ލުއި ރިޕޯޓް

ދުނިޔޭގެ ބާޒާރަށް އެންމެ ގިނައިން އަލުވި ނެރެނީ ކޮންބައެއް؟

އަލުތްވަކީ ދުނިޔޭގެ އެންމެ ގިނަ ބަޔަކު ކާނާގެ ގޮތުގައި ބޭނުންކުރާ ބާވަތްތަކުގެ ތެރެއިން އެންމެ އާއްމު އެއްބާވަތެވެ. އދ.ގެ ދަނޑުވެރިކަމާއި ކާނާޔާއިބެހޭ އިދާރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދުނިޔޭގައި އަހަރަކު އުފެއްދެނީ ގާތްގަޑަކަށް 360 މިލިޔަން މެޓްރިކްޓަނެވެ. އިތުރުވަމުންދާ އާބާދީޔާއެކު އަހަރުން އަހަރަށް އަލުވި އުފައްދާ މިންވަރުވެސް ދަނީ އިތުރުވަމުންނެވެ.

އެންމެ ފަހުން 2020 ވަނަ އަހަރުގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ދުނިޔޭގެ ބާޒާރަށް އެންމެ ގިނައިން އަލުވި ނެރޭ ގައުމަކީ ޗައިނާއެވެ. އެއީ 78.2 މިލިޔަން މެޓްރިކްޓަނެވެ. މިއީ މުޅިދުނިޔޭގެ ޖުމްލައިގެ 21.8 އިންސައްތައެވެ. މާކެޓްގެ ދެވަނަ ލިބެނީ އިންޑިޔާއަށެވެ. އިންޑިޔާއިން ނެރެނީ އަހަރަކު 51.3 މިލިޔަން މެޓްރިކްޓަނެވެ. އެއީ މުޅި ދުނިޔޭގެ ޖުމްލައިގެ 14.3 އިންސައްތައެވެ.

އަލުވި އުފެއްދުމުގައި ޔުކްރޭނާއި ރަޝިޔާ އަދި އެމެރިކާ އުޅެނީ ދާދި އެއްހިސާބެއްގައެވެ. ޔުކްރޭނަށް 20.8 މިލިޔަން މެޓްރިކްޓަނާއެކު ތިންވަނަ ލިބޭއިރު ރަޝިޔާގެ މިންވަރަކީ 19.6 މިލިޔަން މެޓްރިކްޓަނެވެ. އެމެރިކާގެ މިންވަރަކީ 18.7 މިލިޔަން މެޓްރިކްޓަނެވެ. ޖާރމަނީ އާއި ފްރާންސް ވެސް އުޅެނީ ދާދި ކައިރީގަައެވެ. ޖާރމަނީގެ މިންވަރަކީ 11.7 މިލިޔަން މެޓްރިކްޓަނެވެ. ފްރާންސް 8.7 މިލިޔަން މެޓްރިކްޓަނެވެ.

އިންޑިޔާ ނަގާފައި މިވިޔަފާރީގައި ދެކުނު އޭޝިޔާއިން ދެން އެންމެ ކުރީގައި އުޅޭ ގައުމަކީ ބަންގްލަދޭޝްއެވެ. އެގައުމުގެ މިންވަރަކީ އަހަރަކު 9.6 މިލިޔަން މެޓްރިކްޓަނެވެ. ޕާކިސްތާނު އުޅެނީ އެއަށްވުރެ މާފަހަތުގައެވެ. ޕާކިސްތާނުގެ މިންވަރަކީ އަހަރަކު ގާތްގަޑަކަށް 4.5 މިލިއަން މެޓްރިކްޓަނެވެ. ނޭޕާލުންވެސް އަހަރަކު 3.1 މިލިޔަން މެޓްރިކްޓަނުގެ އަލުވި ދުނިޔޭގެ ބާޒާރަށް ނެރެއެވެ.