ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގަންނަވާނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ނޫހެއް ކަމަށްވާ "ދަ ޕްރިންޓް" އަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ، ރައީސް ސޯލިހުގެ ލީޑާޝިޕްގެ ދަށުން ކޮށްދީފައިވާ ކަންތައްތައް ދިވެހި ރައްޔިތުން ބަލައިގަނެފައިވާ ކަމަށެވެ.
މިއީ މިއީ ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެ ކަމަށް އިއުލާން ކުރައްވައިގެން ހުންނެވި ރައީސް ސޯލިހަށް ޝާހިދު މިހާ ފާޅުކަން ބޮޑު ގޮތެއްގައި ތާއީދުގެ ބަސްފުޅެއް ވިދާޅުވި ފުރަތަމަ ފަހަރެވެ.
ޝާހިދު މިހެން ވިދާޅުވި އިރު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ވާދަކުރައްވާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ އެއް ބޭފުޅަކީ ޝާހިދެވެ. ހާއްސަކޮށް އެމްޑީޕީއަށް ތިންވަނަ ވިސްނުމެއް ބޭނުންވާ ކަމަށާއި ޝާހިދަކީ ވެރިކަމަށް ވަޑައިގަތުމަށް ހުރިހާ ރުކުނެއް ހަމަވާ ބޭފުޅެއް ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން ރައީސް ސޯލިހާ ދެކޮޅަށް ޝާހިދު ނުކުމެދާނެ ކަމަށް ލަފާކުރި މީހުން ގިނައެވެ.
އިންޑިއާއާއި ރާއްޖޭގެ ގުޅުމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، އިންޑިއާއަކީ ރާއްޖޭގެ ފުރަތަމަ އަދި އެންމެ ގާތް އެކުވެރިޔާ ކަމަށާއި އެ ގުޅުން ރާއްޖެއިން ދަމަހައްޓާނެ ކަމަށެވެ. އަދި "އިންޑިއާ އައުޓް" ކެމްޕެއިނަކީ ތަރައްގީގެ އެޖެންޑާއެއް ނެތް އިދިކޮޅު ފަރާތްތަކުން ހިންގާ ހަރަކާތެއް ކަމަށާއި އެމީހުންގެ ބޭނުމަކީ ރާއްޖެއާއި އިންޑިއާގެ ގުޅުން ހީނަރުކުރުން ކަމަށްވެސް ވިދާޅުވިއެވެ.