ޚަބަރު

މި އަހަރުގެ ދެވަނަ ވިއަވަތި ކޮންފަރެންސް އަންނަ ހޮނިހިރު ދުވަހު ލ. ގަމުގައި ފަށަނީ

މުހައްމަދު ޖަމްޝަތް ވަހީދު

މި އަހަރުގެ ދެވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ލ. ގަމުގައި ބާއްވަން ނިންމައިފިއެވެ.

ރައީސް އޮފީހުން ބުނީ، ރާއްޖޭގެ ދެކުނުގެ އަތޮޅުތައް ކަމަށްވާ ދ، ތ، ލ، ގއ، ގދ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށް ހާއްސަކޮށްގެން ބާއްވާ މި އަހަރުގެ ދެވަނަ ވިއަވަތި ކޮންފަރެންސް ބާއްވަން ނިންމާފައި ވަނީ މި މަހުގެ 10 އިން 12 އަށެވެ.

މި ކޮންފަރެންސްގައި މޭޔަރުންނާއި ކައުންސިލްތަކުގެ ރައީސުންނާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސުންގެ އިތުރުން ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނާއި ޓެކްނިކަލް މުވައްޒަފުން ހިމެނޭހެން 250 އަށްވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށްވެސް ބުންޏެވެ.

މިފަހަރުގެ ކޮންފަރެންސްގައި މަޝްވަރާކޮށް ހިޔާލުބަދަލުކުރުމަށް ހަމަޖެހިފައިވަނީ މައިގަނޑު ހަތަރު ދާއިރާއަކަށެވެ. އެއީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމާއި ބިނާވެށި ޕްލޭން އެކުލަވާލުމާއި މިންތީގެ ހަމަހަމަކަން އަދި ވިލުންވެރި މުޖުތަމައުއެއް ބިނާކުރުމަށެވެ.

ވިއަވަތި ކޮންފަރެންސްއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްނެންގެވުމުގެ މަތީން ފެށި ކޮންފަރެންސެކެވެ. މި ކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރައްވައި ކައުންސިލުތައް ބާރުވެރިކުރުމަށް ފައްޓަވާފައިވާ މަސައްކަތް އިތުރަށް ހަރުދަނާކުރުމެވެ. އަދި ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ހަގީގީ މަންފާ ކައުންސިލުތަކަށް ލިބިދިނުމަށް، ގާނޫނަށް ގެނައި އިސްލާހުތަކަށް ކައުންސިލްތައް އަހުލުވެރިކުރުމެވެ.

މީގެ އިތުރުން އިދާރީ ގޮތުންނާއި މާލީ ގޮތުން ކައުންސިލްތަކަށް ލިބިފައިވާ ބާރުތައް ތަންފީޒުކުރުމުގެ ކަންކަން ކުރިއަށްދާގޮތް ގާތުން ބެލުމާއި ކައުންސިލްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ރައީސް އާއި ކަމާބެހޭ ވަޒީރުންނާއެކު މަޝްވަރާކޮށްގެން ގޮތްތަކެއް ހޯދައިދިނުމަކީވެސް މި ކޮންފަރެންސްގެ ބޭނުމެކެވެ.

މިއަހަރުގެ ވިއަވަތި ކޮންފަރެންސް ކުރިއަށްގެންދަން ހަމަޖައްސާފައި ވަނީ ތިން ސަރަހައްދަކަށް ބަހާލައިގެންނެވެ. އެގޮތުން މެދު ރާއްޖެތެރޭގެ ރަށްތަކަށް (ބ،ޅ،ކ،އ،ވ،ފ) ހާއްސަކޮށްގެން މި އަހަރުގެ ފުރަތަމަ ކޮންފަރެންސް މިދިޔަ މެއި މަހު އއ. އުކުޅަހުގައި ވަނީ ބާއްވައިފައެވެ.