ފިރިހެން ދަރިވަރަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކޮށް ހުޅުމާލޭ ފޭސް ދޭއްގައި ފިރިހެން ޓީޗަރަކަށް އަނިޔާކޮށްފިއެވެ.

އެ ޓީޗަރަށް އަނިޔާކޮށްފައިވަނީ ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ސަރަހައްދުގެ މަގެއްގެ މަތީގައެވެ.

ފުލުހުން ބުނީ، ހުޅުމާލެ ދެވަނަ ފޭސްގައި ބަޔަކު މީހުން، މީހަކަށް އަނިޔާކުރާކަމުގެ މައުލޫމާތު މިރޭ 10:00 ހާއިރު ލިބިފައިވާ ކަމަށާއި އަނިޔާ ލިބިފައިވަނީ 29 އަހަރުގެ މީހަކަށް ކަމަށެވެ. އަދި އެމީހާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ފިރިހެން މީހާގެ މައްޗަށް ތުހުމަތުކުރެވޭ ޖިންސީ ގޯނާގެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށާއި އޭނާގެ މައްސަލަ ހުށަހެޅިފައިވަނީ މިމަހުގެ 15 ވަނަ ދުވަހު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އެ ފިރިހެން މީހާ ރުކެއްގެ ކައިރީގައި ބަހައްޓާފައި އަނިޔާކުރާ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. ފިރިހެން ކުއްޖާއާ މެދު އޭނާ ކަންތައް ކުރީ ކިހިނެއްތޯ މީހުން ސުވާލު ކުރާ އަޑު އެ ވީޑިއޯ އިން އިވެއެވެ. އަދި ކިތައް ކުދިންނާ ބެހުނުތޯ ވެސް ސުވާލު ކުރެއެވެ. އެ ސުވާލުތަކަށް ޖަވާބުދެމުން އޭނާ ވަނީ ކުއްޖަކާ ބެހުނު ކަމަށް އެއްބަސްވެފައެވެ. ނަމަވެސް އެތާ ކައިރީގައި ތިބި މީހުން ވަނީ އިތުރު ކުދިންނާ ބެހުނު ކަމަށް ވެސް ތުހުމަތުކޮށްފައެވެ.

ވީޑިއޯ އިން ފެންނަ އަންހެން މީހަކު ބުނީ، އެ ކުއްޖާ ޓިއުޝަނަށް ފޮނުވީ އެ ފިރިހެން މީހާ އަމިއްލައަށް ޓިއުޝަން ދޭން ބޭނުންވާ ކަމަށް ބުނުމުން ކަމަށެވެ. އަދި އެ ކުއްޖާ ޓިއުޝަނަށް ގޮސްފައި އައިސް ބަދުއަހުލާގީ ވީޑިއޯ ދެއްކި ކަމަށާއި ޓިއުޝަނަށް ފޮނުވި ފުރަތަމަ ދުވަހު ކުއްޖާއާ ބެހިފައިވާ ކަމަށެވެ.