ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާއަށް، ރޭވިގެން ހިންގާ ނުރައްކާތެރި ގޭންގަކުން ޓާގެޓްކޮށް ގަދަކަމުން ފޭރުމަށާއި އެކިއެކި އިންޒާރުތައް ދިނުމަށް މަސައްކަތްކޮށްފައިވާ ކަމަށް އޭނާ ބުނެފިއެވެ.
ޕޮގްބާ މިހެން ބުނެފައިވަނީ އޭނާގެ ވަކީލުން މެދުވެރިކޮށް ނެރުނު ރަސްމީ ބަޔާނެއްގައެވެ. ބަޔާނުގައި ވަކީލުން ބުނެފައިވަނީ ޕޮގްބާއަށް ދިމާވި ކަންކަމުގެ މައުލޫމާތު ފުލުހުންނާ ހިއްސާކޮށް، ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށެވެ. އޭއެފްޕީން ބުނެފައިވަނީ ފްރާންސް ފުލުހުން އެ މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށެވެ.
ޕޮގްބާ އެފަދަ ބަޔާނެއް ނެރެފައިވާ އިރު، މީގެ ކުރިން ޕޮގްބާގޭ ބޭބެ، މަތިއަސް ޕޮގްބާ ވަނީ އޭނާގެ ކޮއްކޮ، ޕައުލް ޕޮގްބާއާ ގުޅޭ ބޮޑެތި ވާހަކަތަކެއް ހާމަކުރާނެ ކަމަށް ބުނެފައެވެ. މަތިއަސް އިއްޔެ އާންމުކުރި ވީޑިއޯއެއްގައި ބުނެފައިވަނީ ޕައުލްއާ ގުޅޭ ގޮތުން ސިއްސައިގެންދާ ވަރުގެ ވާހަކަތަކެއް އެނގޭނެ ކަމަށެވެ. އެހެންނަމަވެސް މަތިއަސް އޭގެ ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ.
ޕޮގްބާގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޕޮގްބާއަށް ބިރު ދައްކައި، ފޭރުމަށްވެސް އިންޒާރުތައް ދީފައިވާ ކަމަށާއި އެއީ ރޭވިގެން ހިންގާ ގޭންގަކުން ކުރަމުންދާ ކަމެއްކަން އެނގިފައިވާ ކަމަށެވެ. އަދި މީގެ މަހެއް ކުރިން އެފަދަ މައުލޫމާތުތައް އިޓަލީ އަދި ފްރާންސްގެ ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށްވެސް ވަކީލުންގެ ބަޔާނުގައި ބުނެފައިވެއެވެ.
އެންމެފަހުން ރަޝިއާގައި ބޭއްވި ވޯލްޑް ކަޕް 2018 ފްރާންސާއެކު ކާމިޔާބުކުރި ޕޮގްބާ ވަނީ މިދިޔަ ސީޒަނަށްފަހު ހިލޭ ޓްރާންސްފާއެއްގައި މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް، ކުރީގެ ކްލަބު ޔުވެންޓަސްއާ ގުޅިފައެވެ.
ޕައުލް ޕޮގްބާ
ޕައުލް ޕޮގްބާ
ޕައުލް ޕޮގްބާ
ޕައުލް ޕޮގްބާ