ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ލީޑުކުރައްވާ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ފެށި "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށް ބަޔާންކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގަރާރެއް ނެރުއްވައިފައިވާތީ އެ ހަރަކާތް ހުއްޓިފައިވާކަމަށް ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު އެޕްރީލް މަހުގެ 21 ވަނަ ދުވަހު ނެރެއްވި އެ ގަރާރުގައި ވިދާޅުވެފައިވަނީ، އިންޑިއާއާމެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ކަމެއްކަން ސާފުކޮށް އެނގޭ ކަމަށެވެ. އެ ހަރަކާތަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮތް އަމަންއަމާންކަން ނަގާލައި، ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލުވާލައި، ރާއްޖޭގެ އިގުތިސާދީ ރައްކާތެރިކަމާއި އިޖުތިމާއި ނިޒާމުތަކަށް ބޮޑު ބުރައެއް އުފުލަންޖެހޭނެ ކަމެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ސަންގުޓުވީއަށް ރޭ ދެއްވި އިންޓަވިއެއްގައި ޔާމީން ވިދާޅުވީ، "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށް ރައީސް ކަނޑައަޅުއްވާފައިވަނީ ގާނޫނާހިލާފަށް ކަމަށެވެ. ޕީޕީއެމް/ޕީއެންސީގެ ފަރާތުން އެ ގަރާރުގެ މައްސަލަ ކޯޓަށް ހުށަހަޅާފައި ވިޔަސް އެ މައްސަލަ ކޯޓުގައި ކުރިޔަށް ނުދާކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، އެ ގަރާރަކީ ގާނޫނާހިލާފު ގަރާރަކަށް ވިޔަސް އެ ގަރާރުގެ ސަބަބުން މިހާރު "އިންޑިއާ އައުޓް" ހަރަކާތް ހުއްޓިފައިވާ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ގަރާރެއް އޮތީމަ އެ ގަރާރާ ދެކޮޅަށް ބަޔަކު އުޅޭ ކަމަށް ވަންޏާ ފުލުހުން ތަންފީޒުކުރާނެ. އެހެންވީމަ އެ އުނދަގޫ އޮތީމަ އެ އޮތީ އިންޑިއާ އައުޓް ހަރަކާތް ހުއްޓިފަ. އަޅުގަނޑުމެން ކޮންމެހެން އިންޑިއާ އައުޓް ހަރަކާތް ހުއްޓާލަން ވެގެނެއް ވެސް ނޫން. އަދި ނޫނިއްޔާ އެކަމުން ރައްޔިތުންނަށް ގެއްލުންތަކެއް ލިބޭ ކަމަށް ގަބޫލުކުރާތީއެއް ވެސް ނޫން. މި ގަރާރު އޮތީމަ އިތުރު ހަމަނުޖެހުމަކަށް ދާން ބޭނުން ނުވާތީ މި ހަރަކާތް ހުއްޓިފައި މި އޮތީ،" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ "އިންޑިއާ އައުޓް' ހަރަކާތް މިހާރު ހުއްޓިފައި އޮތަސް އެއީ އެ ހަރަކާތް މުޅިން ހުއްޓުނީ ކަމަށެވެ. ނަމަވެސް ދެން އެ ހަރަކާތް ހިންގުމުގައި އިސްވެ މަސައްކަތް ނުކުރައްވާނެކަމަށް ޔާމީން ވިދާޅުވިއެވެ. އަދި ވިދާޅުވީ އެ ހަރަކާތް މިހާރަށް ހުއްޓާލާފައި ވަނީ ރައީސްގެ ގަރާރު އޮއްވައި "އިންޑިއާ އައުޓް" ހަރަކާތް ކުރިއަށް ގެންގޮސްފިނަމަ ފުލުހުންނާ ކުރިމަތިލާން ޖެހިދާނެތީ އެކަން ކުރަން ބޭނުންފުޅު ނުވާތީ ކަމަށެވެ.

"އިންޑިއާ އައުޓް ހަރަކާތް ކުރިއަށް ނުދާނީކީ ނޫން. އިންޑިއާ އައުޓް ހަރަކާތް ކުރިއަށްދާނެ. އެކަމަކު އަޅުގަނޑު ރަށްރަށަށް ކުރި ދަތުރުތައް ކުރުމާއި މިކަންކަމުގައި އަޅުގަނޑު އުޅެން ބޭނުން ނުވަނީ. އަޅުގަނޑަކީ ގާނޫނާ އެއްގޮތަށް މަސައްކަތް ކުރަން ބޭނުންވާ މީހެއް،" ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އިންޑިއާއިން ރާއްޖެއަށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ. އަދި އިންޑިއާއެކު ހަދާފައިވާ ކަމަށް ބުނެ އާންމުވެފައިވާ އެއްބަސްވުންތަކަކީ ތެދު އެއްބަސްވުންތަކެއް ކަމަށެވެ. ޔާމީން ވިދާޅުވީ އުތުރުތިލަފަޅުގެ ލީކުވި އެއްބަސްވުމުގައި ހުރި ބައެއް ކަންކަން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ދޮގުކުރެއްވިއިރު އެ އެއްބަސްވުން އެއްކޮށް ދޮގުކުރައްވަން ކެރިވަޑައިނުގަތް ކަމަށެވެ.

އެ މަނިކުފާނަށް ވެރިކަން ލިބިވަޑައިގެންފިނަމަ އެ ހުރިހާ އެއްބަސްވުމެއްގައި ހުރި ކަންކަން ރައްޔިތުންނަށް ސާފުކޮށް ކިޔައިދެއްވާނެ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.