ފަނޑިޔާރުކަމުން ރިޓަޔާކުރެވޭ އުމުރަކީ 65 ކަމަށް ކަނޑައަޅަން "ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު" އަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
"ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު" ގައިވާ ގޮތުން ފަނޑިޔާރުންނަކީ ވަކި މުއްދަތަކަށް އައްޔަންކުރެވޭ ބައެއް ނޫނެވެ. ނަމަވެސް ފަނޑިޔާރެއްގެ އުމުރުން 70 އަހަރުވުމުން އެ މީހަކު މުސްކުޅިކުރެވޭނެއެވެ. އަދި އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަކިވެވޭނެއެވެ.
އެޓާނީ ޖެނެރަލް އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ފަނޑިޔާރުން އަމިއްލައަށް އެދިގެން ފަނޑިޔާރުކަމުގެ މަގާމުން ވަކިވެވޭނެ އުމުރަކީ 65 އަހަރު ކަމުގައި ކަނޑައެޅުމަށާއި، ފަނޑިޔާރުންނަށް ލިބިދޭ އިނާޔަތްތަކުގެ އޮނިގަނޑު އިސްލާހުކުރުމަށާއި، އެނޫންވެސް ބައެއް މުހިންމު އިސްލާހުތައް ގެނައުމަށްޓަކައި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް އެކުލަވާލައި މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުގެ ފަރާތުން ފޮނުވާފައިވާ ކަމަށެވެ.
އެ ބިލުން ގާނޫނަށް ހުށަހަޅާ މައިގަނޑު އެހެން އިސްލާހުތަކުގެ ތެރޭގައި ފަނޑިޔާރުންގެ ތެރެއިން ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް ފަނޑިޔާރުންނަށް އެފަދަ ތަނެއް ހޯދައިދެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން، ސަރުކާރުން ނުވަތަ އަމިއްލަ ފަރާތްތަކުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ދޫކުރާ ބިމާއި ފުލެޓަށް ކުރިމަތިލެވޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުން ހިމެނެއެވެ.
އަދި ފަނޑިޔާރުންނަށް ލިބޭ އިނާޔަތްތަކުގެ ތެރޭގައި ހިމެނޭ ލިވިން އެލެވަންސް ފަނޑިޔާރުންނަށް ލިބޭ އުސޫލު އިސްލާހުކޮށް، ލިވިން އެލެވަންސްގެ މިންވަރަކީ ފަނޑިޔާރުންގެ މުސާރައިގެ 35 ޕަސަންޓަށްވުރެ މަދުނުވާނެ އަދަދެއްކަމުގައި ގާނޫނުގައި ކަނޑައެޅުންކަމަށް އެޓާނީ ޖެނެރަލް އޮފީހުން ބުންޏެވެ. ފަނޑިޔާރުކަމުގެ މަސައްކަތުގެ އިތުރުން ފަނޑިޔާރުން ކުރުން ގާނޫނު ހުއްދަކުރާ އެހެން މަސައްކަތްތައް އުޖޫރަ ބަލައިގަތުމަކީ ގާނޫނުގައި ކަނޑައަޅާފައިވާ ދާއިރާ ތެރޭގައި ހުއްދަ ކަމެއް ކަމުގައި ކަނޑައެޅުމަކީ ވެސް ބިލު ހުށަހެޅުމުގެ މަގުސަދެއްކަމަށް އެޓާނީ ޖެނެރަލް އޮފީހުން ބުންޏެވެ.
އެޓާނީ ޖެނެރަލް އޮފީހުން ބުނީ، ފަނޑިޔާރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް އިސްލާހު ގެނައުމަށް ވެސް ހިމަނާފައިވާ ކަމަށެވެ. އެގޮތުން، މެޖިސްޓްރޭޓް ކޯޓެއްގެ ނުވަތަ އެހެން ކޯޓެއްގެ ލީގަލް އެސިސްޓެންޓް ކަމުގެ މަގާމުގައި، ނުވަތަ މަގާމުގެ މަސްއޫލިއްޔަތުގެ ގޮތުގައި ގާނޫނީ މަސައްކަތްކުރުން ކަނޑައެޅިފައިވާ އެފަދަ އެހެން މަގާމެއްގައި ދެ އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވާ ފަރާތްތަކަށް ވުން ވަނީ ލާޒިމުކޮށްފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު