ޚަބަރު

ބިދޭސީ އަންހެން މީހާގެ ފަށް ފޭރިގަތް މީހާވެސް ހައްޔަރުކޮށްފި

މުހައްމަދު އިޝާން

މާލޭ މަގުމަތިން ހިނގާފައި ދިޔަ ބިދޭސީ އަންހެނެއްގެ ކަރުގައި އޮތް ރަން ފަށް ފޭރުނު މީހާ ހައްޔަރުކޮށްފިއެވެ.

އެ މައްސަލައިގައި ފުލުހުން ވަނީ މީގެ ކުރިން ވެސް މީހަކު ހައްޔަރުކޮށްފައެވެ. އެއީ ފަށް ފޭރުނު މީހާއިން ސައިކަލު ދުއްވަން އިން ދމ. ކަކޮޅަސް މުހައްމަދު އަލްތާފް 30، އެވެ. ފުލުހުން އޭނާ ހައްޔަރުކުރީ އިއްޔެއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަސް ބަންދަށް ޖަހައިފައެވެ.

ދިލްބަހާރު މަގުން ހިނގައިފައި ދިޔަ ބިދޭސީ އެ އަންހެން މީހާގެ ކަރުގައި އޮތް ރަން ފަށް ސައިކަލެއްގައި އައި ދެ މީހަކު ފޭރި ގަންނަ ވީޑީއޯ އަންގާރަ ދުވަހު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެއާބްލޭޑް ސައިކަލެއްގައި އައި ދެ މީހުން، އަންހެން މީހާއާ ކައިރިކޮށްލުމަށްފަހު، ސައިކަލުގެ ފަހަތުގައި އިން ފިރިހެން މީހާ ފަށް ފޭރިގަނެގެން ދެއެވެ. އެވަގުތު އަންހެން މީހާއަށް ޝޮކެއް ލިބި ހަދާނެ ގޮތް ހުސްވެފައި ހުރި މަންޒަރު ވީޑިއޯއިން ފެނެއެވެ. އެ ސައިކަލް ދުއްވަން އިނީ އަލްތާފުއެވެ.

ފުލުހުން ވަނީ މިއަދު ފަށް ފޭރިގަތް މީހާ ވެސް ހައްޔަރުކޮށްފައެވެ. އެއީ ގދ. ތިނަދޫ، އޯކިޑުމާގެ (މިހާރު އުޅޭ އެޑްރެސް، ގދ. ތިނަދޫ ރިހިކޮކާގެ) މުހައްމަދު ޝަމްލީން 32 އެވެ.

ޝަމްލީންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 30 ދުވަސް ބަންދަށް ޖަހައިފައެވެ.

ފުލުހުން އޭނާގެ މައްޗަށް ކުރަނީ ފޭރުމުގެ ކުށުގެ ތުހުމަތެވެ. ފުލުހުން ވަނީ އޭނާއަށް ދެކޮޅަށް ތުހުމަތުކުރެވޭ ވަރަށް ހެކި ހުށަހަޅައިފައެވެ. އެ ހެކިތަކުގެ ތެރޭގައި ސީސީޓީވީ ފުޓޭޖާއި އޭނާ ތަހުގީގަށް ދީފައިވާ ބަޔާން ހިމެނެއެވެ.