ގައުމީ ސީނިއާ ފުޓުބޯޅަ ޓީމުން ކުރިއަށް އޮތް ތަނުގައި ބޮޑެތި ބަދަލުތަކެއް ފެންނާނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ގައުމީ ޓީމާ ގުޅޭ ގޮތުން ބައްސާމް މިވާހަކަ ފާހަގަކުރައްވައިފައި ވަނީ އެފްއޭ ކަޕްގެ ފައިނަލަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ. ބައްސާމް ވިދާޅުވީ ގައުމީ ޓީމު ޒުވާންކޮށް، ކުރިއަށް އޮތް ތަނުގައި އާ ކުޅުންތެރިންނަށް ފުރުސަތުތަކެއް ދޭން ޕްލޭންތައް ކުރަމުން އަންނަ ކަމަށެވެ.

"ގައުމީ ޓީމު އަލުން ފައްޓާއިރުގައި ވަރަށް ބޮޑެތި ބަދަލުތަކެއް ފެންނާނެ. ކުރިއަށް އޮތް އޭޝިއަން ކަޕަށް ކޮލިފައިވާން މިހާރުން ފެށިގެން ޓީމެއް ތައްޔާރު ކުރުން، ކޯޗާ ވެސް ހަވާލުކުރާނީ. ހަމަ ޒުވާން ޓީމަކާ އެކު ކުރިއަށް ދިއުން، ވަރަށް ބޮޑެތި ބަދަލުތަކެއް ފެނުމަކީ އެކަށީގެންވާ ކަމެއް. ވަރަށް ގިނަ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ލިބިގެންދާނެ ކަމަށް މި ގަބޫލުކުރަނީ، ބޭނުމަކީ މަޑުމަޑުން ޑިވެލޮޕްކުރުން،" ބައްސާމް ވިދާޅުވިއެވެ.

ރާއްޖޭގެ ގައުމީ ސީނިއާ ޓީމުން އަންނަ މަހުގެ ތެރޭގައި އެކުވެރިކަމުގެ ދެ މެޗެއް ކުޅެން ނިންމާފައިވެއެވެ. ރާއްޖެއިން އަންނަ މަހުގެ އިންޓަނޭޝަނަލް ބްރޭކްގައި މެޗުތައް ކުޅޭނީ ބްރުނާއީ ދާރުއްސަލާމާއި ލާއޯސްއާ ދެކޮޅަށެވެ. އެ މެޗުތައް ކުޅޭނީ ބްރުނާއީގައެވެ. މެޗުތައް ރާއްޖެއިން ކުޅޭނީ އަންނަ މަހު އަންނަ ފީފާ އިންޓަނޭޝަނަލް ދުވަސްތައް ކަމަށްވާ ސެޕްޓެމްބަރު 19 އިން 27އާ ދެމެދުގެ ކޮންމެވެސް ދުވަސްތަކެއްގައެވެ.

ބައްސާމް ފާހަގަކުރެއްވީ އެ މެޗުތައް ކުޅުމުގެ ބޭނުމަކީވެސް އާ ކުުޅުންތެރިންނަށް ފުރުސަތު ދީގެން މަޑުމަޑުން ތަރައްގީ ކަމަށެވެ. އޭގެ އިތުރުންވެސް އޮކްޓޯބަރު މަހުގެ ފީފާ ބްރޭކްގައިވެސް ރާއްޖެއިން މެޗުތަކެއް ކުޅެން ތައްޔާރުވާ ކަމަށް ބައްސާމް ވިދާޅުވިއެވެ.

ގައުމީ ޓީމު ޒުވާން ކުރަން ޖެހޭ ކަމަށް މީގެ ކުރިންވެސް ގިނަ ވާހަކަތައް ދެކެވިފައިވާ އިރު، މިދިޔަ ސީޒަނުގެ ތެރޭގައިވެސް ގައުމީ ޓީމުން ކުރިމަތިލި މުބާރާތްތައް ނިންމާލަން ޖެހުނީ އެންމެ އެކަށޭނެ ނަތީޖާތަކަކާ އެކުގައެއް ނޫނެވެ. އަމިއްލަ ގައުމުގައި ކުޅުނު ސާފް ޗެމްޕިއަންޝިޕް ނަގަން ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާ އިރު، ލަންކާ މުބާރާތްވެސް ފެނުނީ ދަށްކޮށެވެ.

އޭގެ އިތުރުން ސެންޓްރަލައިޒްކޮށް ކުޅުނު އޭއެފްސީ ކަޕް ފައިނަލް ބުރުގެ ކޮލިފިކޭޝަންއިން ރާއްޖެ ކަޓައި، އޭޝިއަން ކަޕަށް ކުރި އިންތިޒާރުވެސް ނިމުނީއެވެ.

އެންމެ ފަހުން ގައުމީ ޓީމާ ހަވާލުވި ތިން ކޯޗުން ކަމަށްވާ ކްރޮއޭޝިއާގެ ޕީޓަ ސެގާޓް، ނެދަލެންޑްސްގެ މާޓިން ކޫޕްމަން އަދި މިހާރު ހަވާލުވެހުރި، އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ވެސް ވަނީ އޭޝިއަން ކަޕްގެ ޓާގެޓްގައި މަސައްކަތްތަކެއް ކޮށްފައެވެ. އެއީ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންއާ ހަަމައިން ފެށިގެންނެވެ. އެ މަސައްކަތުގައި ތިން ކޯޗުންނަށްވެސް ކާމިޔާބު ތަކެއް ހޯދިފައެއް ނުވެއެވެ.

އޭގެ ތެރެއިން ސެގަޓް ވަނީ 2018 ވަނަ އަހަރު ގައުމީ ޓީމާއެކު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފައެވެ.