ދެކުނުގެ ރަށެއްގައި ކުޑަކުއްޖަކަށް ގަނާކޮށް، އަނިޔާކުރާ މަންޒަރު ފެންނަ ވީޑީއޯ ދައުރު ނުކުރަން ޖެންޑާ މިނިސްޓްރީ އާއި ފުލުހުން އެދިއްޖެއެވެ.
ދެކުނުގެ ރަށެއްގެ ތައުލީމީ މަރުކަޒެއްގައި ދަރިވަރަކު އޯޓިޒަމް ހުންނަ އެހެން ދަރިވަރަކަށް އަނިޔާކުރާ ވީޑިއޯއެއްދަނީ ސޯޝަލް މީޑިއާގައި ދައުރުކުރަމުންނެވެ.
އެކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީން މިއަދު ބުނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 33 ވަނަ މާއްދާގައި ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަކަށް ކުޑަކުދިންގެ ޒާތީ މައުލޫމާތު އެއްވެސް ފަރާތަކުން އާއްމުކޮށްގެން ނުވާނެ ކަމަށެވެ.
ކުށުގެ ތުހުމަތުގައިވާ ކުދިންނާއި ކުށުގެ ޝިކާރައަކަށް ވެފައިވާ ކުދިންނާއި އެނޫންވެސް ސަބަބަކަށްޓަކައި އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންގެ ނަމާއި އެޑްރެހާއި ތައުލީމު ހާސިލުކުރާތަނުގެ މައުލޫމާތު ފަދަ ޒާތީ މައުލޫމާތެއް ނުވަތަ އެކުދިންގެ ތަސްވީރެއް ނުވަތަ ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ނަމަވެސް ކުއްޖާއަކީ ކާކުކަން ދެނެގަނެވޭނެ ފަދަ އެއްވެސް މައުލޫމާތެއް މީޑިއާގައި ނުވަތަ އެނޫންވެސް ވަސީލަތެއްގައި ޝާއިއުކޮށްގެން ނުވާނެކަން ބަޔާންކޮށްފައިވާ ކަމަށެވެ.
އެހެންކަމުން އެ ވީޑިއޯގައި ކުޑަކުދިންގެ ތަސްވީރު ފެނިގެން ދިއުމަކީ އެކުދިންގެ ކަރާމާތަށް އުނިކަން އަންނަ ކަމަކަށްވާތީ، އެ ވީޑިއޯ މީޑިއާގައި އަދި ޝޯސަލް މީޑިއާގައި އެއްވެސް ފަރާތަކުން ދައުރު ނުކުރަން ޖެންޑާއިންނާއި ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ދަރިވަރަކު އެހެން ދަރިވަރަކަށް އަނިޔާކުރާ ވީޑިއޯ އާއްމުވުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ މައްސަލަ ބަލަމުން އަންނަ ކަމަށް ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު