ސިޔާސީ

ރައީސް ނަޝީދު ޓީމުގެ ބައްދަލުވުން: ރީކޯ ސިފަކުރައްވަނީ ރައީސް އަމީންގެ ވެރިކަން ވައްޓާލި ފަދަ ބަޣާވާތެއް ރާވަނީ ކަމަށް

އެމްޑީޕީގެ ކޮންގްރެސްގެ އެންމެ ހޫނު މައުޟޫ މިއަދަށް އެޖެންޑާކޮށްފައި ވަނިކޮށް، ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ އެންމެ އަރިސް ބައެއް ބޭފުޅުން ކުއްލި ބައްދަލުވުމެއް ރޭ ބޭއްވެވުމުން އެއީ ބަޣާވާތެއްގެ ރޭވުމުގެ ކަމެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް، އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ސިފަކުރައްވައިފި އެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކޮށް، ބޮޑުވަޒީރަކު ހުންނަ ގޮތަށް މުޅި ނިޒާމު ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ މައްސަލަ މިއަދުގެ ކޮންގްރެހަށް އެޖެންޑާކޮށްފައި އޮތް ނަމަވެސް، މި މައްސަލައިގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދުގެ ވިސްނުންފުޅު ހުރީ ދެގޮތަށެވެ. މި ހުށަހެޅުން އަނބުރާ ގެންދެވުމަށް ރައީސް ސޯލިހު ވަނީ އެދިވަޑައިގެންފަ އެވެ. އަދި އެއީ ތާއީދުކުރައްވާ ގޮތެއް ނޫން ކަމަށް ވެސް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެހެން ނަމަވެސް ރައީސް ނަޝީދު އެ އިސްލާހު އަނބުރާ ގެންދަވައިފައެއް ނުވެއެވެ. އޭގެ ބަދަލުގައި އެމަނިކުފާނު ގެންދަވަނީ ފާޅުގައި އެކަމަށް ވަކާލާތު ކުރައްވަމުންނެވެ.

އެންމެ ފަހުން ރައީސް ނަޝީދު ވަނީ ބަރުލަމާނީއަކަށް ނުގޮސްފި ނަމަ އެމްޑީޕީއަށް ރިޔާސީ އިންތިހާބުގައި ލިބޭނީ އެންމެ 27 ޕަސެންޓު ވޯޓު ކަމަށްވެސް ވިދާޅުވެފައެވެ.

ކޮންގްރެސްގެ ހަވާސާގައި ރައީސް ސޯލިހުވެސް ގެންދަވަނީ މި މައްސަލައިގައި ފާޅުގައި ވާހަކަފުޅުދައްކަވަމުންނެވެ. މައްސަލަ ހައްލުކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެ އެންމެ ފަހުން ރައީސް ސޯލިހު ވިދާޅުވެފައިވަނީ ގޮތް ނިންމާނީ ކޮންގްރެސްގެ ބައިވެރީން ކަމަށާއި އެގޮތަށް އެމަނިކުފާނުވެސް އަދި ރައީސް ނަޝީދުވެސް ޖެހިވަޑައިގަންނަވާނީ ތަބާވާން ކަމަށެވެ. އެއީ އެންމެ ފަހުގެ ނިންމުން ކަމަށެވެ.

ރީކޯ މޫސަ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ކޮންގްރެހުގައި މިއަދު މި އޮތީ ނިޒާމީ ވޯޓާ މެދު ގޮތެއް ނިންމުން ކަމަށާއި، ފުރަތަމަ މި ފެނުނީ ޕާޓީ ތެރޭގައި ބަޣާވާތް ކުރާ މަންޒަރު ކަމަށެވެ.

"ހަނދާނަށް އަންނަނީ މީގެ 69 އަހަރު ކުރީން އަމީންދީދީގެ ވެރިކަން ވައްޓާލަންވެގެން ހަމަ އޮގަސްޓުމަހެއްގެ ވިހިވަނަރޭ ވެރިކަމުގެ ތެރޭގައި ތިބެ ބަޣާވާތް ކުރި މީހުން ބޭއްވި ބައްދަލުވުމުގެ ވާހަކަ. މާދަމާ މިއޮތީ ނިޒާމީ ވޯޓާމެދު އެމްޑީޕީ ގޮތް ނިންމުން. ފުރަތަމަ ޕާޓީ ތެރޭގެ ބަޣާވާތް." ރައީސް ނަޝީދުގެ ޓީމުން ރޭ ބޭއްވި ބައްދަލުވުމަށް އިޝާރާތް ކުރައްވައި މޫސަ ރޭ ކުރެއްވި ޓުވީޓުގައި ވިދާޅުވި އެވެ.

ރޭގެ ބައްދަލުވުމަށް ރައީސް ނަޝީދު ރޭ އިރާކޮޅު ވަޑައިގަތުމުން އެންމެ ފުރަތަމަ ފެތުރުނު އަޑަކީ އެމަނިކުފާނު، ރައީސް ޔާމީންގެ އިސް ވަކީލު، އަދި ކުރީގެ ނައިބު ރައީސް، ޑރ. މުހައްމަދު ޖަމީލު އަހުމަދާ ބައްދަލުކުރައްވަމުން ގެންދަވަނީ ކަމަށެވެ. އެގޭގެ ތިރިޔަށް މީޑިއާވެސް އެއްވެ ތިއްބެވެ. އެހެން ނަމަވެސް ރައީސް ނަޝީދު ހުންނެވީ މަޖިލިސް މެންބަރު އަލީ އާޒިމް އާއި ރައީސް އޮފީހުގެ މިނިސްޓަރު، އެމްޑީޕީގެ ނައިބު ރައީސް، މުހައްމަދު ޝިފާޒު، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފު އަދި އިތުރު ބައެއް ބޭފުޅުންނާ އެކު އަލީ އާޒިމްގެ ގޭގައިކަން އެނގުނީ މާފަހުން އަލީ އާޒިމް މާފަހުން ކުރެއްވި ޓުވީޓަކުންނެވެ. އާޒިމް އެ ޓުވީޓު ކުރެއްވި އެބޭފުޅުން އެއްކޮށް ތިއްބެވި ފޮޓޯއަކާވެސް އެކުގައެވެ. ފޮޓޯގެ ތަފްސީލުގައި ލިޔުއްވައިފައި އޮތީ ރައީސް ނަޝީދާ އެކު ރޭގަނޑުގެ ފަރީއްކޮޅެއްގައި ކަމަށެވެ. އެއިރު މީޑިއާވެސް ތިރީގައި ތިބޭތާ ދެތިންގަޑިއިރު ވެއްޖެއެވެ. އެ މަންޒަރު ސޯޝިއަލް މީޑިއާއިން ރައީސް ނަޝީދުގެ ޓީމުގެ ބޭފުޅުންނަށް ފެނިވެސް ވަޑައިގަންނަވާނެއެވެ.

މެންބަރު އަލީ އާޒިމް ދިރިއުޅުއްވާ ގެ ހުންނަނީ ޑރ. ޖަމީލު ދިރިއުޅުއްވާ ގޭގެ އިރުންނެވެ.

އަލީ އާޒިމްގެ ޓުވީޓު