ޚަބަރު

ޔާމީންގެ ހާޒިރުގައި އެއްމިލިއަން ޑޮލަރަށްވާ ފައިސާ ގުނާފައި ގެންގޮސް ޔޫސުފް ނައީމަށް ދިނިން: ނަރީޝް

އަލީ ޔާމިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގަޔޫމްގެ ހާޒިރުގައި އެއް މިލިއަން ޑޮލަރަށް ވާ ދިވެހި ފައިސާ ގުނާފައި ގެންގޮސް، ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމަށް ދީފައިވާނެ ކަމަށް މާލޭ ސިޓީ ކައުންސިލުގެ ނައިބު ރައީސް އަދި ޕީޕީއެމްގެ ސެނެޓަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ނަރީޝް މިފަދައިން ވިދާޅުވީ، އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް އުފުލައިފައިވާ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރެއްވުމުގެ ދައުވާއާއި ޔޫސުފް ނައީމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިން ކަމުގެ ކުށުގެ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ހެކިބަސް ނެގުމުގެ އަޑުއެހުމުގައި ހެކިބަސް ދެއްވަމުންނެވެ.

ނަރީޝަކީ ދިފާއީ ހެއްކެއްގެ ގޮތުގައި ޔާމީންގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާ ހެއްކެކެވެ.

ހެކިބަސް ދެއްވަމުން ނަރީޝް ވިދާޅުވީ، ޔާމީނަކީ އޭނާއާ ވަރަށް ގިނަ ކަންކަން ހިއްސާ ކުރައްވާ ވަރަށް ގާތް ބޭފުޅެއް ކަމަށެވެ. އަދި މި މައްސަލައިގައި ދައުވާ ލިބޭ ޔޫސުފް ނައީމްވެސް ދަންނަ ކަމަށް ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވީ، ބޮޑު ކަމެއް ކޮށްދެއްވަން އެބަޖެހޭ ކަމަށް ވިދާޅުވެ ޔާމީން އޭނާއަށް ގުޅުއްވި ކަމަށާއި އެއިރު އޭނާ ހުމްމެވީ މާފަންނުގައި އޭނާ ދިރިއުޅުއްވަމުން ގެންދެވި ގޭގައި ކަމަށެވެ. އަދި ޔާމީން ގުޅުއްވުމުން ގ. ދޫވެއްސަށް ވަޑައިގެންފައިވާނެ ކަމަށާއި އެ ގެއަށް ވަޑައިގަތުމުން ޔޫސުފް ނައީމް އަތުން އެއް މިލިއަން ޑޮލަރު ބައްލަވައިގެންފައިވާ ކަމަށާއި އެއަށްވާ ދިވެހި ފައިސާ ޔޫސުފް ނައީމާ ހަވާލުކުރަން ޖެހޭ ކަމަށް ޔާމީން ވިދާޅުވިކަމަށް ނަރީޝް ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވީ އެއް މިލިއަން ޑޮލަރަށްވާ ފައިސާ ދޫވެހީގެ ސިޓީން ރޫމުގައި ޔާމީންގެ ހާޒިރުގައި އޭނާއާއި ޔާމީންގެ ޑްރައިވަރަކަށް މަސައްކަތް ކުރި މީހަކުވެގެން ގުނާފައި ކަޅު ދެ ދަބަހަށް އެ ފައިސާ އަޅައިގެން ރަށްޓެއްސެއްގެ ކާރެއްގައި ޔޫސުފް ނައީމްގެ ގެއަށް ވަޑައިގެން އެ ފައިސާ ހަވާލުކުރައްވައިފައިވާ ކަމަށެވެ. އެ ފައިސާ ލިބިވަޑައިގެންނެވި ކަމުގެ ސްލިޕްކޮޅެއް ސޮއިކުރެއްވުމަށް ފަހު ޔޫސިފް ނައީމް ދެއްވި ކަމަށް ވެސް ވިދާޅުވިއެވެ. ނަރީޝް ވިދާޅުވީ ކަޅު ދަބަހެއްގައި އުފުލީ 15.42 މިލިއަން ދިވެހި ރުފިޔާ ކަމަށާއި އެ ފައިސާ ހުރީ 500 ގެ ބޮނޑިތަކެއްގައި ކަމަށެވެ. ފައިސާ ގުނުއްވީ އަތުން ކަމަށާއި އެކަމަށް ކިހާ ވަގުތެއް ހޭދަވިކަން ހަނދާނުގައި ނެތް ކަމަށް ވެސް ނަރީޝް ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވީ، އެ އެއް މިލިއަން ޑޮލަރުގެ އިތުރުންވެސް އެކި ފަހަރު މަތިން ޔާމީން ވިދާޅުވެގެން ކަންކަން ކުރައްވައިފައި ވާނެ ކަމަށެވެ.

ނަރީޝްގެ ކިބައިން ސާފުކުރަން ޖެހޭ ކަންކަން ސާފުކުރުމަށްފަހު އިސް ގާޒީ އަހުމަދު ޝަކީލް ވަނީ މި މައްސަލައިގެ ތާވަލެއް ދެއްވައިފައެވެ. އެގޮތުން މާދަމާ އަޑުއެހުމެއް ބާއްވަވާނެ ކަމަށާއި އެ އަޑުއެހުމުގައި ތިން ހެކިވެރިޔެއްގެ ހެކިބަސް ނަންގަވާނެ ކަމަށް ވިދާޅުވިއެވެ. އަދި މިމަހުގެ 25 ވަނަ ދުވަހާއި 29 ވަނަ ދުވަހުވެސް އަޑުއެހުމެއް ބާއްވަވާނެ ކަމަށް ވިދާޅުވިއެވެ.

އާރަށް މައްސަލައިގައި ރައީސް ޔާމީނަށް ކުރާ ދައުވާގައިވާ ގޮތުން އާރަށް ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮއްވައި ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކުރީ 2015 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ނުވަ ވަނަ ދުވަހުއެވެ. އަދި 13 އޯގަސްޓު 2015 ގައި އެ މައްސަލައިގައި ދެން ހިމެނޭ ފަރާތް، ޔޫސުފް ނައީމްގެ ހިއްސާ އޮންނަ ޓޫޖީ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏެއް އުފައްދައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫޖީ ޕްރައިވެޓް ލިމިޓެޑަށް އެރަށް ދޫކުރީ ޔާމީނުގެ ނުފޫޒު ބޭނުން ކުރައްވައިގެން ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

ޓޫޖީ ޕްރައިވެޓް ލިމިޓެޑާއި އެމްއެމްޕީއާރްސީއާ ދެމެދު ސޮއިކޮށްފައިވަނީ 9 ސެޕްޓެމްބަރު 2015ގައި ކަމަށާއި އޭގެ އެއް ދުވަސް ކުރިން 8 ސެޕްޓެމްބަރު 2015 ގައި ޓޫޖީގެ 99 ޕަސަންޓް ހިއްސާ ވިއްކާލައިފައިވާ ކަމަށެވެ. އަދި އެ ހިއްސާ ވިއްކި ފަރާތުން 9 ސެޕްޓެމްބަރުގައި އެއް މިލިއަން ޑޮލަރުގެ ޗެކެއް ޔޫސުފް ނައީމަށް ދީފައިވާ ކަމަށް ދައުލަތުން ބުނެފައިވެއެވެ. އަދި 13 ސެޕްޓެމްބަރުގައި އެ ޗެކްގެ ފައިސާ ޔޫސުފް ނައީމްގެ އެކައުންޓަށް ޖަމާވި ކަމަށާއި އޭގެ ދެ ދުވަސް ފަހުން 15 ސެޕްޓެމްބަރުގައި ޔޫސުފް ނައީމްގެ އެކައުންޓުން އެ ފައިސާ ނަގައި ރައީސް ޔާމީނުގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ. އެ ފައިސާ އެހެން، ފައިސާތަކާ އެއްކުރައްވައިގެން ޔާމީން ވަނީ މަނީ ލޯންޑާކުރައްވާފައި ކަމަށް ދައުލަތުން ބުނެފައިވެއެވެ. އަދި އެއީ ޑޮލަރު މާރުކުރުމުގެ ނުވަތަ ވިޔަފާރީގެ އެފަދަ މުއާމަލާތެކޭ ބުނެވެން ނެތް ކަމަށާއި އެއީ އެއް މިލިއަން ޑޮލަރަށްވާ ދިވެހި ފައިސާ، ރައީސް ޔާމީންގެ ފަރާތުން ޔޫސުފް ނައީމަށް ދީފައިވާކަން އެނގެން ނެތުމުން ކަމަށް ދައުލަތުން ބުނެފައިވެއެވެ.