ސައުދީ އަރަބިއްޔާގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑުން މިދިޔަ އަހަރު ތެރޭގައި ގަނެފައިވާ އިނގިރޭސި ކްލަބު ނިއުކާސަލް ޔުނައިޓެޑުން އަނެއްކާވެސް ބޮޑު ޓްރާންސްފާއަކަށް ތައްޔާރު ވެއްޖެއެވެ.
މީޑިއާ ރިޕޯޓުތައް ބުނެފައިވާ ގޮތުން ރެއާލް ސޮސިއެދާދަށް ކުޅެމުން އަންނަ ސްވިޑެންގެ ހުނަރުވެރި ޒުވާން ފޯވަޑް އެލެކްސެންޑާ އިސާކް ހޯދުމުގެ ރޭހުގައި ނިއުކާސަލް ވަނީ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ޓްރާންސްފާ ފީއެއްގެ ގޮތުގައި ލާލީގާގެ ސޮސިއެދާދާއެކު 59 މިލިއަން ޕައުންޑްގެ އަގެއް ނިއުކާސަލްއިން އެއްބަސްވެފައިވާ ކަމަށް ނޫސްތަކުން ބުނެފައިވާ އިރު، ކުޅުންތެރިޔާއާއެކުވެސް ކްލަބުން ވަނީ އެއްބަސްވެފައެވެ.
އެއްބަސްވެފައިވާ އަގުގައި އިސާކް ނިއުކާސަލްއަށް ގެންގޮސްފި ނަމަ، އޭނާ ވެގެންދާނީ ކްލަބު ތާރީހުގައި އެންމެ އަގުބޮޑު ކުޅުންތެރިޔާއަށެވެ. ނިއުކާސަލްއިން އިސާކްގެ ޓްރާންސްފާ މިއަދު ނޫނީ މާދަމާ ރަސްމީކުރަން މަސައްކަތް ކުރަމުން އަންނަ އިރު، ފަބްރީޒިއޯ ރޮމާނޯ ރިޕޯޓުކޮށްފައިވާ ގޮތުގައި އިސާކް މިއަދު އިނގިރޭސިވިލާތަށް ދާނެއެވެ. އެއީ ނިއުކާސަލްގެ މެޑިކަލް ފުރިހަމަ ކުރުމަށެވެ.
ސްވިޑެންގެ ފޯވަޑް އިސާކަކީ ދުނިޔޭގައި ހުރި އެންމެ ހުނަރުވެރި އެއް ޒުވާން ކުޅުންތެރިޔާއެވެ. އުމުރުން 22 އަހަރުގެ އިސާކް ވަނީ މިހާތަނަށް ރެއާލް ސޮސިއެދާދަށް ކުޅުނު 105 މެޗުގައި 33 ގޯލު ޖަހައިދީފައެވެ. އޭގެ އިތުރުން އޭނާއަކީ ސްވިޑެން ގައުމީ ޓީމަށް މުހިއްމު ރޯލެއް އަދާކުރާ ކުޅުންތެރިޔާއެވެ. ދާދިފަހުން ނިމިގެން ދިޔަ ޔޫރޯ 2020 ގެ މުބާރާތުގައިވެސް އިސާކް ވަނީ ވަރަށް ބޮޑަށް ފާހަގަކުރެވިގެން ގޮސްފައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު