އެމްޑީޕީގެ އެންމެ ވަރުގަދަ ބޭފުޅަކީ އެ ޕާޓީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.
މިދިޔަ ހުކުރު ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ސޯޝަލް ސެންޓަރުގައި ކުރިއަށްގެންދިޔަ އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސްގެ ހަވާސާގައި މީޑިއާތަކަށް ދެއްވި އިންޓަވިޔުއެއްގައި މޫސާ މަނިކު ވިދާޅުވީ، ނިޒާމީ ވޯޓަކަށް އެހުމުގެ ގަރާރު ރައީސް ނަޝީދު ނެންގެވުމަކީ ވަރަށް ބުއްދިވެރި ނިންމުމެއް ކަމަށެވެ.
މޫސަ ވިދާޅުވީ، އެމްޑީޕީގެ ތެރޭގައި މިހާރު އޮތް ހިޔާލުތަފާތުވުންތަކަކީ އޮންނަން ޖެހޭ ހިޔާލުތަފާތުވުންތަކެއް ކަމަށެވެ.
ރައީސް ނަޝީދާ ހިޔާލު ތަފާތުވާ މީހެއްވިއްޔާ އެމްޑީޕީން ދުރަށްގޮސްފައިވާކަން ފާހަގަކުރައްވައި މޫސަ ވިދާޅުވީ، ގަރާރު އަނބުރާ ނެންގެވުމަކީ ރައީސް ނަޝީދަށް ލިބިވަޑައިގަތް ނާކާމިޔާބެއް ނޫން ކަމަށާއި އެއީ ޕާޓީއަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.
"އަޅުގަނޑުމެން ލީޑަޝިޕްގައި ވަކިވެގެން ދިޔަ ކޮންމެ މީހަކު ދިޔައީ ރައީސް ނަޝީދާ ތަޅާނުފޮޅަން ވެގެން. އެހެންވީމާ ރައީސް ނަޝީދަކީ އެމްޑީޕީގައި އަނެއްހެން ބުނަންޏާ އެންމެ ހަމަ ވަރުގަދަ ބޭފުޅާ. އެބޭފުޅާވެސް ހިޔާލުތަފާތުވާނެ" މޫސަ ވިދާޅުވިއެވެ.
މޫސަ އިތުރަށް ވިދާޅުވީ، ކޮންގްރެސްގެ ނިންމުމަށް ހުރިހާ މެންބަރުންވެސް ތަވާބާން ޖެހޭ ކަމަށާއި ކޮންގްރެސްގެ ނިންމުން އެގޮތުގައި ބޭއްވުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އެ ނިންމުމާ ދެކޮޅުވާ މީހުން ޕާޓީން ވަކިކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
ރީކޯ މޫސައަކީ ރައީސް ސޯލިހުގެ ވަރަށް އަރިސް ބޭފުޅެކެވެ. މޫސަ ވަނީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭން ޖެހޭކަމަށް ވިދާޅުވެ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު