ޗެމްޕިއަންސް ލީގު ފުޓުބޯޅައިގެ ބަދަލުގައި ޔޫރޮޕާ ލީގު ކުޅެން ޖެހުނު ނަމަވެސް މެންޗެސްޓާ ޔުނައިޓެޑުގައި ކްރިސްޓިއާނޯ ރޮނާލްޑޯ މަޑުކުރާނެ ކަމަށް ކޯޗު އެރިކް ޓެން ހާގު ބުނެފިއެވެ.

މިދިޔަ ސީޒަނުގައި ޔުނައިޓެޑަށް އެނބުރި ދިޔަ ރޮނާލްޑޯ މި ސީޒަނުގެ ކުރިން ވަނީ ކްލަބު ދޫކޮށްލަން މަސައްކަތްތަކެއް ކޮށްފައެވެ. އެއީ ޗެމްޕިއަންސް ލީގުގައި ކުޅެން ބޭނުންވާ ކަމަށް ބުނެއެވެ. މިސީޒަނުގައި ޔުނައިޓެޑުން ޔޫރަޕުގައި ކުޅޭނީ ޔޫރޮޕާ ލީގު ކަމަށްވީ އިރު، ރޮނާލްޑޯގެ އެޖެންޓް ވަނީ ޗެމްޕިއަންސް ލީގު ކުޅޭ ކްލަބަކަށް ރޮނާލްޑޯ ގެންދަން ބުރަކޮށް މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް އެ މަސައްކަތް ކާމިޔާބުވެފައެއް ނުވެއެވެ.

މިދިޔަ ސީޒަން ރޮނާލްޑޯ ނިންމާލީ 24 ގޯލު ޖަހައިގެންނެވެ. އެ ސީޒަން ރޮނާލްޑޯއަށް ކާމިޔާބު ނަމަވެސް އޭނާ މަޑުކުރަން ބޭނުން ނުވާ ކަމަށް އެޖެންޓް ވަނީ ޕްރި ސީޒަންގެ ކުރިންވެސް ބުނެފައިވެއެވެ. އެހެން ނަމަވެސް އަލަށް ޔުނައިޓެޑާ ހަވާލުވި ކޯޗު ޓެން ހާގު ބޭނުންވީ ރޮނާލްޑޯ މަޑުކުރުވާށެވެ. ޓްރާންސްފާ ޑެޑްލައިން ޑޭ ކުރިއަށް އޮތް އިރު، އަދިވެސް ޓެން ހާގު ބުނަނީ އެހެންނެވެ.

"ރޮނާލްޑޯ މަޑުކުރާނެކަން ސާފު. ހުރިހާ މެޗެއް ކަވަރު ކުރަން ކޮލިޓީ ރަނގަޅު ކުޅުންތެރިން ބޭނުންވާނެ. ހަލުވި ސްޓައިލަކަށް ކުޅޭއިރު ކުރިއަށް ކުޅޭ ކުޅުންތެރިންނަށް ފިޓްނަސް މައްސަލަ ބޮޑުވާނެ. އެއީ އަހަރެމެންގެ ސްޓައިލުގައި ކުރިއަށް ކުޅޭ ކުޅުންތެރިން ބޮޑަށް ދުވަން ޖެހޭނެތީ،" ޓެން ހާގު ބުންޏެވެ.

ޔުނައިޓެޑުން މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން ރޮނާލްޑޯ ފުރަތަމަ 11 ގައި ފެނިފައިވަނީ އެންމެ މެޗެއްގައެވެ. އެންމެފަހުން ޔުނައިޓެޑުން ކުޅުނު ދެމެޗުން މޮޅުވީވެސް ރޮނާލްޑޯ ފުރަތަމަ 11 ގައި ނުހިމަނައެވެ. އެ ދެމެޗުގައިވެސް ޓެން ހާގު ވަނީ ރޮނާލްޑޯ ބެންޗުން ކުޅެން އަރުވައިފައެވެ.

ޔުނައިޓެޑުން ދަށްކޮށް ސީޒަން ފެށުމުން ސަޕޯޓަރުންގެ ފަރާތުން ވެރިންނަށް ޕްރެޝަރާ ކުރިމަތިވުމުން، ވެރިން ވަނީ ޓްރާންސްފާތައް ވަރުގަދަކޮށްފައެވެ. އެގޮތުން ޔުނައިޓެޑުން ވަނީ މިދިޔަ ހަފުތާ ތެރޭގައި ރެއާލް މެޑްރިޑުގެ މިޑްފީލްޑަރު ކަސެމީރޯއާއި އަޔެކްސްގެ އެންޓޮނީވެސް އެ ކްލަބަށް ގެންގޮސްފައެވެ. މިއަދުގެ ޕްރެސް ކޮންފަރެންސްގައި ޓެން ހާގު ބުނީ މި ހިނގާ ޓްރާންސްފާ ސީޒަނަށް ކުރަން އޮތް ޓްރާންސްފާތައް މިހާރު ނިމިފައިވާ ކަމަށެވެ.