ޖަލުގައި އެއްވެސް ގައިދީއަކަށް އަނިޔާކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް 51 އަހަރު ފުރުން ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ޖަލުތަކުގައި ނުރައްކާތެރި ގައިދީން ބެލެހެއްޓުމަކީ ބިރުވެރި, ދަތި އުނދަގޫ, ގޮންޖެހުން ބޮޑުކަމެއްކަމަށެވެ. އެ މަސައްކަތް ކުރަން ތިއްބެވި އޮފިސަރުންނަކީ ވަރަށް ކެތްތެރި ގާބިލު އިހުލާސްތެރި ބައެއްކަމަށެވެ.
އެބޭފުޅުން ކޮށްދެއްވަނީ ވަރަށްބޮޑު ގައުމީ މަސައްކަތެއްކަން ފާހަގަކުރައްވައި, އޮފިސަރުންނާއި އޮފިސަރުންގެ އާއިލާތަކަށް ޝުކުރު އަދާކުރައްވައި މިނިސްޓަރު ވަނީ އޮފިސަރުން އިތުރަށް ކެތްތެރިވެވަޑައިގަތުމަށް އިލްތިމާސްކުރައްވައިފައެވެ.
"ތިޔަބޭފުޅުން މިހާރަށްވުރެވެސް ބޮޑަށް ކެތްތެރިވެވަޑައިގަންނަވާށޭ. މިހާރަށްވުރެ ބޮޑަށް ހިތްތިރިކުރައްވާށޭ. އޯގާވެރިކަމާއި ރަހުމު އިސްކުރައްވާށޭ. ގައިދީއަކަށް އަނިޔާކުރުމަކީ ކުރެވޭނެކަމެއް ނޫން. އެއީ ކިތަންމެ ބޮޑު ކުށެއްކޮށްފައިވާ ގައިދީއެއް ނަމަވެސް" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ އަނިޔާ ލިބިގެންވާ މީހާގެ ދުއާއަކީ ވަރަށް ނުރައްކާތެރި އެއްޗެއްކަމަށާއި އެއްވެސް އޮފިސަރަކު އެއްވެސް ހައިސިއްޔަތަކުން ގައިދީއަކަށް އަނިޔާކޮށްގެން ނުވާނެކަމަށެވެ. ރާއްޖޭގެ ޖަލުތަކުގައި ގަސްތުގައި އެނގިހުރެ ގައިދީއަކަށް އަނިޔާކުރާ އެއްވެސް އޮފިސަރަކަށް ޖާގައެއް ނޯންނާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެމީހުންނަށް ކުރާ ހިދުމަތުގެ އަގު އެމީހުން ޖަލުން ނިކުމެ ފެންނަ ދުވަހު ވަޒަންކޮށް އުފާވެރިކަމާއެކު, ހިނިތުންވުމާއެކު ބައްދަލުވެދާފަދަ ގޮތަކަށް މުއާމަލާތްކުރުމަކީ އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް" މިނިސްޓަރު ވިދާޅުވިއެވެ.
ހޯމް މިނިސްޓަރު އިތުރަށް ވިދާޅުވީ، ޖަލުތަކުގެ ނިޒާމް ރިފޯމް ކުރުމަށް ފާއިތުވި 50 އަހަރު ތެރޭ ނުކުރެވޭހާ ގިނަ މަސައްކަތް މި ސަރުކާރުން ކޮށްފައިވާ ކަމަށެވެ. އެގޮތުން ޖަލުތަކުގެ ހާލަތު ބަދަލުކުރަން ސަރުކާރުން ކުރައްވާ އެންމެ މުހިއްމު ކަމަކީ ރިހިބިލިޓޭޓްކުރުން ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.