އެފްއޭ ކަޕް ސެމީ ފައިނަލް ދެވަނަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބުން ބުރު ސްޕޯޓްސް ކްލަބު ބަލިކޮށްފިއެވެ.
ގައުމީ ދަނޑުގައި މިރޭ ކުޅުނު ސެމީ ދެވަނަ މެޗުގައި ޓީސީން ވަނީ 2-0 އިން ބުރު ބަލިކޮށްފައެވެ.
މީގެ ކުރިން ޓީސީން 2017 ވަނަ އަހަރު އެފްއޭ ކަޕް ފައިނަލުގައި ކުޅެފައިވާ އިރު، އެފަހަރު ބަލިވީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ކައިރިންނެވެ. އެފަހަރު ފައިނަލުގައި ނިއު މޮޅުވީ ޕެނަލްޓީއަށް ގޮސްގެންނެވެ. އޭގެ ކުރިންވެސް 2016 ވަނަ އަހަރު ޓީސީ އެފްއޭ ކަޕް ފައިނަލުގައި ކުޅުނެވެ. އެފަހަރު ކްލަބު ވެލެންސިއާ ކައިރިން ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ.
ޓީސީއާ ދެކޮޅަށް ފައިނަލުގައި ނުކުންނާނީ ނިއުއާ ދެކޮޅަށެވެ. އެޓީމުން ސެމީ ފައިނަލް ފުރަތަމަ މެޗުގައި ބްލޫ ސްޕޯޓްސް ކްލަބު ކައިރިން 7-0 އިން މިއަދު ހަވީރު މޮޅުވި އިރު، ނިއުއަކީ މުބާރާތު ތާރީހުގައި އެންމެ ކާމިޔާބު ޓީމެވެ. އެޓީމުން ވަނީ 12 ފަހަރު އެފްއޭ ކަޕް ކާމިޔާބު ކޮށްފައެވެ.
ފުރަތަމަ ހާފުގެ ކުރީކޮޅުގައި ހުސް ފުރުސަތުތަކެއް ނުފެނު ނަމަވެސް، ފަހުން ދެކޮޅަށްވެސް ހަމަލާތައް އުފައްދާފައިވެއެވެ. ޓީސީގެ އިބްރާހީމް އޮލަޑީމޭޖީ ޖިމޯގެ ދެ ހަމަލާއެއް ބުރުގެ ކީޕަރު އަބްދުﷲ އަރުޝަން މަތަކުރި އިރު، އަނެއް ކޮޅުން ހަޑްސަން ޑިއާސް ޑެ ޖެސޫސް ފޮނުވާލި ހަމަލާއެއް ދަނޑިއަށް އަމާޒުވިއެވެ.
ދެވަނަ ހާފު ފެށިގެން މެޗުގެ 64 ވަނަ މިނެޓުގައި ޓީސީން ލީޑު ނެގިއެވެ. އެ ގޯލް ޖަހައިފިނި ޕްރިންސް ބޯޑޫއެވެ. މެދުތެރެއިން ގޮސް ޖިމޯ ޖައްސާލި ބޯޅަ، ބޯޑޫ އޭރިއާ ތެރެއިން ގޯލަށް ވައްދާލީ ތިރިތިރިން ބޯޅަ ފޮނުވާލައިގެންނެވެ. އެ ބޯޅަ ގޯލަށް ވަނީ ކުޅުންތެރިޔަކު ފައިގައި ޖެހިފައެވެ.
އާތިފް މުހައްމަދު (އާތީ)ގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ ޓީސީން ފައިނަލް ޔަގީންކުރީ ބޯޑޫގެ އިތުރު ގޯލަކާއެކުގައެވެ. އެ ގޯލް ޖެހީ ބުރުން އެޓޭކަށް ކުރިއަށް ޖެހި އުޅެނިކޮށް ހޯދި ފުރުސަތުތަކެއްގެ ތެރެއިންނެވެ. ބޯޑޫ އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަކަށް ފޮނުވާލި ބޯޅަ އަމާޒު ކޮށްލީ ގޯލް ކަނަށެވެ.
އެފްއޭ ކަޕްގެ ތިންވަނަ ހޮވާ މެޗާއި ފައިނަލް މެޗު އޮންނާނީ ހޮނިހިރު ދުވަހުއެވެ. ހޮނިހިރު ދުވަހު ހަވީރު ތިންވަނަ ހޮވާ މެޗުގައި ބުރާއި ބްލޫ ސްޕޯޓްސް ކްލަބު ނުކުންނަ އިރު، ފައިނަލުގައި އެރޭ ޓީސީ ނުކުންނާނީ ނިއުއާ ދެކޮޅަށެވެ.
މުޙައްމަދު ޝަމްޢޫން
އެފްއޭކަޕް ދިވެހިރާއްޖެ
އެފްއޭކަޕް ދިވެހިރާއްޖެ
އެފްއޭކަޕް ދިވެހިރާއްޖެ