ބިދޭސީންނަށް މިނިމަމްވޭޖު (އެންމެ ކުޑަ އުޖޫރަ) ދިނުން މުއްދަތެއް ނެތް ގޮތަށް ލަސްކުރަން ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުހައްމަދު ހުށަހަޅުއްވާ މި ބިލުގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފައެވެ.
ވަޒިފާ އަދާކުރާ ކޮންމެ މުވައްޒިފަކަށް އެންމެ ކުޑަ އުޖޫރަ ދޭން ޖެހޭގޮތަށް ވަޒީފާއާބެގޭ ގާނޫނަށް އިސްލާހު ގެނެސް އެ ގާނޫނަށް އަމަލު ކުރަން ފެށީ 22 ސެޕްޓެމްބަރު 2020 ގައެވެ. އެ ގާނޫނުގެ ދަށުން މިދިޔަ ޖެނުއަރީމަހު އެންމެ ކުޑަ އުޖޫރަ ދޭން ފެށި ނަމަވެސް ބިދޭސީ މުވައްޒިފުންނަށް އެންމެ ކުޑަ އުޖޫރަ ދިނުމަށް ދެ އަހަރު ދުވަހުގެ މުއްދަތެއް ގާނޫނުގައި ވަނީ ހިމަނައިފައެވެ.
މުއްދަތެއް ނެތްގޮތަށް އެކަން ފަސް ކުރުމަށް، ވަޒީފާއާބެހޭ ގާނޫނުގެ 62 ވަނަ މާއްްދާގެ (ކ) އަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ވަނީ، މި މާއްދާގެ (ޅ)ގައި އެހެން އޮތް ނަމަވެސް، ރާއްޖޭގައި މަސައްކަތްކުރާ ފަރާތަކީ ބިދޭސީއެއް ނަމަ، ރާއްޖޭގެ އިގުތިސޯދީ ހާލަތަށާއި ގައުމުގެ ފުދުންތެރިކަމާއި އުފެއްދުންތެރިކަމަށް ރިއާއަތްކޮށް (މިނިމަންވޭޖް އެޑްވައިޒަރީ) ބޯޑުން މިނިސްޓަރަށް ދޭ ލަފާގެ މަތިން، މި މާއްދާގެ (ބ)ގެ ދަށުން މިނިސްޓަރު ކުރާ އަމުރަށް ވަޒީފާދޭ ފަރާތްތަކުން އަމަލުކުރަންޖެހޭ ތާރީހެއް ސަރުކާރުން ކަނޑައަޅައި އާންމުކޮށް އިއުލާނު ކުރަންވާނެ ކަމަށެވެ. އެހެންކަމުން ބިދޭސީންނަށް މިނިމަމްވޭޖް ދޭނެ ތާރީހެއް ކަނޑައެޅުމުގެ ބާރު މި އިސްލާހުން ލިބިދީފައި ވަނީ މިނިސްޓަރަށެވެ.
މި އިސްލާހު ހުށަހެޅި ސަބަބެއްގެ ގޮތުގައި ބިލުގައި ބުނެފައި ވަނީ، ގާނޫނުގައި ކަނޑައަޅާފައިވާ ދެ އަހަރު ދުވަހުގެ މުއްދަތު މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާއިރު، ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ އިގުތިސާދީ ހާލަތުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ނޭދެވޭ އަސަރު ކޮށްފައިވުމެވެ.
އެހެންކަމުން އެކަމަށް ރިއާޔަތްކޮށް، މަސައްކަތްތެރިންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭން ޖެހޭ އުޖޫރަ ކަނޑައެޅުމަށް މިނިސްޓަރު ކުރާ އަމުރަށް ބިދޭސީ މަސައްކަތްތެރިންނާ ގުޅޭގޮތުން ވަޒީފާ ދޭ ފަރާތްތަކުން އަމަލު ކުރުމަށް، ގާނޫނުގައި ލާޒިމް ކޮށްފައިވާ ދެ އަހަރު ދުވަހުގެ މުއްދަތަށް ބަދަލު ގެނައުމާއި، އެކަން ކުރާނެ ތާރީހެއް ގާނޫނުގައި ބަޔާންކުރުމުގެ ބަދަލުގައި، އެކަން ކުރަން ލާޒިމު ވާނީ ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގައުމުގެ ފުދުންތެރިކަމަށް ރިއާޔަތްކޮށް މިނިމަމްވޭޖް އެޑްވައިޒަރީ ބޯޑުންދޭ ލަފަޔާ އެއްގޮތްވާގޮތުގެ މަތިން މިނިސްޓަރު ކަނޑައަޅައި އާއްމު ކުރާ ތާރީހެއްގައި ކަމަށް ގާނޫނުގައި ކަނޑައެޅުން ކަމަށްވެސް ބުނެފައިވެއެވެ.