އެންމެ ފަހުން ފަސް އަހަރު ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދި ފާތިމަތު ދީމާ އަލީގެ ރެކޯޑް ނިމުމަކަށް ގެނެސް އައިޝަތު ރަފާ ނާޒިމް އަންހެން ޗެމްޕިއަންކަން ހޯދި އިރު، ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ތިންވަނަ ފަހަރަށް މުހައްމަދު ޝައްފާން އިސްމާއީލް ހޯދައިފިއެވެ.

ހެންވޭރު މުނިއުފާ ޓީޓީ ހޯލުގައި އިއްޔެ ނިމިގެން ދިޔަ ގައުމީ ޓީޓީ މުބާރާތުގެ އަންހެން ފައިނަލުގައި މިފަހަރުވެސް ވާދަކުރީ ރަފާއާއި ދީމާއެވެ. މީގެ ކުރިން ފަސް ފަހަރު ދީމާ ތަށި ހޯދީވެސް ރަފާ ބަލިކޮށްގެންނެވެ.

އިއްޔެގެ ފައިނަލުގައި ރަފާ ސީދާ ހަތަރު ސެޓުން މެޗު ކާމިޔާބުކުރި އިރު، ރަފާ ސެޓުތައް ގެންދިޔައީ 11-09، 11-09، 11-06 އަދި 15-13 އިންނެވެ.

ރަފާ މީގެ ކުރިން 2017 ވަނަ އަހަރާއި 2018 ވަނަ އަހަރުވެސް ގައުމީ ތަށި ހޯދާފައިވާ އިރު، މިފަހަރު މިކްސް ޑަބަލްސް ފައިނަލުގައި ރަފާއާއި މޫސާ މުންސިފް އަހުމަދުގެ ޕެއާއިން ވަނީ ޝައްފާނާއި ދީމާގެ ޕެއާ މައްޗަށް ކުރި ހޯދައިފައެވެ.

އަންހެން ޑަބަލްސް ޗެމްޕިއަންކަން ދީމާއާއި މިޝްކާ މުހައްމަދު އިބްރާހީމް ހޯދި އިރު، ރަނަރަޕަކީ ރަފާއާއި މިންހާ މަހްޖޫބު ޝުޖާއެވެ.

ފިރިހެން ސިންގަލްސް ތަށި ޝައްފާން ހޯދީ މުންސިފް ކައިރިންނެވެ. މިދިޔަ އަހަރު އަނިޔާގެ ސަބަބުން ނުކުޅެ ހުރުމަށްފަހު ޝައްފާން ތަށި ހޯދި އިރު، ފުރަތަމަ ސެޓު އޭނާ އަތުން ދިޔައީ 13-11 އިންނެވެ. އެ ސެޓު ދިޔަ ނަމަވެސް، ޝައްފާން ވަނީ ދެ ކުޅުނު ސެޓުތައް 7-11، 11-13، 8-11 އަދި 16-18 އިން ގެންގޮސްފައެވެ.

ޝައްފާން 2022 އަދި 2023 ވަނަ އަހަރު ގައުމީ ޗެމްޕިއަންކަން ހޯދި އިރު، އޭނާ އަނިޔާއިން އެނބުރި އައިސް ކުރީގެ ފޯމު މިވަނީ ތަކުރާރުކޮށްފައެވެ.

ޝައްފާން އިއްޔެގެ ފައިނަލުގައި އުފާފާޅުކުރަނީ --- ފޮޓޯ/ ސްޕޯޓްސް މިނިސްޓްރީ

ޝައްފާނާއި އިބްރާހީމް އައުޒަމް އަޒީމް، ފިރިހެން ޑަބަލްސް ފައިނަލުގައި ބަލިވީ މުންސިފާއި މުހައްމަދު ޒީސްތު ނަސީމް އަތުންނެވެ.

މިފަހަރު މުބާރާތުގެ ވެޓެރަންސް ޗެމްޕިއަންކަން އިސްމާއީލް މަޒްހަމް ހޯދި އިރު، 19 އަހަރުން ދަށުގެ ޗެމްޕިއަނުންނަކީ ދީމާއާއި ޒީކް ހަސަން ލަތީފެވެ. 17 އަހަރުން ދަށުގެ ސިންގަލްސް ޗެމްޕިއަނުންނަކީ އައިޝަތު އަލްސާ ނާފިޒާއި މުހައްމަދު ހަލަފް ރާފިއުއެވެ.

އަލްސާ 15 އަހަރުން ދަށުގެ ސިންގަލްސް ޗެމްޕިއަންކަންވެސް ހޯދި އިރު، އެ އުމުރުފުރާގެ ފިރިހެން ސިންގަލްސް ޗެމްޕިއަނަކީ މުހައްމަދު އާލް އިމްރާނެވެ. 13 އަހަރުން ދަށުގެ ސިންގަލްސް ޗެމްޕިއަންކަން ހޯދީ އައްޔޫބް އިޒްކާން ސަލީމާއި އައިޝަތު މަލަކް ތާސީނެވެ.

އިއްޔެ ފައިނަލް އިވެންޓްތަކަށްފަހު ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވާ އިރު، ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގެ ފަސްޓް ލޭޑީ، ސާޖިދާ މުހައްމަދެވެ.