ޖަރުމަނުގެ ކޯޗުކަމުގެ ހުރި ޔޫލިއަން ނާގެލްސްމަން މަގާމު ދުރަށް ޖައްސާލައި، ޖަރުމަނުން ޔާގަން ކްލޮޕާ މަޝްވަރާ ކުރަން ފަށާފައިވާ ކަމަށް ފެޑަރޭޝަނުން ބުނެފިއެވެ.

ޖަރުމަނަށް މިއީ ފުޓުބޯޅައިގައި އުނދަގޫ ދުވަސްތަކެކެވެ. 2018 ވަނަ އަހަރާއި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުން ކަޓާފައި ޖަރުމަނު މިފަހަރު ގްރޫޕް ސްޓޭޖުން ސަލާމަތްވި ނަމަވެސް، ގަދަ 32 ގެ ބުރުގައި ޕަރަގުއާއީ ކައިރިންވީ ބައްޔެވެ. އެއީ ޕެނަލްޓީ ޖަހައިގެންނެވެ.

އެމެޗަށްފަހު އުމުރުން 38 އަހަރުގެ ނާގެލްސްމަން ބުނީ ކެޓުމާއެކުވެސް ޓީމުގެ ކޯޗުކަން ދޫކޮށްލަން ބޭނުން ނުވާ ކަމަށެވެ. އެހެން ނަމަވެސް އެއީ ފެޑަރޭޝަނުން އެކަމަށް ބޭނުންވާ ނަމަ ކަމަށް އޭނާ ފާހަގަކުރިއެވެ. ޖަރުމަނުގެ ފުޓުބޯޅަ އިދާރާއިން ބުނީ ނާގެލްސްމަންއާއެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެންނަން ނިންމާފައި ވަނީ ތިން ގަޑިއިރުގެ ބައްދަލުވުމަށްފަހުއެވެ.

ނާގެލްސްމަން 2023 ވަނަ އަހަރު ޖަރުމަނާ ހަވާލުވިފަހުން އަމިއްލަ ގައުމުގައި އޮތް ޔޫރޯ 2024 ގެ ކުއާޓާ ފައިނަލަށް އެޓީމުގެ ގެންގޮސްދީފައިވާ އިރު، ފުޓުބޯޅަ އިދާރާއިން ވަނީ އޭނާ ކުރި މަސައްކަތަށް ޝުކުރު އަދާކޮށްފައެވެ. ނާގެލްސްމަންއަކީ މިފަހަރު ވޯލްޑް ކަޕްގައި ފެނުނު އެންމެ ޒުވާން ކޯޗެވެ.

ޖަރުމަނު ކެޓުމާއެކު ކްލޮޕް ބުނީ އޭނާ މަގާމާ ހަވާލުވާން ތައްޔާރަށް ހުރި ކަމަށެވެ. ނާގެލްސްމަން މަގާމުން ދުރުކުރަން ނިންމި ހިސާބުން ޖަރުމަނު ފުޓުބޯޅަ އިދާރާއިން މަޝްވަރާ ފަށާފައިވާ ކަމަށްވެސް ކްލޮޕް ބުނެފައިވެއެވެ.

ކްލޮޕް މިހާރު ހުރީ ރެޑްބުލްގެ ގްލޯބަލް ހެޑް އޮފް ސޮކާގެ މަގާމުގައެވެ. ކްލޮޕް ބުނީ ގޮތެއް ނިންމުމުގެ ކުރިން ރެޑްބުލްއާވެސް ވާހަކަ ދައްކަން ޖެހޭނެ ކަމަށެވެ.

ޖަރުމަނުން ވަނީ ކްލޮޕާ ވާހަކަ ދައްކަމުންއަންނަކަމުގެ ޔަގީންކަންވެސް ދީފައެވެ. އެހެން ނަމަވެސް ނިންމުން އަދި ފައިނަލްވެފައި ނުވާ ކަމަށްވެސް ޖަރުމަނުގެ ފުޓުބޯޅަ އިދާރިން ވަނީ ބުނެފައެވެ.

ކްލޮޕަކީ ޖަރުމަނު ސަޕޯޓަރުންގެ މެދުގައި މަގުބޫލު ކޯޗެކެވެ. އޭނާ ވަނީ ބްރޫޝިއާ ޑޯޓްމުންޑާއެކު ޖަރުމަނު ލީގުވެސް ކާމިޔާބުކޮށްފައެވެ. އޭގެފަހުން 2015 އިން 2024 އަށް ކްލޮޕް ވަނީ ލިވަޕޫލަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދީފައެވެ. އެގޮތުން ނުވަ އަހަރު ތެރޭގައި ލީގު ތަށްޓާއި ޗެމްޕިއަންސް ލީގުވެސް އެ ކްލަބާއެކު ހޯދާފައިވެއެވެ.