މިއަހަރުގެ އެފްއޭ ކަޕް ފައިނަލްގައި ކްލަބު ވެލެންސިއާ ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން، ކްލަބު ތާރީހުގައި ތިންވަނަ ފަހަރަށް އެފްއޭ ކަޕް ކާމިޔާބުކޮށްފިއެވެ.
މިރޭ ގައުމީ ދަނޑުގައި ކުޅުނު އެފްއޭ ކަޕްގެ ފައިނަލުގައި މާޒިޔާއިން ވެލެންސިއާ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މީގެ ކުރިން މާޒިޔާއިން އެފްއޭ ކަޕް ކާމިޔާބުކުރީ 2012 ވަނަ އަހަރާއި 2014 ވަނަ އަހަރުއެވެ. މިއީ 2017 ވަނަ އަހަރަށްފަހު ފުޓުބޯޅަ ސީޒަނުގައި އެފްއޭ ކަޕް ކުޅުނު ފުރަތަމަ ފަހަރެވެ. އެ އަހަރުން ފެށިގެން މިއަދާ ހަަމައަށް އެކި ސަބަބުތަކާ ހެދި އެފްއޭ ކަޕް ކުޅެވިފައެއް ނުވެއެވެ.
މާޒިޔާއިން މިފަހަރުގެ އެފްއޭ ކަޕަށް ނުކުތީ މުޅިން ދިވެހި ކުޅުންތެރިންނާ އެކުގައެވެ. އެ ކްލަބުގެ ކޯޗަކަށްވެސް އެފްއޭ ކަޕްގައި ހުރީ އެސިސްޓަންޓް ކޯޗު އަހުމަދު ސުޒޭރު (ކޮއްކޮ) އެވެ. މިއީ ސުޒޭރު ހެޑް ކޯޗެއްގެ ރޯލުގައި ހުއްޓައި، މާޒިޔާއަށް ލިބުނު ފުރަތަމަ ތަށްޓެވެ.
އެފްއޭ ކަޕް ތަށްޓާއެކު މާޒިޔާއިން ވަނީ ސީޒަނުގައި ޑޮމެސްޓިކް ދެ ތަށި ހޯދައިފައެވެ. މާޒިޔާއަށް ގެއްލުނީ ސީޒަނުގައި ފުރަތަމަ ތަށި އެކަންޏެވެ. އެއީ ޕްރެސިޑެންޓްސް ކަޕް ފައިނަލުގައި ވެލެންސިއާ އަތުން ބަލިވެގެންނެވެ. ޖެނުއަރީ މަހު، ރ. އަލިފުށީ ޓާފް ދަނޑުގައި ކުޅުނު ފައިނަލުން ވެލެންސިއާއިން މާޒިޔާ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
މިރޭގެ މެޗަށް ވެލެންސިއާއިން ނެރުނު ފުރަތަމަ 11 ގައި މާޒިޔާގެ ލޯން އެއްބަސްވުމެއްގެ ދަށުން ވެލެންސިއާއަށް ކުޅެމުން އަންނަ މުހައްމަދު އުމެއިރު ހިމެނިފައެއް ނުވެއެވެ. މިރޭގެ މެޗުގައި އުމައިރަށް ނުކުޅެވުނީ ކޮންޓްރެކްޓްގައި އިން ގޮތުން މާޒިޔާއާ ދެކޮޅަށް ނުކުޅެވޭތީއެވެ. ވެލެންސިއާގެ ޑިފެންޑަރު އަމްދާން އަލީ (އެންޑީ) އަނިޔާގައި ހުރުމުން އޭނާގެ ބަދަލުގައި ޑިފެންސްއަށް ކުޅުނީ މިސްރުގެ މިޑްފީލްޑަރު، ހަލީލް ޖަމާލެވެ.
ވެލެންސިއާއިން ކައުންޓާ އެޓޭކް ސިސްޓަމަކަށް ބޮޑަށް ޓީމު ރާވާފައި އޮތް އިރު، ކުރީކޮޅުގައިވެސް ހަމަލާތައް އުފެއްދީ މާޒިޔާއިންނެވެ. ކެޕްޓަން އަސަދުﷲ އަބްދުﷲ އޭރިއާ ތެރެއިން ބޮލުން ފޮނުވާލި ބޯޅަ ވެލެންސިއާގެ ކީޕަރު، އާދަމް އިމްއާން މަތަކުރި އިރު، މާޒިޔާއިން ވަނީ މެޗުގެ 14 ވަނަ މިނެޓްގައި ލީޑު ނަގައިފައެވެ.
މާޒިޔާގެ ގޯލަކީ ނާއިޒު ހަސަން (ދާދު) އޭރިއާ ބޭރުން ގޯލުގެ މަތީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން ޖެހި ގޯލެކެވެ.
ވެލެންސިއާއަށް އެންމެ އެދެވޭ ގޮތެއްގައި މެޗަށް ނުވަދެވިގެން އުޅެނިކޮށް، މާޒިޔާއިން މެޗުގެ 32 ވަަނަ މިނެޓްގައި ލީޑު ފުޅާކުރިއެވެ. އެ ގޯލު ޖެހީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. ދިގު ބޯޅައަކަށް ކުރިއަށް ޖެހި އޭރިއާ ތެރެއަށް ވަދެ، ހަމްޕު ގޯލު ޖެހީ ވެލެންސިއާ ގޯލްކީޕަރު އިމްއާން ބޯމަތިން ބޯޅަ، ގޯލަށް އޮއްސާލައިގެންނެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައި ފެނުނީ ވާރޭ ބޯކޮށެވެ. ބޯ ވިއްސާރައިގެ ތެރޭގައި މެޗު ކުޅެމުންދިޔަ އިރު، ވެލެންސިއާއިން ކޮންމެވެސް ވަރަކަށް މެޗަށް ވަނުމަށް މަސައްކަތްތަކެއް ކުރިއެވެ. އެޓީމުން ތަނަވަސް ކުރި ފުރުސަތުތަކުގައި އެންމެ އެދެވޭ ގޮތުގައި ބޭނުން ނުހިފި ދިޔައިރު، ހިލޭ ޖެހުމަކުން ވެލެންސިއާގެ އަބްދުﷲ ޔާމީން (ޔާނު) ނެގި ބޯޅަ ޖަހަން އޭރިއާ ތެރެއިން ވެލެންސިއާގެ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ހުސްކޮށް އަރައި ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިން ބޭރަށެވެ. އަދި ޔާމީނަށް މުޅިން ހުހަށް ލިބުނު ފުރުސަތުގައި އޭނާ ޖެހި ބޯޅަ ދިޔައީވެސް ބޭރަށެވެ.
އެ ހަމަލާތަކުގެ އިތުރުން ވެލެންސިއާއިން ހިލޭ ޖެހުމެއްގައި ހޯދި ފުރުސަތަކުން އަސްހަދު އަލީ (އަޑޭ) ބޮލުން ޖެހި ބޯޅައެއް ގޯލަށް ވަން ނަމަވެސް، ލައިންސްމަން އެއިރު އޮތީ އޮފްސައިޑަށް ދިދަ ނަގައިފައެވެ.
މާޒިޔާއިން ވަނީ ފަހު ކޮޅުގައި ތިންވަނަ ގޯލަކާ ގާތަށް ޖެހިލައިފައެވެ. ދެޓީމުގެ ފަރާތުންވެސް ފަހު ކޮޅުގައި ވަރުބަލިކަން ފެނުނު އިރު، ދާދު އާއި ހަމްޕު އަދި އިއްބެއަށްވެސް ތިންވަނަ ގޯލެއް ޖަހަން ލިބުނު ފުރުސަތުތައް ދިޔައީ ބޭކާރު ވެގެންނެވެ.
ވެލެންސިއާއިން މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓްގައި އަރިމަތިން ދިޔަ ބޯޅަ އަކަށް އަރައި، ވެލެންސިއާގެ އަޑޭ ވަނީ މާޒިޔާގެ ސަމުއްޓޭއަށް ނުރައްކާތެރި ފައުލެއް ކޮށްފައެވެ. އެ ފައުލަށް އަޑޭ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފައެވެ.
މިރޭގެ މެޗަށްފަހު އެފްއޭ ކަޕްގެ ތިންވަނަ ޓީމު ގްރީން ސްޓްރީޓްސްއަށް ލޯ މެޑަލް ދީފައިވާ އިރު، ރަނަރަޕް ޓީމާއި ޗެމްޕިއަން ޓީމަށް ވަނީ މެޑަލް ދީފައެވެ. މާޒިޔާގެ ކެޕްޓަން ބޭންޑްގައި ތަށި އުފުލާލީ ކެޕްޓަން އަސަދުﷲއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކީ މާޒިޔާގެ ދާދުއެވެ.