ކައުންސިލްތައް ހިންގުމުގައި ހައްލުކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށާއި އެކަންކަން ހައްލުކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް އެގޮތަށް ވިދާޅުވީ މިއަދު އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައެވެ.
ރައީސްގެ ޓްވީޓްގައި ވިދާޅުވީ އައްޑޫސިޓީގެ މަޝްރޫއުތައް އަވަހަށް ނިންމުމަށް ހައްލު ކުރަންޖެހޭ ކަންތައްތަކާ ގުޅޭގޮތުން މިއަދު މަޝްވަރާ ކުރެވުނު ކަމަށެވެ.
"ލާމަރުކަޒީ ގާނޫނުގެ އިސްލާހުތަކާއެކީ ކުރެވުނު ތަޖުރިބާއިން، ކައުންސިލްތައް ހިންގުމުގައި ހައްލުކުރަން ޖެހޭ ކަންތައްތަކެއް ހުރިކަން އަޅުގަނޑުމެންނަށް ފާހަގަވި،" ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހް، އައްޑޫ ސިޓީ ކައުންސިލާއެކު ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި އެ ސިޓީގެ ކައުންސިލުން ވަނީ އެ ސިޓީގައި މި ސަރުކާރުން އެންމެ ގިނަ ތަރައްގީގެ މަޝްރޫއުތައް ހިންގާތީވެ، އެކަމަށް ރައީސަށް ޝުކުރު އަދާ ކޮށްފައެވެ.
އެ ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ އައްޑޫ ސިޓީގެ ތަރައްގީއާ ގުޅޭ ކަންކަމުގެ އެންމެފަހުގެ މައުލޫމާތުތަކާއި ހުރި ބައެއް ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. އެގޮތުން ކައުންސިލްގެ މަސައްކަތްތައް ހިންގުމުގައި ދިމާވާ ބަޖެޓުގެ ދަތިކަމާއި ބޯހިޔާވަހިކަމާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާއި އިޖުތިމާއީ މައްސަލަތަކާ ގުޅޭގޮތުން ވަނީ ރައީސާއެކު މަޝްވަރާކުރައްވައިފައެވެ.
ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ އައްޑޫ ސިޓީގެ ކައުންސިލްގެ ފަރާތުން ފާހަގަކުރި ކަންކަމާއި ކައުންސިލުން ހުށަހެޅި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާ މަޝްވާރަކުރައްވައިގެން އެދެވޭ ހައްލުތަކެއް ހޯއްދަވައިދެއްވާނެ ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމުގެ ތަޖުރިބާގައި އެކައުންސިލަަށް ދިމާވި ބައެއް ދަތިތައް ހައްލުކުރަން ހުރިހާ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު