އެ މަނިކުފާނުގެ ދަރިން އެހެން ސިޔާސީ ޕާޓީތަކުގައި މަސައްކަތް ކުރެއްވިއްޔަސް މައްސަލައެއް ނެތް ކަމަށް މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ވީޓީވީގެ ބޮޑުފެންޑާ ޕްރޮގުރާމުގައި ރޭ ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ، އެ މަނިކުފާނު ވާނީ ދަރިންނަށް ތައުލީމުދީ ޒިންމާދާރު މީހުންނަށް ހަދާފައިވާ ކަމަށާއި އެ ކުދިންނަކީ އަމިއްލަ ވިސްނުމުގައި ކަންތައް ކުރަންވީ ގޮތް އެނގިވަޑައިގަންނާނެ ބައެއް ކަމަށެވެ.
"އަޅުގަނޑުގެ ކުދިންނަކީ ހުރިހާ ކުދިންވެސް އެތިބީ ހަމަ ރަނގަޅު ތައުލީމެއް ލިބިގެން ބޮޑެތިވެފަ. ދެން ހަމަ ޒިންމާދާރު ރައްޔިތުންތަކެއްގެ ގޮތުގައި އެތިބީ. ކޮންމެ ކުއްޖެއްގެވެސް އަމިއްލަ ވިސްނުން ހުންނާނެ. އެހެންވީމާ އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑެއް ނުޖެހޭނެ އެ ކުދިންނަށް ކިޔާދޭކަށް މިވެނި ގޮތަކަށް ކަންތައްކުރާށޭ، އެ ކުދިންނަށް ރަނގަޅު ތައުލީމެއް ހާސިލުކޮށްދިނީމާ އަޅުގަނޑު ބައި ނިމުނީ. ދެން އޮންނާނީ އެ ކުދިންނަށް ފެންނަ ގޮތަކަށް ކަންތައްކުރާނެ. އަޅުގަނޑު ނުބުނާނަން ވަކި ހުރިހާ ކުދިން އަޅުގަނޑު ޕާޓީގައި ތިބޭށެކޭ" މައުމޫން ވިދާޅުވިއެވެ.
މައުމޫންގެ ބޭފުޅުންގެ ތެރެއިން އެ މަނިކުފާނުގެ އެމްއާރްއެމްގެ ތިއްބެވީ ހެރިޓޭޖް މިނިސްޓަރު ކަމުގައި ހުންނެވި ޔުމްނާ މައުމޫނާއި ފާރިޝް މައުމޫނެވެ. ފާރިސް ހުންނެވީ އެ ޕާޓީގެ ރައީސްގެ މަގާމުގައެވެ.
މައުމޫންގެ ދެން ތިއްބަވާނީ ދުންޔާ މައުމޫނާއި ޣައްސާން މައުމޫނެވެ. ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރުގެ މަގާމު ޣައްސާން ހުންނެވި އިރު، ދުންޔާ ހުންނެވީ އެމްއެންޕީގެ އަންހެނުގެ ގޮފީގެ ލީޑަރުގެ މަގާމުގައެވެ.
"އެ ކުއްޖަކަށް މަންޒަރު ފެންނަ ގޮތުން އެ ކުއްޖަކަށް ކުރިއަށް ދެވޭނީ ކިހިނެއްތޯ ބަލާފަ، އެ ކުއްޖަކު ނިންމާނީ. އޭގެ ފުރިހަމަ އިހުތިޔާރު އެ ކުއްޖަކަށް އޮންނާނެ" މައުމޫން ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ކޮންމެ ސިޔާސީ ޕާޓީއެއްގެ ބޭނުމަކީވެސް ވެރިކަމަށް އައުން ކަމަށާއި އެމްއާރްއެމްގެ އަމާޒަކީވެސް އެއީ ކަމަށެވެ. ނަމަވެސް ވެރިކަމަށް ދެން އެ މަނިކުފާނު ކުރިމަތި ނުލައްވާނެ ކަމަށާއި ޕާޓީން އަންނަ އަހަރުގެ އިންތިހާބުގައި ވާދަކުރުމާމެދު ގޮތެއް ނިންމަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެގޮތުން އިންތިހާބުގައި ވާދަކުރާ ނަމަ ވާދަކުރާނީ ކެނޑިޑޭޓަކު ނެރެގެންތޯ ނުވަތަ ކޯލިޝަން ހަދައިގެންތޯ ނިންމާނީވެސް ޕާޓީން މަޝްވަރާކުރުމަށްފަހު ކަމަށް ވިދާޅުވިއެވެ.