ލ. ކަލައިދޫ އާއި ދަނބިދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަޝްރޫއު ކުރިއަށް ގެންގޮސްދޭން ދަނބިދޫ ކައުންސިލުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވައިފިއެވެ.
ދަނބިދޫ ކައުންސިލް އެގޮތަށް އެދުނީ، މިއަދު ރައީސް އޮފީހުގައި ރައީސް ސޯލިހާ އެކު ބޭއްވި ބައްދަލުވުމުގައެވެ.
އެ ބައްދަލުވުމުގައި ދަނބިދޫ ކައުންސިލުން ބުނީ އިސްދޫ، ކަލައިދޫ އަދި ދަނބިދޫގެ ކޯޒްވޭގެ މަސައްކަތް ކުރިއަށް ގެންގޮސްދިނުމަކީ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
މިއަހަރުގެ ބަޖެޓްގައި ކަލައިދޫ އާއި ދަނބިދޫ ކޯޒްވޭއަކުން ގުޅުވައިލުމަށް 1،095،000 ރުފިޔާ ހިމާނާފައިވެއެވެ. އަދި އެ ކޯޒްވޭގެ އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހެދުމުގެ މަސައްކަތްވެސް ވަނީ ފަށައިފައެވެ. ނަމަވެސް މިހާތަނަށް އެ ކޯޒްވޭ ގުޅައިލުމުގެ މަސައްކަތް ފަށައިފައެއް ނުވެއެވެ.
ކައުންސިލާއެކު ބޭއްވި ބައްދަލުކުރެއްވުމަށްފަހު ރައީސް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް އެންމެ ގާތުން ތަޖުރިބާ ކުރާ، އަދި ރައްޔިތުންނާ އެންމެ ގާތުން މަސައްކަތް ކުރާ ބަޔަކީ ކައުންސިލުތައް ކަމަށެވެ. އަދި ދަނބިދޫ ކައުންސިލާ އެކު ބޭއްވި ބައްދަލުވުމުގައި އިސްކަން ދޭންވީ މަޝްރޫއުތަކާއި އެ ކަންކަމާއެކު ކުރިއަށް ދާންވީ ގޮތާ މެދު މަޝްވަރާ ކުރެއްވި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ކައުންސިލުން ބުނީ ކުރީގެ ސަރުކާރުތަކުން ދަނބިދޫގައި އެއްވެސް ތަރައްގީގެ މަޝްރޫއެއް ހިންގާފައިނުވާތީ ރައްޔިތުން މާޔޫސްވެފައި ވަނިކޮށް، މި ސަރުކާރުން ވައުދުވި ހުރިހާ މަޝްރޫއެއް ހިންގަމުންދާތީ އެރަށުގެ ރައްޔިތުން މިސަރުކާރު ބަލައިގެންފައިވާ ކަމަށެވެ.
ކައުންސިލުން ވަނީ ދަނބިދޫގެ ރައްޔިތުންނަށް މިހާރު ކުރިމަތިވަމުންދާ ދަތިތައްވެސް ރައީސް ސޯލިހާ ހިއްސާކޮށްފައެވެ. އެގޮތުން ރަށުގެ ނަރުދަމާގެ ނިޒާމުގައި ހުރި މައްސަލަތަކާއި ސިއްހީ މަރުކަޒުގައި މުވައްޒަފުން މަދުވުމާއި ލެބޯޓަރީއެއް ނެތުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާއި ރަށްގިރުމުގެ މައްސަލަ ކުރިމަތިވަމުންދާކަން ފާހަގަކޮށްފައެވެ.
މީގެ އިތުރުން ދަނބިދޫގައި ކުނިކޮށްޓެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތައް ވެސް ކައުންސިލުން ވަނީ ތަފުސީލުކޮށް ރައީސާ ހިއްސާކޮށްފައެވެ. އަދި ރަށުގައި ހުރި މިސްކިތުގައި ޖާގައިގެ ދަތި ކަމާއި ނެރު ތިލަވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތައްވެސް ރައީސް ހިއްސާކޮށްފައިވެއެވެ.
ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ ކައުންސިލުން އެންމެ އިސްކަންދީގެން ހައްލުކުރަން ބޭނުންވާ ކަންކަމުގެ މަައުލޫމާތު ހޯއްދަވައި، ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ މަޝްވަރާކުރައްވައި އެކަންކަން ބައްލަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަނީ ދަނބިދޫގައި ހިންގަމުންދާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތު ކައުންސިލާ ހިއްސާކުރައްވައިފައެވެ.