ވޯލްޑް ކަޕް 2026 ގެ ފަހުން ޖަރުމަނު ގައުމީ ޓީމާ ހަވާލުވެ ޔާގަން ކްލޮޕް، ހަތަރު މެޗަށް ދެ ސްކޮޑެއް ނެގުމުން އެކަމަށް ފުޓުބޯޅައިގެ ފަރާތްތަކުން ތައުރީފު ކޮށްފިއެވެ.

ކުރިން ލިވަޕޫލާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކްލަޕް، ޖަރުމަނުން މިފަހަރު އިންޓަނޭޝަނަލް ބްރޭކްގައި ކުޅެން އޮތް ދެމެޗަށް 22 ކުޅުންތެރިންގެ ދެ ސްކޮޑު ނެގިއެވެ. އެއީ ޖުމުލަ 44 ކުޅުންތެރިންނެވެ. އެގައުމުން ނޭޝަންސް ލީގުގެ ހަތަރު މެޗު މި އިންޓަނޭޝަނަލް ބްރޭކްގައި އޮތް އިރު، އެއީ ނެދަލޭންޑްސްގެ އިތުރުން ގްރީސް އަދި ސާބިއާއާ ދެކޮޅަށް ކުޅޭ މެޗުތަކެވެ. ގްރީސްއާ ދެކޮޅަށް ހޯމް އަދި އަވޭގައިވެސް ޖަރުމަނުން ކުޅޭނެއެވެ.

ކްލޮޕް ފުރަތަމަ ފަހަރަށް ސްކޮޑު އިއުލާނުކުރަމުން ދިން ޕްރެސްގައި ސިޔާސީ ގޮތުން އެގައުމުގައި ހިނގަމުންދާ ކަންތައްތަކަކަށް އިޝާރާތްކޮށް ވާހަކަ ދައްކާފައިވުމާއެކު، އެކަމަށްވެސް ވަނީ ސަމާލުކަން ބޮޑުވެފައެވެ. އޭގެ ތެރެއިން ޖަރުމަނު ފުޓުބޯޅަ ލެޖެންޑުން ވަނީ ކްލޮޕް ބޭނުންކުރާ ދެ ސްކޮޑުގެ ޕްލޭނަށް ތައުރީފު ކޮށްފައެވެ.

"އަހަންނަށް އެއީ ވަރަށް ތަފާތު ރަނގަޅު ވިސްނުމެއް. 44 ކުޅުންތެރިންނަށް އެ ލިބޭ ފުރުސަތުގައި ރަނގަޅު ކަންތައްތަކެއް ހޯދޭނެ. ގާތްގަނޑަކަށް 10 ނޫނީ ނުވަ ދުވަސް ތެރޭގައި ހަތަރު މެޗު ކުޅެން ޖެހޭ އިރު، ދެ ސްކޮޑު އޮތުމުން، އެ ކުޅުންތެރިން ކްލަބުތަކާ ދުރުގައި ތިބެން ޖެހޭ ވަގުތުވެސް މަދުވާނެ. ލީގުތަކާއި ޔޫރަޕްގެ މުބާރާތްތައްވެސް ކުރިއަށްދާތީ އެއީ ރަނގަޅެއް،" 1990 ވަނަ އަހަރު ޖަރުމަނުން ވޯލްޑް ކަޕް ހޯދި ޓީމުގެ ކެޕްޓަން ލޯދާ މަތެއަސް ބުންޏެވެ.

ޖަރުމަނުން އެންމެފަހުން ހޯދި ބޮޑު ކާމިޔާބީއަކީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕެވެ. އެންމެފަހުގެ ތިން ވޯލްޑް ކަޕުންވެސް ޖަރުމަނު ވަނީ ގްރޫޕް ސްޓޭޖުން ކަޓައިގެން ގޮސްފައެވެ.

ޖަރުމަނު ފުޓުބޯޅަ ފެޑަރޭޝަންގެ ނައިބު ރައީސް ޔޮކީމް ވަޒްކޭވެސް ވަނީ ކްލޮފްގެ މި ނިންމުނަށް ތައުރީފުކުރައްވައިފައެވެ. އޭނާ ވިދާޅުވީ ޔޫރޯ 2028 އަށް ޓީމު ތައްޔާރުކުރުމަށް މިއީ ކަންކަން އެކްޕެރިމެންޓް ކުރަން އެންމެ ރަނގަޅު ވަގުތު ކަމަށެވެ.