްވިއްޔާ ތިންވަނަ ފަހަރަކަށް ލިބޭތޯ އަޅުގަނޑުމެން އުންމީދުކޮށްގެން މިހާރު މިތިބީ. ހާއްސަކޮށް މި އިވެންޓުގައި އަޅުގަނޑުމެންނަށް މި ފެންނަނީ ދުނިޔޭގެ ކަންކޮޅުތަކުން އައިސް ރާއްޖެ ވިއްކަން ޝައުގުވެރިކަން ހުރި މީހުން އައިސް ތިބި ތަން." މައުސޫމް ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިއެމްޓީއެމްގެ މެނޭޖިން ޑިރެކްޓަރު، ޝިއުނާ ހާލިދު ވިދާޅުވީ ކޮވިޑުގެ ކުރިން ރާއްޖޭގެ ޓޫރިޒަމް އޮތް ހާލަތަށް އަނބުރާ ގެންދަން ސަރުކާރާއި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރަމުން އަންނަ މަސައްކަތްތަކުގެ ނަތީޖާ ވަރަށް ފޮނި ކަމަށާއި މި ފެއާއަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ ފުޅާކޮށް ކުރިއަރުވަން ގުޅިގެން މަސައްކަތްކުރަން ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ.

އޭގެ އިތުރުން ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑްވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަދި އައިއެމްޓީއެމް ގުޅިިގެން ރާއްޖޭގެ އިންބައުންޑް އަދި އައުޓްބައުންޑް ޓޫރިޒަމް ޕްރޮމޯޓުކޮށް، ވޯލްޑް ކްލާސް "މައިސް" ޑެސްޓިނޭޝަނަކަށް ރާއްޖެ ހެދުމުގެ މަސައްކަތް ކެނޑިނޭޅި ކުރަމުން އަންނަ ކަމަށް ޝިއުނާ ވިދާޅުވިއެވެ.

މިއީ އަހަރަކު އެއް ފަހަރު ބާއްވާ ބީ2ބީ ފެއާގެ ހަވަނަ އެޑިޝަނެވެ. މިއަހަރުގެ ފެއާ ކުރިއަށްދާނީ މިއަދުން ފެށިގެން މާދާމާގެ ނިޔަލަށް މެންހެޓަން ބިޒްނަސް ސެންޓަރުގައެވެ. ކޮވިޑާ ގުޅިގެން މިދިޔަ ދެ އަހަރުވެސް މި ފެއާ ކުރިއަށް ގެންދިޔައީ އައިއެމްޓީއެމް އެއާ ވާޗުއަލް ޕްލެޓްފޯމް މެދުވެރިކޮށެވެ.

މިއަހަރުގެ އައިއެމްޓީއެމް ފެއާގައި 20 ގައުމަކުން 100 ފަރާތެއް ބައިވެރިވެއެވެ. އަދި ރާއްޖޭގެ ރިސޯޓް، ހޮޓެލް، ސަފާރީ، ހޯމްސްޓޭ ހިމެނޭގޮތަށް 800 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

މިއަހަރު އައިއެމްޓީއެމް ފެއާގެ ލޯކަލް އޮންލައިން ނިއުސް ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.