އެމްޓީސީސީ ނޯތު ލީގުގެ ގްރޫޕް ޑީގައި މިއަދު ހަވީރު ކުޅުނު މެޗުގައި ރ. އަލިފުށީ ރެކްރިއޭޝަން ކްލަބު ބަލިކޮށް، އުނގޫފާރު ފުޓްބޯލް ކްލަބު ލީގު ބުރުގެ ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.
ނޯތު ލީގުގެ ދެވަނަ ޑިވިޝަންގެ ގްރޫޕް ޑީގެ މެޗުތައް އަލިފުށީ ޓާފް ދަނޑުގައި ކުރިއަށްދާ އިރު، ތަޖުރިބާކާރު ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އިރުޝާދު ދެމުން އަންނަ އުނގޫފަރުން މިއަދުގެ މެޗު ކާމިޔާބުކުރީ 1-0 އިންނެވެ. މެޗުގައި އުނގޫފާރުން ޖެހި ހަމައެކަނި ގޯލު ޖެހީ ކުރިން ކްލަބް އީގަލްސް އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ކުޅުނު އުޒްބެކިސްތާނުގެ މިޑްފީލްޑަރު، އުމަރުޔޯނޯފް އަހްރޯރެވެ.
މެޗުގައި އުމަރުޔޯނޯފް ޖެހި ގޯލަކީ 16 ވަނަ މިނެޓުގައި އޭނާ ޖެހި ގޯލެކެވެ. އެ ގޯލު އުމަރުޔޯނޯފް ޖެހީ މެދުތެރެއިން އަލިފުށީގެ ދެ ކުޅުންތެރިޔަކު ނައްޓާލައި، ހާފުގެ މެދެއްހާ ހިސާބުން ގޯލަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.
އުނގޫފާރުން ކުޅުނު ފުރަތަމަ މެޗުގައި ދުވާފަރާ އެއްވަރުވެފައިވާ އިރު، އެ މެޗުގައިވެސް ގޯލު ޖެހީ އުމަރުޔޯނޯފްއެވެ. މިހާތަނަށް ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައި އުނގޫފާރު އެއްވަނައިގައި އޮތް އިރު، ދެވަނައިގައި އޮތީ ފުރަތަމަ ދެ މެޗުން ދެ ޕޮއިންޓެއް ހޯދި ދުވާފަރެވެ. އަލިފުށީ ތާވަލުގެ ތިންވަނައިގައި އޮތީ ދެ މެޗުން ޕޮއިންޓެއް ހޯދައިގެންނެވެ.
ނޯތު ލީގުގެ ގްރޫޕް ޑީގައި ކުޅޭނީ ދުވާފަރާއި އަލިފުށީގެ އިތުރުން އުނގޫފާރެވެ. ލީގު ބުރުގައި ކޮންމެ ޓީމެއް ދެ ބުރު ކުޅޭނެއެވެ. ނޯތު ލީގުގެ ގްރޫޕް ޑީގައި ދެން ކުޅޭ މެޗު އޮންނާނީ އަންގާރަ ދުވަހު ހަވީރުއެވެ. އެ މެޗުގައި ކުޅޭނީ އަލިފުއްޓާއި ދުވާފަރެވެ.
ނޯތު ލީގުގެ ފުރަތަމަ ޑިވިޝަނުން މިހާތަނަށް ޖާގަ ހޯދާފައިވާ ޓީމުތަކަކީ ދިއްދޫ ބްލެކްޒީނޯ ސްޕޯޓްސް ކްލަބް، ކުޅުދުއްފުށީ ޒިގްޒެޒް ފޯ ޔޫތު ލިންކޭޖް، އެސޯސިއޭޝަން ފޯ ފޯކައިދޫ ޔޫތު ޑެވެލޮޕްމަންޓް، ޔުނިޓީ ސްޕޯޓްސް، ކެނދިކުޅުދޫ ފުޓްބޯލް ކްލަބް އަދި ޓީމު ހޮޅުދޫއެވެ. ދެން އެ ޑިވިޝަނަށް ރ. އަތޮޅުން ދާނީ ގްރޫޕް ޑީގެ އެއްވަނަ އާއި ދެވަނައެވެ.
އެފްއޭއެމުން 2023/2024 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގު ފުޅާކުރާ އިރު، ރާއްޖެ ބެހިގެންދާނީ ހަަތަރު ޒޯން ލީގަކަށެވެ. ޒޯން އެކެއް ނުވަތަ ނޯތު ޒޯން ލީގުގައި ހިމެނެނީ ހއ، ހދ، ށ، ނ، ރ އެވެ. ޒޯން ދޭއް ނުވަތަ ސެންޓްރަލް ޒޯން ލީގުގައި އޮތީ ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ އެވެ. ޒޯން ތިނެއް ނުވަތަ ސައުތު ޒޯން ލީގުގައި އޮތީ ތ، ލ، ގއ، ގދ، ޏ، ސ އެވެ. އަދި ޒޯން ހަތަރަކީ މިހާރު މާލޭގައި ކުރިއަށްދާ ފުރަތަމަ ޑިވިޝަން ނުވަތަ މާލޭ ލީގެވެ. މި ލީގުގައި ހިމެނޭނީ މާލެ، ހުޅުމާލެ، ވިލިމާލޭގެ ޓީމުތަކެވެ. ކޮންމެ ޒޯނެއްގައި ވެސް އެއްވަނަ ޑިވިޝަނާއި ދެވަނަ އަދި ތިންވަނަ ޑިވިޝަން އޮންނާނެއެވެ.
ކޮންމެ ޒޯނެއްގެ އެއްވަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމު 2023/2024 ގެ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާނެއެވެ. އެއީ ފުރަތަމަ ޑިވިޝަނުގައި އޮންނަ އަށް ކްލަބުގެ އިތުރުން ކޮންމެ ޒޯނެއްގެ ފުރަތަމަ ޑިވިޝަން ޗެމްޕިއަނުންނެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު