Close
ޚަބަރު

ކުށް ބަޔާން ކުރާ ގާނޫނުތައް ގިނަވުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި: ޕީޖީ

ކުށް ބަޔާން ކުރާ ގާނޫނުތައް ގިނަވުމުގެ ސަބަބުން މައްސަލަތައް ކުރިއަށް ގެންދަން ދަތިތަކާ ކުރިމަތިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ ޝަމީމު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް އެ އޮފީހުގެ މަސައްްކަތްތަކާބެހޭ ގޮތުން މައުލޫމާތު ދެއްވަމުންނެވެ.

ޕީޖީ ވިދާޅުވީ، އެފަދަ ގާނޫނުތައް ގިނަވުމުގެ ސަބަބުން އެންމެ ބޮޑަށް ދިމާވާ ދައްޗަކީ މައްސަލަތައް ކުރިއަށް ގެންދާނީ ކޮން ގާނޫނެއްގެ ދަށުންކަން ދެނެގަތުމަށް ކަމަށެވެ.

އެހެންކަމުން، ބޮޑެތި ޖިނާއީ ކުށްތައް ފިޔަވައި އެހެން ކުށްތަކަކީ، ގާނޫނުލް އުގޫބާތުގެ ދަށުން ބަޔާންކުރާ ކުށްތަކެއްގެ ގޮތުގައި ހަމަޖައްސައިދިނުމަށް އެޓާނީ ޖެނެރަލް (އޭޖީ) އިބްރާހިމް ރިފްއަތަށް ދަންނަވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެކަމާ ގުޅުންހުރި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޕީޖީ ވިދާޅުވީ، އެ މައްސަލަތައް ބަލަން ޖެހޭ މުއްދަތު ގާނޫނުގައި ކަނޑައަޅާފައިވާގޮތުން، އެކަން އެކި ގޮތްގޮތަށް މާނަ ކުރުމުގެ ފުރުސަތު އޮތުމަކީވެސް ބޮޑޫ ގޮންޖެހުމެއް ކަމަށެވެ. އެއީވެސް ހައްލު ކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

މައްސަލަތައް ނިންމުން އަވަސް ކުރުމަށް ކުރަމުން އަންނަ ކަންކަމުގެ މައުލޫމާތުވެސް ޕީޖީ ވަނީ ކޮމިޓީއަށް ދެއްވައިފައެވެ. އެގޮތުން އެކަމަށްޓަކައި ފުލުހުންނާއި އެކުގައި މަސައްކަތްތަކެއްކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.