އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް އިލެކްޝަން ކޮމިޝަން (އީސީ) އިން 120 މިލިއަން ރުފިޔާގެ ބަޖަޓެއް ކަނޑައަޅައިފިއެވެ.

އީސީގެ ރައީސް ފުއާދު ތައުފީގު މިއަދު "ވަން" އަށް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް 95 މިލިއަން ހަރަދުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ދެ ވަނަ ބުރަކަށް ގޮސްފިނަމަ، 25 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވެ އަންނަ އަހަރުގެ އިންތިހާބަށް 120 މިލިއަން ރުފިޔާގެ ބަޖެޓަކަށް އެދި ފިނޭންސަށް ފޮނުވާފައި ވަނީ،" ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ބޮޑު އަދަދެއްގެ ބަޖެޓެއް ބޭނުންވާ އެއް ސަބަބަކީ، އެހެން ރިޔާސީ އިންތިހާބުތަކާ އަޅައި ބަލާއިރު، އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރާއްޖެއިން ބޭރުގައި ވޯޓުލުމަށް ރަޖިސްޓްރީވާ އަދަދު އިތުރުވާނެތީ ކަމަށެވެ. އަދި ވިދާޅުވީ، އީސީގައި މިހާރު ހުރި މެޝިނަރީތައް ބާވެފައި ހުރުމުން އެތަކެތި އާ ކުރަން ވެސް ޖެހޭ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ކަލަންޑަރު ތައްޔާރުކުރުމުގެ މަސައްކަތް އީސީން ކުރަމުންދާ ކަމަށާއި ވަރަށް އަވަހަށް ކަލަންޑަރު އާންމުކުރައްވާނެ ކަމަށް ފުއާދު ވިދާޅުވިއެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި މިހާތަނަށް ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވަނީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާއި ޑީއާރްޕީގެ ވަގުތީ ލީޑަރު އަދި ކާށިދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ޖާބިރާއި މޯލްޑިވްސް ނެޝަނަލް ޕާޓީގެ (އެމްއެންޕީ)ގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ އިތުރުން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަން ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންއެވެ. ޔާމީނަށް ވަނީ ރިޔާސީ ޓިކެޓް ހަވާލުކޮށްފައެވެ.

މީގެ އިތުރުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް އެމްޑީޕީގެ ޓިކެޓު ހޯއްދެވުމަށް ކުރިމަތިލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ވެސް ވަނީ ރިޔާސީ ޓިކެޓަށް ވާދަ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ނަޝީދު ބޭނުންފުޅުވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމަށެވެ.