ޚަބަރު

މިނީ ބަސްތަކަށް އަމީނީ މަގުން ޕާކިން ޒޯނެއް

މުހައްމަދު އިޝާން

އަންނަ ހޯމަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިނީ ބަހުގެ އޮޕަރޭޝަންތަކަށް ޖާގަ ދިނުމަށް އަމީނީ މަގުގައި ޕާކިން ޒޯނެއް ހަދައިފިއެވެ.

މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަމީނީ މަގުގައި ހެދި ޕާކިން ޒޯނުގައި 335 ސައިކަލް ޕާކު ކުރެވޭނެ ކަމަށާއި އެ ޕާކިން ޒޯނަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) މަޝްރޫއުގެ ދަށުން މާލޭގައި ފެށުމަށް ހަމަޖެހިފައިވާ މިނީ ބަހުގެ ހިދުމަތްތަކުގެ އޮޕަރޭޝަންތަކަށް ޖާގަ ދިނުމަށް ހެދި ޕާކިން ޒޯނެއް ކަމަށެވެ.

"އަލަށް ހެދި ޕާކިން ޒޯނުގެ ކެޕޭސިޓީއަކީ 335 ސައިކަލު. އަމީނީ މަގުގައި ހެދި މި ޕާކިން ޒޯނަކީ މިނީ ބަސް އޮޕަރޭޝަންތަކަށް ޖާގަ ދިނުމުގެ މަސައްކަތުގެ ތެރެއިން ހެދި ޕާކިން ޒޯނެއް،" މުއިއްޒު ވިދާޅުވިއެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ފަށަން ތައްޔާރުވަމުންދާތީ ސިޓީ ކައުންސިލުން ވަނީ މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން މަޖީދީ މަގުގައި ޕާކު ނުކުރެވޭ ގޮތް ހަދައިފައެވެ.

މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް "ވަން" އަށް އެދުވަހު ވިދާޅުވެފައިވަނީ، ސަރުކާރުގެ މިނީ ބަހުގެ ޕްރޮޖެކްޓުގެ ދަށުން މިނީ ބަހުގެ ހިދުމަތް ފަށަން ތައްޔާރުވުމުގެ ގޮތުން މާލޭގެ ބޮޑެތި މަގުތަކުގައި ޕާކު ނުކުރެވޭ ގޮތް ހަދަން އެދުނު ކަމަށެވެ. އެގޮތުން އެކަމަށް އެއްބާރުލުން ދިނުމުގެ ގޮތުން މިހާރު މަޖީދީ މަގުގައި ޕާކު ނުކުރެވޭ ގޮތް ހަދާފައިވާ ކަމަށެވެ.

ނަރީޝް ވިދާޅުވެފައިވަނީ، މީގެ ކުރިން ޕާކު ނުކުރެވޭ ގޮތް ހަދަން ސަރުކާރުން އެދުމުން ސިޓީ ކައުންސިލުން އެކަމަށް ދެކޮޅު ހެދީ ޕާކު ކުރާނެ ޕާކިން ޒޯންތައް ނެތުމުން ކަމަށެވެ. ނަމަވެސް މިހާރު ޕާކިން ޒޯންތައް ހަދާނެ ތަންތަން ދީފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އެގޮތުން މިނީބަސް ރޫޓުގައި ހިމެނޭ ނަލަހިޔާ ބުރު ކައިރީ މަގުގެ މެދުގައި ޖަހާފައިވާ ޑިވައިޑާއިން ބައެއް ނަގައި ސަން ފްރަންޓް ފިހާރަ ކައިރީ ޕޭމަންޓުންވެސް ވަނީ ބައެއް ނަގައިފައެވެ. އަދި އެތަނުގައި މިހާރު ވަނީ އާ ޕާކިން ޒޯނެއް ހަދައިފައެވެ.

މިނީ ބަހުގެ ޓިކެޓު އަގަކީ ހަތް ރުފިޔާ ކަމަށް ސަރުކާރުން ހަމަޖައްސައިފައިވާކަން އިއްޔެ ވަނީ ހާމަކޮށްފައެވެ.

ސަރުކާރުގެ ރަސްމީ ޓުވިޓާ އެކައުންޓުން އިއްޔެ އާންމުކުރި ވީޑިއޯއެއްގައި، މިނީ ބަހުގެ ހިދުމަތާ ގުޅޭ މައުލޫމާތު ވަނީ އާންމުކޮށްފައެވެ. އެ މައުލޫމާތުތަކުގައިވާ ގޮތުން މާލޭގައި ދުއްވުމަށް ހަމަޖެހިފައިވަނީ 12 މިނީ ބަހެވެ. އަދި ބަހުގައި އަބަދުވެސް 20 ޖާގަ، ފުރޮޅުލީ ގޮނޑިއަށް ހާއްސަކޮށްފައިވެއެވެ. މިނީ ބަސް އޭސީ ކޮށްފައި ހުންނަ އިރު، ކޮންމެ 10 މިނިޓަކުން ކޮންމެ ބަސް ސްޓޮޕަކަށް މިނީ ބަސް އަންނާނެއެވެ.

މިނީ ބަހުން ހިލޭ ދަތުރުކުރެވޭނެ ފަރާތްތަކަކީ ތިން އަހަރުން ދަށުގެ ކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ސްކޫލް ޔުނިފޯމުގައި ސްކޫލް ކުދިން ކުރާ ދަތުރުތައް ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

އެމްޓީސީސީން ވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު މިނީ ބަހުގެ ޓެސްޓު ބުރުތަކެއް ފަށައިފައެވެ. މިނީ ބަހުގެ ހިދުމަތް ރަސްމީކޮށް ފެށުމުގެ ކުރިން އާންމުންނާއެކު ދެ ހަފުތާގެ ޓެސްޓު ބުރެއް ކުރިއަށްގެންދަން އެމްޓީސީސީން ވަނީ ނިންމައިފައެވެ.