ހިޔާލުތައް އެއްގޮތްކުރަން އަވަސްވެގަނެ، ރައްޔިތުންނަށް ހިދުމަތް ކުރުމަށް އެކުގައި މަސައްކަތް ކުރައްވާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ސޯޝަލް ސެންޓަރުގައި ކުރިއަށްގެންދާ އެމްޑީޕީގެ ކޮންގްރެސްގައި މިއަދު ހަވީރު ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ގުނަންތަކާ މަޝްވަރާކުރައްވައިގެން އެއްގޮތް އުސޫލުތަކެއް ހޯދޭނެ ކަމަށް އެއްވެސް ޝައްކެއް ނެތް ކަމަށެވެ.

ނަޝީދު ވިދާޅުވީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށާއި ހިޔާލުތަފާތުވުންތައް އެއްގޮތް ކުރުމަށް އެމްޑީޕީން ކުރާނެ މަސައްކަތްތައް ދެފުށް ފެންނަ ގޮތަކަށްވުރެ މާސާފުކޮށް ކޮންގްރެސްގެ ހުރިހާ ބައިވެރިންނަށާއި އެމްޑީޕީގެ ސަޕޯޓަރުންނަށް ފެންނާނެ ކަމަށެވެ.

"އަޅުގަނޑުވެސް ޔަގީންކަން އަރުވަން ބޭނުން އިރާދަކުރެއްވިޔާ އަޅުގަނޑުމެންނަށް އެކުގައި ތިބެ އެއް ހިޔާލެއްގައި ތިބެ ކުރިއަށް މިއޮތް އިންތިހާބުގައި އަޅުގަނޑުމެންނަށް ކާމިޔާބުކުރެވި އަދި އެތައް ޒަމާނެއްވަންދެން ރާއްޖޭގެ ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ދެމިތިބެވޭނެ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވަނީ އެމްޑީޕީގެ ޗެއާޕާސަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ވާހަކަދައްކަވައިފައެވެ.

ނަޝީދު ވިދާޅުވީ، ފައްޔާޒު، އެމްޑީޕީގެ ޗެއާޕާސަންކަން ކުރައްވާތަން ފެނިވަޑައިގަތުމަކީ އެމަނިކުފާނަށް ލިބޭ އުފަލެއް ކަމަށެވެ. އަދި ފައްޔާޒުގެ ލީޑާޝިޕުގެ ދަށުން އެމްޑީޕީގެ ތެރޭގައި އުފެދޭ މައްސަލަތައް ހައްލުކުރާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

"އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް ޕާޓީ ފަޔާގެ ޒައާމާތައް ފަޔާގެ މަސްއޫލިއްޔަތުގައި ކުރިއަށްދާން އަޅުގަނޑަށް ބަލަހައްޓައިގެން އިދެވޭކަން. އަޅުގަނޑަށް ޔަގީން ކަށަވަރު އަޅުގަނޑުމެންގެ މައްސަލަތައް ވެސް އޭނާ ހައްލުކުރަން މަސައްކަތް ކޮށްދޭނެ އަދި މިޕާޓީއާ އެކީގަ ކުރިއަށް ދިޔުމަށް ވެސް އެބޭފުޅާ މަސައްކަތް ކޮށްދޭނެ،" ނަޝީދު ވިދާޅުވިއެވެ.