އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ލިވަޕޫލް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ރޭގެ ނަތީޖާއާއެކު ލިވަޕޫލަށް އަދި ލީގުގައި މޮޅެއް ހޯދިފައެއް ނުވެއެވެ. ކުޅުނު ތިން މެޗުން އެޓީމަށް ލިބުނީ ދެ ޕޮއިންޓެވެ. ލީގު ތާވަލުގައި މިވަގުތު ލިވަޕޫލް އޮތީ 16 ވަނައިގައެވެ.
ރޭގެ މެޗަށް ނުކުތް އިރު، ލިވަޕޫލާއި ޔުނައިޓެޑްގެވެސް އޮތީ ސީޒަނުގެ ފުރަތަމަ މޮޅެއް ހޯދުމަށް ބޭނުންވެފައެވެ. ލިވަޕޫލުން ފުރަތަމަ ކުޅުނު ދެމެޗުން އެއްވަރު ވެފައި އޮތުމުން ރޭގެ މެޗުން މޮޅެއް މުހިއްމުވި އިރު، އަނެއްކޮޅުން ނުކުތް ޔުނައިޓެޑަށް މޮޅެއް މުހިއްމުވީ ފުރަތަމަ ދެމެޗުން ބޮޑު ތަފާތަކުން ބަލިވެފައި އޮތުމުންނެވެ.
މެޗު ޔުނައިޓެޑުން ކާމިޔާބުކުރުމާއެކު ހާސްކަން ބޮޑުވީ ޖާގަން ކްލޮޕްގެ ލިވަޕޫލަށެވެ. މިދިޔަ ސީޒަން ލީގުގެ ދެވަނައިގައި ނިންމާލި ލިވަޕޫލްގެ ހާލަތު އޮތީ ގޯސްކޮށެވެ. އަނިޔާގެ މައްސަލަތަކާއެކު ކްލޮޕަށް އޮތީ އުނދަގޫވެސް ޗެލެންޖެކެވެ.
"ޓީމުގެ ހާލަތާ މެދު އަހަރެންގެ ހާސްކަން އެބަހުރި. އެކަމަކު އެއީ ފުޓުބޯޅައިގައި ދިމާވާނެ ގޮތަކީވެސް. ދެން އޮތް މެޗުތަކަށް ތައްޔާރުވާނަން. ލިވަޕޫލަށް މޮޅުވެވެން އޮތް މެޗެއް ގެއްލުނީ. ލިވަޕޫލް މޮޅުވާން ޖެހޭ މެޗެއް އެއީ. އަހަންނަށް އެނގޭ އެވާހަކަ ގަބޫލުކުރަން އުނދަގޫ ވާނެކަންވެސް،" ކްލޮޕް ރޭގެ މެޗަށްފަހު ބުންޏެވެ.
ކްލޮޕް ބުނީ ޔުނައިޓެޑުން ފެށި އަވަސް ފެށުމަށް ލިވަޕޫލަށް ތައްޔާރު ނުވެވުނު ކަމަށާއި، ފުރަތަމަ ކޮޅުގައި ޖޭޑަން ސަންޗޯ ގޯލު ޖެހީ އޭގެ ފައިދާ ނަގައިގެން ކަމަށެވެ. ޔުނައިޓެޑުން ރޭގެ މެޗުގައި ފުރަތަމަ ގޯލު ސަންޗޯ ޖެހިއިރު، ދެވަނަ ގޯލަކީ ދެވަނަ ހާފުގައި މާކަސް ރަޝްފޯޑު ޖެހި ގޯލެކެވެ. ލިވަޕޫލްގެ ގޯލު ޖެހީ މުހައްމަދު ސަލާހެވެ. ފަހު ހާފުގައި ލިވަޕޫލުން ވަނީ ގޯލަކަށް އިތުރަށް މަސައްކަތްކޮށް ހަމަލާތައްވެސް ގިނަކޮށްފައެވެ. އެހެން ނަމަވެސް ކާމިޔާބެއް ނުވިއެވެ.
ކްލޮޕް އިތުރަށް ފާހަގަކުރީ އަނިޔާގެ މައްސަލަތަކާ ހުރެ ސްކޮޑުގެ ސީނިއާ ގިނަ ކުޅުންތެރިންތަކަކަށް މެޗުތައް ގެއްލުމަކީ ކަންބޮޑުވުމެއް ކަމަށާއި، އެހެން ނަމަވެސް ޖާނާ މާލުން ބުރަކޮށް މަސައްކަތް ކޮށް ހާލަތު ބަދަލުކުރާނެ ކަމަށެވެ. އަދި ލިވަޕޫލްގެ ތެރޭގައި ޓީމު ރޫހުގެ މައްސަލައެއް ނޫޅޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށްވެސް ކްލޮޕް ބުންޏެވެ.
ރޭގެ މެޗަށް ނުކުތް އިރު ލިވަޕޫލްގެ މެދުތެރެއިން ތިއާގޯ އަލްކަންޓާރާއާއި ފަހަތުން އިބްރާހީމް ކޮނާޓޭ، ޖޯލް މަޓިޕް އަދި ކުރިން ޑިއޭގޯ ޖޮޓާވެސް ހުރީ އަނިޔާގައެވެ. މެދުތެރެއިން ޖޯޑަން ހެންޑަސަންއާއެކު ޖޭމްސް މިލްނާ ފެނުނު އިރު، ފުރަތަމަ ގޯލަށްފަހު ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެންޑައިކާއި މިލްނާ ދެބަސްވުމަކަށް ދިޔައެވެ. އެ ދެބަސްވުމަކީ މާ ބޮޑު މައްސަލައެއް ނޫން ކަމަށް މެޗަށްފަހު ކްލޮޕް ބުންޏެވެ.
ލިވަޕޫލަށް ދެން ލީގުގައި ކުރިއަށް އޮތީ ހޯމް ދެމެޗެވެ. އެއީ ބޯންމައުތާ ދެކޮޅަށް ކުޅެން އޮތް މެޗާއި ނިއުކާސަލްއާ ދެކޮޅަށް ކުޅެން އޮތް މެޗެވެ.
ޔާގަން ކްލޮޕް
ޔާގަން ކްލޮޕް
ޔާގަން ކްލޮޕް
ޔާގަން ކްލޮޕް