ރިޕޯޓް

މިމްރާހުގެ ކުއްލި މަރާއެކު އުނގޫފާރާއި ފުޓުބޯޅަ އާއިލާއަށް ޝޮކެއް، އެކުވެރީންނަށް ހަށިގަނޑު ފެނުނީ މޫދު އަޑިން

މުޙައްމަދު ޝަމްޢޫން

1

ކުއްލި މަރެއްގެ ހަބަރާއެކު އަނެއްކާވެސް ސިހުން ގެނުވައިފިއެވެ. ރ. އުނގޫފާރަށް ނިސްބަތްވާ އުމުރުން އެންމެ 25 އަހަރުގެ އަލީ މިމްރާހު، ކުއްލި ގޮތަކަށް ދުނިޔެއާ ވަކިވި ހަބަރާ އެކު، 2000 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ އުނގޫފާރު ފުން ހިތާމައެއްގެ ތެރެޔަށް ގަންބާލައިފިއެވެ. ޒުވާނުންގެ ގިނަ ހަރަކާތްތަކުގައި ޝާމިލުވެ އުޅޭ މިމްރާހަކީ ރަށު ފުޓުބޯޅަ ޓީމުގެ ފޯވަޑެއްވެސް މެއެވެ. އެމްޓީސީސީ ނޯތު ލީގުގައި އިއްޔެ އުނގޫފާރުން ރ. އަލިފުއްޓާ ދެކޮޅަށް ކުޅުނު މެޗުގައިވެސް މިމްރާހު ވަނީ ކުޅެފައެވެ.

އެމްޓީސީސީ ނޯތު ލީގުގެ ގްރޫޕް ޑީގައި ރ. އަތޮޅުގެ މެޗުތައް މިހާރު ކުރިއަށްދާ އިރު، މެޗުތައް އޮންނަނީ އަލިފުށީގައެވެ. މުޅި ރަށް އެކުގައި ކަހަލަ ގޮތަކަށް ފުޓުބޯޅައިގެ ތެރޭގައި ފޯރި ނަގަމުން ދިޔަ މި ދަނޑިވަޅުގައި ޓީމުގެ މުހިއްމު ކުޅުންތެރިޔަކު ކުއްލިއަކަށް ވަކިވެ ދިޔުމާއެކު، ކުޅުންތެރީން ވެސް ތިބީ ޝޮކެއްގައެވެ.

"މިވަގުތު ވާހަކަ ދައްކަންވެސް އުނދަގޫ. އެ ވާހަކަ ކިޔައިދޭންވެސް ދަތި. ވަރަށް ބޮޑަށް އަސަރުކޮށްފި. އެކުގަ ފަސްވަރަކަށް މަސް މި ހޭދަކުރެވުނީ މިމްރާހާއެކު. ގެއްލިގެން އެދިޔައީ އުންމީދީ ފޯވަޑެއް، ހުނަރުވެރި ކުޅުންތެރިއެއް. ވަކިން ހާއްސަކޮށް އެއީ ހިތްހެޔޮ، ޑިސިޕްލިން ވަރަށް ރަނގަޅު، މަޖާ، އެންމެންނާ ގުޅޭ ކުޅުންތެރިއެއް،" ގިސްލުމާއެކު ވާހަކަ ދެއްކި އުނގޫފާރު އެފްސީގެ ކޯޗު، ރާއްޖޭގެ އެންމެ މޮޅު އެއް ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) "ވަން" އަށް ބުންޏެވެ.

އުނގޫފާރު އެފްސީ މިވަގުތު އޮތީ ޝޮކެއްގައެވެ. ފުޓުބޯޅައާ މެދު ވިސްނުމުގެ ހިތްވަރެއް ކޯޗު މޯހަންގެ ކިބައިގައިވެސް މިވަގުތަކު ނެތެވެ. ކުއްލިއަކަށް މިމްރާހް ވަކިވުން ވެފައިވަނީ ހިތަށް ތަސައްވަރު ނުކުރެވޭ ވަރުގެ ދެރައަކަށެވެ. ކޯޗު މޯހަންއަށް ވާހަކަ ދައްކަންވެސް އުނދަގޫވެފައި ހުރި ހާލަތުގައި ކުރިއަށް އޮތް ފިޔަވަޅެއް އޭނާގެ ސިކުނޑިއަކުވެސް މިވަގުތު ނެތެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިމްރާހު މިއަދު ފީނަން ގޮސްފައިވަނީ އުނގޫފާރު ކައިރީގައި އޮތް ފަޅުރަށެއްގެ ކައިރިއަށެވެ. އެކުގައި އިތުރު ތިން ޒުވާނަކުވެސް ފީނަން ދިޔަ އިރު، މިމްރާހު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އެ ޒުވާނުންނެވެ.

"ވަން"އަށް އެނގިފައިވާ ގޮތުގައި މިމްރާހު ގެނބުނުކަން ޒުވާނުންނަށް އެނގުނީ ހުރިހާ އެންމެން ރަށަށް ދިއުމަށް ޓަކައި، ފީނަން ދިޔަ އުޅަނދަށް ދިޔަ އިރު، އޭނާ ނެތުމުން ހޯދަމުން ދަނިކޮށެވެ. މިމްރާހު ގެއްލިގެން އޭނާ ހޯދި ޒުވާނުންނަށް އޭނާ ފެނިފައިވަނީ މޫދު އަޑިން ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

"އުމުރުން 25 އަހަރުގެ ޒުވާނަކު މިއަދު ހަވީރު 4:30 ހާއިރު ހޮސްޕިޓަލަށް ގެނެސްފައިވޭ. އެ ޒުވާނާ ގެނައިރުވެސް ވަނީ މަރުވެފަ. އެ ހާދިސާ ހިނގަން ދިމާވި ސީދާ ސަބަބު ހޮސްޕިޓަލަށް އަދި އެނގިފައެއް ނުވޭ،" އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން "ވަން"އަށް ބުންޏެވެ.

މިމްރާހަކީ އެކުވެރިކަމުގެ ނަމޫނާއެއްކަން ރަށުން ވާހަކަދެއްކި ކޮންމެ މީހެއްގެ ފަރާތުންވެސް ވަނީ އެނގިފައެވެ. އެންމެންނާވެސް ގުޅޭ ރަނގަޅު އެކުވެރިއެކެވެ. އުނގޫފާރު އާބިން ގެއަށް ނިސްބަތްވާ މިމްރާހަކީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ތަރުޖަމާނެއްގެ ވަޒީފާގައި ހުރި ޒުވާނެކެވެ. މިމްރާހު އަދި ކައިވެންޏެއް ކޮށްފައި ނުވާ އިރު، އޭނާއަކީ ކުޅިވަރަށް ހާއްސަ ޒުވާނެއްވެސް މެއެވެ.

"މިމްރާހަކީ ހުރިހާ އެންމެންނާވެސް ގުޅޭ، ހާއްސަކޮށް ޒުވާނުންނާ ވަރަށް ބޮޑަށް ގުޅިގެން ހަރަކާތްތެރިވާ މީހެއް. ރަށުގެ ފުޓުބޯޅަ ޓީމަށް އޭނާ ހާއްސަވާނެ. އެއީ ރަށުގެ އެންމެ މޮޅު އެއް ފޯވަޑް. އޭނާ މިފަހަރު މުބާރާތަށް ތައްޔާރުވި އިރު ހުރީ ކޮންމެވެސް ވަރެއްގެ އަނިޔާއެއްގަ. އެހެން ނަމަވެސް މިހާތަނަށް ކުޅުނު މެޗުތަކުގައިވެސް ކުޅެފައިވޭ. ޓީމަށް އައި ޝޮކާއެކު ބާކީ އޮތް މެޗުތަކުގަ ޓީމުގެ ކަންކަން ކުރާނެ ގޮތެއް މިކޮޅުންވެސް ކޯޗާ ވާހަކަދައްކައި ކުރިއަށް ގެންދާނަން،" ކައުންސިލުގެ ރައީސް އަބްދުﷲ ރަޝީދު "ވަން"އަށް ވިދާޅުވިއެވެ.

މިމްރާހަކީ މޫދުގެ ކުޅިވަރުތަކަށްވެސް ކޮންމެވެސް ވަރަކަށް ޝައުގު ހުރި ޒުވާނެކެވެ. މަސް ހިފަން ދިއުން ފަދަ ކަންކަމުގައިވެސް ކޮންމެވެސް ވަރަކަށް، އަބަދުވެސް ހަރަކާތްތެރިވެ އުޅޭ ކަމަށް ރަށުން ވާހަކަ ދެއްކި ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ. އެހެން ނަމަވެސް އާންމު ގޮތެއްގައި ފީނުމުގެ ކަންކަމުގައި ޝާމިލުވެ ނޫޅޭ ކަމަށް ކައުންސިލް ރައީސް ވަނީ ފާހަގަކުރައްވައިފައެވެ.

މިމްރާހުގެ މަރުން ސިހުން ގެނުވީ އުނގޫފާރަށް އެކަންޏެއް ނޫނެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ތައުޒިޔާއާއެކު މުޅި ރާއްޖޭގެ އެކިކަންކޮޅުތަކުން އަންނަނީ އެކުވެރިންގެ ޝުއޫރުތައް ފާޅުކުރަމުންނެވެ. މިހާތަނަށް އެމްޓީސީސީ ނޯތު ލީގުގައި އުނގޫފާރުން ކުޅުނު ދެމެޗުގައިވެސް މިމްރާހު ބެންޗުން ކުޅެން އަރާފައިވާ އިރު، ޓީމަށް މިއީ ހައްސާސީ ދަނޑިވަޅެކެވެ. ކޯޗު މޯހަންއަށްވެސް މިމްރާހުގެ ވާހަކަދައްކަން ދައްޗެވެ. މުޅި ރަށް އޮތީ ހިތާމައިގެ ސިހުމެއްގައެވެ. މިމްރާހުގެ ފުރާނައަށް މާތް ﷲ ހެޔޮ ރަހުމަތްލައްވާށި، އާމީން!

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟