ފާތިމަތު ދީމާ އަލީ

ފްރާންސްގައި ދީމާ ތަމްރީނު ފުރިހަމަ ކުރާނީ ޔޫރަޕްގެ އެންމެ ވަރުގަދަ އެއް ސެންޓަރުގައި

އޮލިމްޕިކް ސްކޯލާޝިޕްގެ ދަށުން ތަމްރީނުތައް ފުރިހަމަ ކުރުމަށް ފްރާންސަށް ފުރުމަށް ރާއްޖޭގެ އެންމެ އުންމީދީ އެއް ޓީޓީ ކުޅުންތެރިޔާ އުމުރުން 14 އަހަރުގެ ފާތިމަތު ދީމާ އަލީ ތައްޔާރުވެއްޖެއެވެ.

އޮލިމްޕިކް ސްކޯލާޝިޕުން ފުރުސަތު ލިބިފައިވާ ދީމާ ފްރާންސްގައި ތަމްރީނު ފުރިހަމަ ކުރަން ހަމަޖެހިފައި ވަނީ ޔޫރަޕްގެވެސް އެންމެ ފެންވަރު ރަނގަޅު އެއް ޓޭބަލް ޓެނިސް ޓްރެއިނިން ސެންޓަރު ކަމަށްވާ، ހެނެބޯންޓް ޓޭބަލް ޓެނިސް ޓްރެއިނިން ސެންޓަރުގައެވެ. އެ ސެންޓަރަކީ 11 އަހަރާއި 18 އަހަރުގެ ކުދިން ތަމްރީނު ކުރުމަށް ހާއްސަ ސެންޓަރެކެވެ. ސެންޓަރުން ވަނީ މިދިޔަ 20 އަހަރު ދުވަހުވެސް ރަނގަޅު ފެންވަރުގެ އެތިލީޓުން އުފެއްދުމުގައި ތަފާތު ތަކެއް ދައްކައިފައެވެ.

ދުނިޔޭގެ ޗެމްޕިއަނުންވެސް ބައެއް މުބާރާތްތަކަށް ތަމްރީނު ވެފައިވާ ހެނެބޯންޓް ޓޭބަލް ޓެނިސް ސެންޓަރުގެ ހެޑް އޮފް ޕާފޮމަންސް ކޯޗަކީ ފަސް ފަހަރު އޮލިމްޕިކްސްގައި ވާދަކޮށްފައިވާ ތަޖުރިބާކާރު ކޯޗު އެޑްރިއަން ކްރިސަންއެވެ. ޕާފޮމަންސް އެވަލުއޭޝަންގެ އިތުރުން ހެނެބޯންޓަކީ ކުދިންގެ ފިޒިކާލިޓީ މެއިންޓެއިންކޮށް، ޗެމްޕިއަން އެތުލީޓުންގެ މެންޓާލިޓީއަށް ކުޅުންތެރިންގެ ވިސްނުން ގެންދަން ހާއްސަ މަސައްކަތްތަކެއް ކުރާ ޓްރެއިނިން ސެންޓަރެކެވެ.

ފްރާންސްގެ އެއް ނަންބަރު ޓްރެއިނިން ފެސިލިޓީ ހެނެބޯންޓްގެ ތަމްރީނުތަކުން އަހަރަކަށް 1000 ވަރަކަށް އެތުލީޓުން މައިދާނަށް ނުކުމެއެވެ. އެ އެތުލީޓުން ފާހަގަކޮށްލެވޭ ޓީޓީގެ އެލީޓް ކުޅުންތެރިންގެ ގޮތުގައެވެ.

އޮލިމްޕިކް ސްކޮލާޝިޕަކީ ދުނިޔޭގެ އެކި ގައުމުތަކުގެ އެތުލީޓުންގެ ތެރެއިން ހުނަރާއި ހޯދާފައިވާ ކާމިޔާބީތަކަށް ބަލައި އޮލިމްޕިކްސްއަށް ކޮލިފައިވުމުގެ ފުރުސަތު އޮންނަ އެތްލީޓުންނަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ)އިން ދޭ މާލީ އަދި ފަންނީ އެހީތެރިކަމެކެވެ. ރާއްޖޭގެ ޒުވާން އިތުރު ކުޅުންތެރިންނަށްވެސް މިހާރު ވަނީ 2024 ގައި ޕެރިހުގައި އޮންނަ އޮލިމްޕިކްސްގެ ކުރިން ތަމްރީނުތަކަށް ފުރުސަތު ލިބިފައެވެ. ދީމާ ތަމްރީނުތަކަށް އަންނަ މަސް ތެރޭގައި ފުރާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ވަރަށް ޅަ އިރުން ފެށިގެންވެސް ދީމާއަކީ ރާއްޖޭގެ ޓީޓީގައި ބޮޑެތި ކާމިޔާބީތަކެއް ހޯދަމުން އަންނަ ކުޅުންތެރިޔާއެވެ. ޗައިނާ އާއި ސްރީލަންކާ އަދި ތައިލެންޑުގައިވެސް ތަމްރީނުތައް ހަދާފައިވާ ދީމާ ވަނީ 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ތިން ރަން މެޑަލް ހޯދައިފައެވެ. އެއީ އަންހެން ޓީމް އިވެންޓުގެ ރަން މެޑައްޔާއި ފާތިމަތު ރަފާ ނާޒިމާ އެކު ހޯދި އަންހެން ޑަބަލްސް ރަން މެޑަލްގެ އިތުރުން އަންހެން ސިންގަލްސް ރަން މެޑައްޔެވެ.

މީގެ އިތުރުން ދީމާ ހިމެނޭ ރާއްޖޭގެ ގައުމީ އަންހެން ޓީޓީ ޓީމް ވަނީ 2019 ގެ ސައުތު އޭޝިއަން ގޭމްސް އިން ލޯ މެޑަލް ހޯދައިފައެވެ. އަދި ދީމާ ވަނީ މިއަހަރު ރާއްޖޭގައި ކުރިއަށްދިޔަ ސައުތް އޭޝިއަން ޖޫނިއާ ޗެމްޕިއަންޝިޕްގެ ހޯޕްސް ކެޓަގަރީ އިވެންޓުގެ ސިންގަލްސް ރިހި މެޑަލް ހޯދައިފައެވެ. ދީމާ ހިމެނޭ އުއްމީދީ ޓީޓީ ޓީމް ވަނީ ދާދި ފަހުން ނިމުނު އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ އަންހެން ޓީމް އިވެންޓުން ވެސް ލޯ މެޑަލް ހޯދައިފައެވެ.