ރައްޔިތުންގެ ސަލާމަތައް ނުރައްކާތެރި މީހުން މުޖުތަމައަށް ދޫވެފައި ތިބިގެން ނުވާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ސްޕޯކްސްޕާސަން އަލީ ސޯލިހަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލަ ކުށްވެރިކުރައްވައި ނާޒިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންނަށް އަމާންކަން ކަށަވަރުކޮށްދީ ގާނޫނުގެ ހުކުމް ނަގަހައްޓަން ޖެހޭ ކަމަށެވެ.
"ސްޓޭޓް މިނިސްޓަރު އަލީ ސޯލިހަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރަން. ރައްޔިތުންގެ ސަލާމަތަށް ނުރައްކާތެރި މީހުންނާއި ތަކުރާރުކޮށް ކުށްކުރާ މީހުން މުޖުތަމައުއަށް ދޫވެފައި ތިބިގެން ނުވާނެ،" ނާޒިމް ވިދާޅުވިއެވެ.
އަލީ ސޯލިހަށް ހަމަލާދޭ ވީޑިއޯ ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަނީ އަލީ ސޯލިހު ދުއްވަން އިން ސައިކަލުގެ މައްޗަށް މީހަކު ހުއްޓި އޭނާގެ ގައިގައި ކުރަފަތި އަޅަން މަސައްކަތްކުރާ ތަނެވެ. ނަމަވެސް އަލީ ސޯލިހު، އޭނާގެ އަތުގައި ހިފަހައްޓައި "އޭ އޭ" ގޮވާފައި އަތް ހުރާލާ މަންޒަރު ފެނެއެވެ. އަތް ހޫރާލުމަށްފަހު ސައިކަލު ދުއްވާލަން އަލީ ސޯލިހު މަސައްކަތްކުރާ ތަނުން އެމީހާ ސައިކަލުގެ އަރިމައްޗަށް ގޮސް އަލީ ސޯލިހުގެ ކަރަށް ހަމަލާދިނުމަށް މަސައްކަތް ކުރެއެވެ. ހަތަރު ވަރަކަށް ފަހަރު އެމީހާ ވަނީ އަލީ ސޯލިހުގެ ކަރަށް ހަމަލާ ދިނުމަށް މަސައްކަތްކޮށްފައެވެ.
އެއަށްފަހު ފެންނަނީ އަލީ ސޯލިހު ހަމަލާއިން ސަލަމާތްވާން ސައިކަލުން ފައިބައިގެން ދުއްވައި ގަންނަ މަންޒަރެވެ. އެއިރު އަލީ ސޯލިހުގެ އަތް ވަނީ ކޮންމެވެސް ވަރަކަށް ޒަހަމްވެފައެވެ.
ފުލުހުން ވަނީ އެ މައްސަލައާ ގުޅިގެން 43 އަހަރުގެ ފިރިހެން މީހާ ހައްޔަރުކޮށްފައެވެ. އަދި މީހާގެ ބަންދަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ވަނީ 15 ދުވަސް ޖަހައިފައެވެ.
އަލީ ސޯލިހަށް ހަމަލާދިން ކަމަށް ތުހުމަތުވާ މީހާއަކީ މީގެ ކުރިން ސަލްމާން މިސްކިތުގެ މިންބަރަށް އަރައި އަޑުގަދަކޮށް މިސްކިތުގެ ހުރުމަތް ކެނޑޭގޮތަށް އަމަލުކުރި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެކެވެ. އެފަހަރު ފުލުހުން އޭނާ ދޫކޮށްލުމަށްފަހު ބުނެފައިވަނީ، އެއީ ނަފުސާނީ މައްސަލަ ހުންނަ މީހެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު