ނިއުކާސަލްއަށް ކުޅެމުން އަންނަ ގޯލްކީޕަރު މާޓިން ޑުބްރަވްކާ ގެންދަން މެންޗެސްޓާ ޔުނައިޓެޑުން އެއްބަސްވުމަކަށް އައިސްފިއެވެ.
ނިއުކާސަލްގެ އެއް ނަންބަރު ގެންދަން ޔުނައިޓެޑުން އެއްބަސްވުމަކަށް އައިސްފާވާކަން އިތުބާރު ނޫސްތަކުން ވަނީ ޔަގީންކޮށްދީފައެވެ. ޔުނައިޓެޑްގެ އެއް ނަންބަރު ގޯލްކީޕަރު ޑޭވިޑް ޑެހެއާގެ ބެކަޕް ގޯލްކީޕަރެއް ހޯދަން ކޯޗު އެރިކް ޓެން ހާގު މަސައްކަތްކުރަމުން ދަނީ އެޓީމުގެ ދެވަނަ ގޯލްކީޕަރު މަގާމުގައި ހުރި ޑީން ހެންޑާސަން ލޯން އެއްބަސްވުމެއްގައި ނޮޓިންހަމް ފޮރެސްޓަށް ދިއުމުންނެވެ.
ދެވަނަ ގޯލްކީޕަރެއް ހޯދަން ޔުނައިޓެޑުން ކުރަމުންދިޔަ މަސައްކަތުގައި ފުރަތަމަ ބެލީ އެންޓްރެޗް ފްރެންކްފާޓްގެ ގޯލްކީޕަރު ކެވިން ޓްރެޕް ގެންދިއުމަށް ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ.
އުމުރުން 33 އަހަރުގެ ސްލޮވޭކިއާ ގޯލްކީޕަރު ޑުބްރަވްކާ ނިއުކާސަލަށް ދިޔައީ 2018 ވަނަ އަހަރުއެވެ. އޭގެފަހުން މި ސީޒަނާ ޖެހެންދެން ނިއުކާސަލްގެ ގޯލު ބެލެހެއްޓުމުގައި ޑުބްރަވްކާ ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ. އެހެންނަމަވެސް މި ސީޒަނަށް ނިއުކާސަލުން ނިކް ޕޯޕު ގެންދިޔުމާއެކު ޑުބްރަވްކާއަށް ވަނީ ޓީމުގެ އެއްވަނަ ގޯލުކީޕަރުގެ ޖާގަ ގެއްލިފައެވެ.
ދަށްކޮށް ސީޒަން ފެށުމުން ޔުނައިޓެޑްގެ ސަޕޯޓަރުންގެ ފަރާތުން ވެރިންނަށް ޕްރެޝަރާ ކުރިމަތިވުމުން، ވެރިން ވަނީ ޓްރާންސްފާތައް ވަރުގަދަކޮށްފައެވެ. އެގޮތުން ޔުނައިޓެޑުން ވަނީ މިދިޔަ ހަފުތާ ތެރޭގައި ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ކަސެމީރޯވެސް އެ ކްލަބަށް ގެންގޮސްފައެވެ.
އޭގެ ކުރިން ޔުނައިޓެޑުން ސީޒަނަށް ތައްޔާރުވާން ޑިފެންޑަރު ލިސާންޑްރޯ މާޓިނޭޒްއާއި ޓައިރަލް މަލާސިއާވެސް ގެންގޮސްފައިވާ އިރު، މިހާރު ދަނީ ބްރެޒިލް ފޯވަޑް އެންޓޮނީ އިއުލާނުކުރަންވެސް ތައްޔާރުވަމުންނެވެ.
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް