ގދ. ތިނަދޫން ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނު އަންހެން މީހާ، ކަސްޓަޑްގެއާގެ ހައްވާފާނު (80އ) އަށް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ.
ތިނަދޫ ކައުންސިލްގެ މެމްބަރު އަހުމަދު ވަހީދު "ވަން" އަށް މިރޭ ވިދާޅުވީ، ހައްވާފާނު ވެއްޓިފައިވަނީ ބޭރުގައި އުޅުނު ވަގުތު ސްޓްރޯކެއް ޖެހިގެން ކަމަށާއި އޭނާއަށް ލިބިފައިވާ އަނިޔާތަކަކީ ވެއްޓުނު ގަޑީގައި ލިބިފައި ހުރި އަނިޔާތަކެއް ކަމަށް ބެލެވޭ ކަމަށެވެ.
އޭނާ ވިދާޅުވީ ހައްވާފާނު ސިކުޑިއަށް ލޭ އެޅިފައިވުމުގެ ސަބަބުން އޭނާގެ ހާލު މިއަދު ސީރިއަސްވި ކަމަށާއި އޭނާއަށް ފަރުވާދެމުން ދިޔައީ ވެންޓިލޭޓަރުގައި ކަމަށެވެ. އަދި ހައްވާފާނަށް ފަރުވާ ދެމުންދަނިކޮށް މިރޭގެ ވަގުތެއްގައި މަރުވެފައިވާ ކަމަށެވެ.
ހައްވާފާނު ގެއްލިގެން ހޯދަމުން ދަނިކޮށް ހައްވާފާނު ފެނިފައިވަނީ އެރޭގެ 8:45 އެހާކަންހާއިރެވެ. ހައްވާފާނު ފެނުނީ ތިނަދޫ މިއުޒިއަމް ޕާކު ކައިރީގައި ހުރި ފަޅު ގޯއްޗެއްގެ ތެރެއަށް ހޭނެތިގެން ވެއްޓިފައި އޮއްވައެވެ.