(އިޖުތިމާއީ މަރުކަޒުން: އަލީ ޔާމީން)
މިހާރު ކުރިޔަށްދާ އެމްޑީޕީގެ ކޮންގްރެސްއަށް، ޕާޓީގެ ރައީސް، މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ ބަރުލަމާނީ ނިޒާމު ގެނައުމުގެ މައްސަލައަށް ބަހުސް ފެށުމަށް ކުޑަ ވަގުތުކޮޅަކަށް ވެފައިވާ އިރު، އެކަމަށް ރައީސް ނަޝީދާއެކު ވަކި ގޮތަކަށް އެއްބަސް ނުވެވުނު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ފުރޮޅައިލެއްވުމަށެވެ. އެގޮތުން ނިޒާމީ ވޯޓަކަށް ދިއުމަށް ރައްޔިތުންގެ ކައިރީގައި އެހުމަށް ކޮންގްރެސްއަށް ނަޝީދު ވަނީ ހުށަހެޅުމެއްވެސް ހުށަހަޅުއްވައިފައެވެ. ނަމަވެސް އެކަމާ ސީދާ ދެކޮޅަށް ރައީސް ސޯލިހާއި އެމްޑީޕީގެ ގިނަ މެންބަރުން ނުކުންނަވާފައިވާ އިރު، ހުށަހަޅުއްވާފައިވާ ގަރާރު އަނބުރާ ގެންދަވަންވެސް ރައީސް ސޯލިހު ވަނީ އެދިވަޑައިގެންފައެވެ.
މިއަދަކީ ކޮންގްރެސްގެ ފަހު ދުވަހެވެ. އަދި ނިޒާމީ ވޯޓުގެ މައްސަލައިގެ ބަހުސް މިއަދު މެންދުރުފަހު ކުރިޔަށް ގެންދާން ވެސް ވަނީ އެޖެންޑާކޮށްފަ އެވެ.
މިއަދު ހެނދުނު ބޭއްވި ސެޝަނަށްފަހު "ވަން" އަށް ދެއްވި އެކްސްކުލޫސިވް އިންޓަވިއުއެއްގައި ރައީސް ސޯލިހު ވިދާޅުވީ، ބަރުލަމާނީ ގަރާރާ ގުޅޭ މަޝްވަރާތައް އަދިވެސް ނަޝީދާއެކު ކުރައްވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް އެކަމުގައި އަދިވެސް ވަކިގޮތަކަށް އެއްބަސް ނުވެވޭ ކަމަށެވެ.
"ބަރުލަމާނީއާ ބެހޭގޮތުން ހުށަހެޅިފައި އޮތް ގަރާރާބެހޭގޮތުން މަޝްވަރާ ކުރިން، އިއްޔެ އާއި މިއަދުވެސް، އެކަމާބެހޭގޮތުން އުފެދިފައިވާ ހިޔާލުތަފާތުވުންތަކަށް ހައްލެއް ހޯދުމަށް މިހާރުވެސް އެބަ ވާހަކަ ދެކެވޭ ނަމަވެސް އަދި ހައްލެއް ނުލިބޭ، އެދެނީ އެންމެނަށް އެއްބަސްވެވޭކަހަލަ ގޮތަކަށް ކަންކަން ނިމިގެންދިއުން، އެއްބަސްވުމަކަށް ނުގޮސް ނިމިއްޖެނަމަ ހިޔާލުތަފާތުވުންތައް ހުންނާނެ،" ރައީސް ސޯލިހު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު