އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ލިވަޕޫލުން ބޯންމައުތު ކޮޅަށް ނުވަ ގޯލު ޖެހި އިރު، އާލިން ބްރައުޓް ހާލަންޑް ހެދި ހެޓްރިކުން މެންޗެސްޓާ ސިޓީ މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި މިރޭ ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ 9-0 ގެ ނަތީޖާއަކުންނެވެ. އެއީ ޕްރިމިއާ ލީގުގެ ތާރީހުގައިވެސް ހޯދާފައިވާ އެންމެ ބޮޑު މޮޅުގެ ރެކޯޑާ ހަމަހަމަ ސްކޯއެކެވެ. މީގެ ކުރިން ޕްރިމިއާ ލީގު އެރާގައި ނުވަ ގޯލުގެ ފަރަގުން މޮޅު ހޯދާފައިވަނީ އެންމެ ތިން މެޗެއްގައެވެ. މިދިޔަ އަހަރު ފެބްރުއަރީ މަހު މެންޗެސްޓާ ޔުނައިޓެޑުން ސައުތުހެމްޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޔުނައިޓެޑް 9-0 އިން މޮޅުވި އިރު، 2019 ވަނަ އަހަރު ލެސްޓާ ސިޓީ ވަނީ ސައުތުހެމްޓަން ކައިރީ 9-0 އިން މޮޅުވެފައެވެ. އޭގެ އިތުރުން 1995 ވަނަ އަހަރު ޔުނައިޓެޑުން ވަނީ 9-0 އިން އިޕްސްވިޗް ބަލިކޮށްފައެވެ.

މިރޭގެ ނަތީޖާއަކީ ލިވަޕޫލުގެ ކްލަބު ތާރީހުގައިވެސް އެންމެ ބޮޑު އެއް މޮޅެވެ. މީގެ ކުރިން އެޓީމުން ނުވަ ގޯލުގެ ފަރަގެއް ނެރެފައި އޮތީ އެންމެ ދެމެޗުގައެވެ. އެއީ 1896 ވަނަ އަހަރު ރޮތަހަމް ޓައުން ކައިރީ 10-1 އިން މޮޅުވި އިރު، ދެން އެޓީމުން ނުވަ ގޯލު ޖެހި މެޗަކީ 1989 ވަނަ އަހަރު ސެޕްޓެންބަރު މަހު ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅުނު މެޗެއްގައެވެ. އެ މެޗުން ލިވަޕޫލް މޮޅުވީ 9-0 ގެ ނަތީޖާއަކުންނެވެ.

ލިވަޕޫލުގެ ގޯލުތައް މެޗުގައި ޖަހައިދިނީ ރޮބާޓޯ ފިރްމީނޯއާއި ލުއިސް ޑިއާޒްގެ އިތުރުން ހާވީ އެލިއަޓް، ޑިފެންޑަރު ވާޖިލް ވެންޑައިކް، އެލެކްސެންޑްރާ އާނޯލްޑް، ޒުވާން ކުޅުންތެރިޔާ ފެބިއާ ކަވާލިއޯއެވެ. ފިރްމީނޯއާއި ޑިއާޒް ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖަހައިދިން އިރު، ކްރިސް މެފަން އަތުން ބައިކޮޅަށްވެސް ގޯލެއް ވަދެފައިވެއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން މިރޭ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލެސް ކައިރީ ފަހަތުން އަރައި މޮޅުވީ 4-2 ގެ ނަތީޖާއަކުންނެވެ. މެޗުގައި ޕެލެސްއިން ދެ ގޯލުގެ ލީޑެއް ނެގި ނަމަވެސް ފަހު ހާފުގައި ސިޓީން ވަނީ ތަފާތު ދައްކައި، ނަތީޖާ އަނބުރާލައިފައެވެ.

މެޗުގެ ކުރީކޮޅުގައި ޖޯން ސްޓޯންސް އަތުން ބައިކޮޅަށް ވަން ގޯލާއެކު ޕެޓްރީސް އެވްރާ އިރުޝާދު ދިން ޕެލެސްއިން ލީޑު ނެގި އިރު، 21 ވަނަ މިނެޓުގައި ޖޯކިމް އެންޑަސަން ޖެހި ގޯލުން ޕެލެސް ލީޑު ފުޅާވެސް ކުރިއެވެ. ފުރަތަމަ ހާފު ނިމުނު އިރު، ސިޓީގެ ސަޕޯޓަރުން މާޔޫސް ކަމުގައި ތިއްބައި ދެވަނަ ހާފުގައި މެޗުގެ އޮއިވަރު ބަދަލުވިއެވެ.

މެޗުގެ 53 ވަނަ މިނެޓުގައި ރޮޑްރީގެ ބޯޅައަކުން ބެނާޑޯ ސިލްވާ ގޯލެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކުރި އިރު، 62 ވަނަ މިނެޓުގައި ސިޓީއަށް ހާލަންޑް ނަތީޖާ ހަމަހަމަކޮށްދިނެވެ. އެ ގޯލަށްފަހު ދެން ފެނުނީ ހާލަންޑުގެ ނުރައްކަލެވެ. 70 ވަނަ މިނެޓުގައި ސްޓޯންސްގެ ޕާހަކަށް ކުރިއަށް ޖެހި އޭނާ ޖެހި ގޯލުން މެޗުގެ ނަތީޖާ 3-2 އަކަށް ބަދަލުކޮށްލި އިރު، ހާލަންޑްގެ ހެޓްރިކް ފުރިހަމަ ކުރީ 81 ވަނަ މިނެޓުގައެވެ.

މިރޭގެ މެޗުގައި ހާލަންޑް ހެދި ހެޓްރިކަކީ އޭނާގެ ކެރިއަރުގެ 13 ވަނަ ހެޓްރިކެވެ. އަދި ހާލަންޑް ވަނީ މިހާތަނަށް ސިޓީއަށް ކުޅުނު ހަތަރު މެޗުގައި ހަ ގޯލު ޖަހައިފައެވެ. އޭނާ ދަނީ ޖަރުމަނު ލީގުގައި ދަމަހައްޓަމުން އައި ގޯލު ޖެހުމުގެ އާދަޔާހިލާފު ރެކޯޑު ޕްރިމިއާ ލީގުގައިވެސް ދަމަހައްޓަމުންނެވެ.

ޗެލްސީން މިރޭ ކުޅުނު މެޗުގައި ހޯދީ އުނދަގޫ މޮޅެކެވެ. އަމިއްލަ ދަނޑުގައި 2-1 އިން ލެސްޓާ ބަލިކުރި އިރު، މެޗުގެ 27 ވަނަ މިނެޓުގައި ޗެލްސީގެ ކޯނޯ ގަލެގާއަށް ދެއްކި ރަތް ކާޑާއެކު މެޗުގެ ބާކީ ބައި ކުޅުނީ ކުޅުންތެރިޔަކު މަދުކޮށެވެ. ކުޅުންތެރިޔަކު މަދުކޮށް މެޗުގެ ބޮޑު ބައި ކުޅުނު ޗެލްސީން ދެވަނަ ހާފުގައި ލީޑު ނެގީ ރަހީމް ސްޓާލިންގެ ގޯލުންނެވެ. އޭނާގެ ފުރަތަމަ ގޯލު އޭރިއާ ބޭރުން ޖެހި އިރު، ރީސް ޖޭމްސްގެ ހުރަހަކަށް ހުސްކޮށް އަރައި ނަތީޖާ ފުޅާކޮށްދިނީވެސް ސްޓާލިންއެވެ.

މެޗުގެ ފަހުކޮޅުގައި ލެސްޓާއިން ޗެލްސީ ގޯލަށް ވަރަށް ބޮޑަށް ނުރައްކާ ކޮށްފައިވާ އިރު، އެޓީމުގެ ގޯލު ޖެހީ ހާވީ ބާންސްއެވެ.

ލިވަޕޫލުން ސީޒަންގައި ކުޅުނު ތިން މެޗުން މިރޭ ފުރަތަމަ މޮޅު ހޯދި އިރު، އެޓީމު އޮތީ ތާވަލުގެ ނުވަ ވަނައިގައެވެ. ޗެލްސީން މިރޭގެ މޮޅާއެކު ހަވަނައަށް ޖެހިލި އިރު، މިވަގުތު އެއްވަނައިގައި ސިޓީ އޮތީ ހަތަރު މެޗުން 10 ޕޮއިންޓާ އެކުގައެވެ. އާސެނަލުން މިރޭ ފުލްހަމްއާ ދެކޮޅަށް ކުޅޭ މެޗުން އާސެނަލް މޮޅުވެއްޖެ ނަމަ ސިޓީ އަނެއްކާވެސް ދެވަނައަށް ވެއްޓޭނެއެވެ.