އެމްޓީސީސީ ނޯތް ލީގުގެ ގްރޫޕް ޑީގައި ކުޅުނު ދެވަނަ މެޗުގައި ދުވާފަރު ސްޕޯޓްސް ކްލަބާއި އުނގޫފާރު ފުޓްބޯލް ކްލަބު އެއްވަރުވެއްޖެއެވެ.
ނޯތް ލީގުގެ ދެވަނަ ޑިވިޝަންގެ ގްރޫޕް ޑީގެ މެޗުތައް މިދިޔަ ހަފުތާގެ ބުދަ ދުވަހު ރ. އަލިފުށީ ޓާފް ދަނޑުގައި ފަށާފައި ވަނީ އަލިފުއްޓާއި ދުވާފަރު ވާދަކުރި މެޗުންނެވެ. އެ މެޗު އެއްވަރުވީ 2-2ގެ ނަތީޖާއަކުންނެވެ. އެފްއޭއެމް ނޯތް ލީގުގައި ފުރަތަމަ ތިން ގްރޫޕްގެ މެޗުތައް މިހާރު ނިމިފައިވާ އިރު، އަލިފުށީގައި ފެށީ ރ. އަތޮޅުގެ މެޗުތަކެވެ. އެ އަތޮޅުން ދުވާފަރާއި އަލިފުށީގެ އިތުރުން ދެން އޮތީ އުނގޫފާރެވެ.
ނޯތު ލީގުގެ ފުރަތަމަ ޑިވިޝަނުން މިހާތަނަށް ޖާގަ ހޯދާފައިވާ ޓީމުތަކަކީ ދިއްދޫ ބްލެކްޒީނޯ ސްޕޯޓްސް ކްލަބް، ކުޅުދުއްފުށީ ޒިގްޒެޒް ފޯ ޔޫތު ލިންކޭޖް، އެސޯސިއޭޝަން ފޯ ފޯކައިދޫ ޔޫތު ޑެވެލޮޕްމަންޓް، ޔުނިޓީ ސްޕޯޓްސް، ކެނދިކުޅުދޫ ފުޓްބޯލް ކްލަބް އަދި ޓީމު ހޮޅުދޫއެވެ. ދެން އެ ޑިވިޝަނަށް ރ. އަތޮޅުން ދާނީ ގްރޫޕް ޑީގެ އެއްވަނަ އާއި ދެވަނައެވެ.
މިފަހަރުގެ ނޯތު ލީގަށް އުނގޫފާރު ތައްޔާރުވީ ޕްރޯ ލައިސަންސް ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ގެ އިރުޝާދުގެ ދަށުންނެވެ. އުނގޫފާރުގެ ވެލި ދަނޑުގައި ޓީމުން ފަރިތަކުރަން ޖެހުމަކީ ޗެލެންޖެއް ކަމަށް މެޗުގެ ކުރިން މޯހަން ފާހަގަކޮށްފައިވާ އިރު، އޭނާ މުބާރާތަށް ނުކުތީ ރަނގަޅު ސްކޮޑަކާ އެކުގައެވެ.
އެގޮތުން ރަނގަޅު ފެންވަރުގެ ބިދޭސީ ކުޅުންތެރިއެއްވެސް ޓީމަށް ވަނީ ގެނެސްފައެވެ. ކުރިން ކްލަބް އީގަލްސް އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ކުޅުނު އުޒްބެކިސްތާނުގެ މިޑްފީލްޑަރު، އުމަރުޔޯނޯފް އަހްރޯރް މޯހަން ޓީމަށް ގެންގޮސްފައިވާ އިރު، އޭގެ އިތުރުން ރަނގަޅު ދިވެހި ކުޅުންތެރިންވެސް ޓީމުން ފެނިގެން ގޮސްފައިވެއެވެ.
އަނެއްކޮޅުން މިއަދުގެ މެޗަށް ނުކުތް ދުވާފަރުން މިފަހަރުގެ މުބާރާތަށް ނުކުތީ ފުރަތަމަ ޑިވިޝަންގައި ކްލަބު އީގަލްސްގައި މޯހަންއާ އެންމެ ގާތުން މަސައްކަތްކުރި އަހުމަދު ނިމާދު (ނިމާ)ގެ ކޯޗުކަމުގެ ދަށުގައެވެ. އެޓީމުގައިވެސް ކުރިން ފުރަތަމަ ޑިވިޝަންގެ ޓީމުތަކުން ފެނުނު ކުޅުންތެރިން ހިމެނެއެވެ.
މިއަދުގެ މެޗު ފެށިގެން އުނގޫފާރުން ކޮންޓްރޯލް ގޭމަކަށް މަސައްކަތް ކުރި ނަމަވެސް އެޓީމަށް އެންމެ އެދެވޭ ހަމަލާތަކެއް އުފެއްދުނު ތަނެއް ނުފެނުނެވެ. މެދުތެރެއިން ދުވާފަރުންވެސް ރަނގަޅަށް ކުޅެފައިވާ އިރު، ފުރަތަމަ 20 ވަރަކަށް މިނެޓުގައި ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ހަމަހަމަ ކުޅުމަކާއެކު މެޗު ދަނިކޮށް އުނގޫފާރުން ވަނީ 26 ވަނަ މިނެޓުގައި ލީޑު ނަގައިފައެވެ. އެޓީމަށް ލީޑު ނަގައިދިނީ ޒްބެކިސްތާނުގެ މިޑްފީލްޑަރު، އުމަރުޔޯނޯފްއެވެ.
އުނގޫފަރުން ލީޑު ނެގި ނަމަވެސް ދުވާފަރުން ހިތްވަރު އެލުވާނުލައި، މެޗުގެ ހާފު ނިންމާލީ ނަތީޖާ ހަމަހަމަ ކޮށްގެންނެވެ. 35 ވަނަ މިނެޓުގައި އެ ގޯލު ޖަހައިދިނީ މުހައްމަދު އަލީއެވެ.
ފުރަތަމަ ހާފުގެ ފަހުކޮޅުގައި ރަނގަޅަށް ކުޅުނު ދުވާފަރުން ދެވަނަ ހާފަށް ނުކުމެ ލީޑުވެސް ނެގިއެވެ. ދެވަނަ ހާފުގެ ކުރީކޮޅުގައި، މެޗުގެ 57 ވަނަ މިނެޓުގައި އެޓީމަށް ދެވަނަ ގޯލެއް ޖަހައިދިނީ ހަލުވި ފޯވަޑް މުހައްމަދު ޖުމާން (ސްޓާލިން) އެވެ. ސްޓާލިންއަކީ ފުޓްސަލްގައިވެސް ފާހަގަކޮށްލެވޭ، އަދި ކުރިން ޓީސީ ސްޕޯޓްސް ކްލަބުންވެސް ފެނުނު ހުނަރުވެރި ކުޅުންތެރިއެކެވެ.
މެޗުގައި އުނގޫފަރުން ޖެހި ދެވަނަ ގޯލު ފެނުނީ 69 ވަނަ މިނެޓުގައެވެ. އެ ގޯލަކީ އާތިފް އިގުބާލް ޖަހައިދިން ގޯލެކެވެ. މިހާތަނަށް ނޯތު ލީގުގެ ގްރޫޕް ޑީގައި ކުޅުނު ދެމެޗުވެސް އެއްވަރުވެފައި ވުމުން ދެން ލީގު ބުރުގައި ބާކީ އޮތް މެޗު ފޯރިގަދަވާނެ ސަބަބެކެވެ.
ނޯތު ލީގުގެ ގްރޫޕް ޑީގައި ދެން މެޗެއް އޮންނާނީ އާދިއްތަ ދުވަހުއެވެ. އެ ދުވަހުގެ މެޗުގައި އަލިފުށިން ނުކުންނާނީ އުނގޫފާރާ ދެކޮޅަށެވެ.
އެފްއޭއެމުން 2023/2024 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގު ފުޅާކުރާ އިރު، ރާއްޖެ ބެހިގެންދާނީ ހަަތަރު ޒޯން ލީގަކަށެވެ. ޒޯން އެކެއް ނުވަތަ ނޯތު ޒޯން ލީގުގައި ހިމެނެނީ ހއ، ހދ، ށ، ނ، ރ އެވެ. ޒޯން ދޭއް ނޫނީ ސެންޓްރަލް ޒޯން ލީގުގައި އޮތީ ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ އެވެ. ޒޯން ތިނެއް ނޫނީ ސައުތު ޒޯން ލީގުގައި އޮތީ ތ، ލ، ގއ، ގދ، ޏ، ސ އެވެ. އަދި ޒޯން ހަތަރަކީ މިހާރު މާލޭގައި ކުރިއަށްދާ ފުރަތަމަ ޑިވިޝަން ނޫނީ މާލޭ ލީގެވެ. މި ލީގުގައި ހިމެނޭނީ މާލެ، ހުޅުމާލެ، ވިލިމާލޭގެ ޓީމުތަކެވެ. ކޮންމެ ޒޯނެއްގައި ވެސް އެއް ވަނަ ޑިވިޝަނާއި ދެ ވަނަ އަދި ތިން ވަނަ ޑިވިޝަން އޮންނާނެއެވެ.
ކޮންމެ ޒޯނެއްގެ އެއް ވަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމު 2023/2024 ގެ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާނެއެވެ. އެއީ ފުރަތަމަ ޑިވިޝަނުގައި އޮންނަ އަށް ކްލަބްގެ އިތުރުން ކޮންމެ ޒޯނެއްގެ ފުރަތަމަ ޑިވިޝަން ޗެމްޕިއަނުންނެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު