ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން އެމަނިކުފާނުގެ އާއިލާއިން އަދި ފުރިހަމައަށް ގަބޫލު ނޫން ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓު ހަވާލުކުރުމަށް ކާނިވާލުގައި ރޭ ބޭއްވި "ހަވާލޭވަތަން" ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ، އެމަނިކުފާނަށް ރިޔާސީ ޓިކެޓު ދިނުމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ސެނެޓުން ނިންމީ 99 މެމްބަރުންގެ އިއްތިފާގުން ކަމަށާއި އެމަނިކުފާނު ރިޔާސީ ރޭހުގައި ވާދަކުރަން ހުރިހާ ރަށެއްގައި ތިބި ކޯލިޝަންގެ ސަޕޯޓަރުން ބޭނުންވާ ކަމަށެވެ.

ޔާމީން ވިދާޅުވީ، އެމަނިކުފާނަށް މިހާރު އިންތިހާބުގައި ވާދަކުރެއްވުން މަޖުބޫރުވެއްޖެ ކަމަށާއި ނަމަވެސް އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން އާއިލާ ދެކޮޅު ކަމަށެވެ.

"ހަގީގަތުގައި ވެސް އަދިވެސް އަޅުގަނޑުގެ އާއިލާއިން ފުރިހަމައަކަށް މިކަމަކަށް ތާއިދެއް ނުކުރޭ. އެހެންނަމަވެސް މި މަސްއޫލިއްޔަތު އުފުލަން މިއަދު މަޖުބޫރުވެއްޖެ،" ޔާމީން ވިދާޅުވިއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ރިޔާސީ ޓިކެޓު ޔާމީނަށް ދިނުމަށް ނިންމާފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ ބޭއްވި އެ ކޯލިޝަންގެ ޖޮއިންޓް ސެނެޓް ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ޔާމީން ވަނީ އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޝައުގުވެރިވެވަޑައިގަންނަވާކަން ހާމަކުރައްވައިފިއެވެ.

ޔާމީނަށް ޓިކެޓް ދޭން ފާސްކުރީ ސެނެޓް ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ރޭގެ ޖަލްސާގައި ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި ދަރަނި ބޮޑުވާތީ އެ ވާހަކަ އޭރުގެ އިދިކޮޅު ފަރާތްތަކުން ދެއްކެވި ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ ދަރަނި ނެގި މިންވަރު އެމަނިކުފާނުގެ ސަރުކާރަށްވުރެ އެތައް ގުނައެއް މަތިވެފައިވާ ކަމަށެވެ.

ވޯލްޑް ބޭންކުން އެންމެ ފަހުން ނެރުނު މޯލްޑިވްސް އެކްސްޕެންޑިޗާ ރިވިއުގައިވާ ގޮތުގައި ގެރެންޓީ ދީފައިވާ ދަރަނި ހިމަނައިގެން ދައުލަތުގެ ޖުމުލަ ދަރަންޏަކީ 6.1 ބިލިއަން ޑޮލަރު ކަމަށާއި އޭގެ ތެރެއިން 5.2 ބިލިއަން ޑޮލަރަކީ ސީދާ ސަރުކާރުގެ ދަރަނި ކަމަށް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ އެ ދަރަނިތައް އަދާކުރުމުގެ ފޮރިން ރިޒާވް މިހާރު ރާއްޖޭގައި ނެތް ކަމަށާއި ރިޒާވްގައި ހުރިކަމަށް ބެލެވޭނީ 200 މިލިއަން ޑޮލަރު ކަމަށެވެ.