ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރި މަސްތުވާތަކެތި ބަލައިދިޔަ މީހާގެ ބަންދަށް ކުރިމިނަލް ކޯޓުން 30 ދުވަސް ޖަހައިފިއެވެ.

ކަސްޓަމްސްއިން މިއަދު ބުނީ، އެ މަސްތުވާތަކެތި އަތުލައިގެންފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ޖަރުމަނުން ރާއްޖެ ގެނައި ޕެކޭޖުތަކެއް ބަލައިފާސްކުރުމުގެ ތެރެއިން ކަމަށެވެ. އެ ޕެކޭޖުތަކުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި އަޅާފައި ހުރި ހަތަރު ޕެކެޓެއް ފެނިފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

އަތުލައިގަތް ތަކެތީގެ ތެރެއިން ދެ ޕެކެޓެއްގައި ބަންދުކޮށްފައި ހުރީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެޓަމައިން ކަމަށާއި އެ ދެ ޕެކެޓުގެ ބަރުދަނުގައި 1.087 ކިލޯގްރާމް ހުރި ކަމަށެވެ. އަދި އަނެއް ދެ ޕެކެޓުގައި ހުރީ ކެނަބިސް ކަމަށާއި އެތަކެތީގެ ބަރު ދަނުގައި 587 ގްރާމް ހުރި ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

އެތަކެތީގެ ބަރުދަނުގައި ޖުމުލަ 1.674 ކިލޯގްރާމް ހުރި ކަމަށާއި އެތަކެތީގެ މަގުމަތީ އަގު ފަސް މިލިއަން ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

ކަސްޓަމްސްއިން ބުނީ އެ މަސްތުވާތަކެތީގެ މައްސަލައިގައި ޝާމިލުވާ މީހާ އާއި ޕެކޭޖުން ފެނުނު މަސްތުވާތަކެތި ފުލުހުންނާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ އަންހެނެކެވެ. އޭނާގެ ބަންދަށް 30 ދުވަސް ކުރިމިނަލް ކޯޓުން ޖަހާފައި ވަނީ އިއްޔެއެވެ.