ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމާ ބެހޭ ވާހަކައިގެ ތެރެއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަދެވަޑައިގަންނަވަން ނުޖެހޭ ކަމަށާއި އެއީ އެމަނިކުފާނާ ބެހޭވެސް ވާހަކައެއް ނޫން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ހަރުގޭގައި މިރޭ ބޭއްވި ބަރުލަމާނީ ނިޒާމާ ގުޅޭ މަޝްވަރާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުތަކައް ތަންތަނުގެ ވެރިން ވެދެވަޑައިގެން ވަކި ކޮޅެއް ނުނަންގަވާނެ ކަމަށެވެ. އަދި އެގޮތަށް ވަކި ކޮޅެއް ނަންގަވައިފިނަމަ، ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ވޯޓު އެހެން ދުވަސް ވަރެއްގައި ނެގުން އެކަށީގެންވާ ކަމަށެވެ.

"ވަރަށް ބޮޑު ހިތަމާއެއް މުށް ބާރުކޮށް ނުވަތަ މި ބާވަތުގެ ނިޒާމީ ވާހަކައަކަށް ރައީސުލްޖުމްހޫރިއްޔާ ވެދެވަޑާގަންނަވާކަށް އެއްގޮތަކަށް ވެސް ޖެހިވަޑައިނުގަންނަވާނެ. ރައީސުލްޖުމްހޫރިއްޔާއާ ބެހޭވެސް ވާހަކައެއް ވެސް ނޫން ހަގީގަތުގަ." ނަޝީދު ވިދާޅުވިއެވެ.

"ތަންތަނުގެ ވިސްނޭ ވެރިން އެފަދަ ވޯޓުގެ ތެރެއަކަށް ނުވަދޭ. މޮޅުވާ ކޮޅަކަށް ދާނެ. ވެރިޔާގެ ރައީސުލްޖުމްހޫރިއްޔާ ޖެހިވަޑައިނުގަންނަވާނެ ކޮންކޮޅެއްގަތޯ އެބޭފުޅާ ހުންނެވީ ވިދާޅުވާކަށް. އެހެން ވިދާޅުވެއްޖެނަމަ ކޮންމެވެސް ދުވަހަކުން އަދި މި ވޯޓު ނުނެގިއެއް ނުދާނެ."

ނަޝީދު ވިދާޅުވީ ރާއްޖޭގައި ރިޔާސީ ނިޒާމެއް އޮތުމަށް ތާއީދުކޮށް ވާހަކަ ދައްކާ މީހުން މީގެ ކުރިން ނަގާފައިވާ ވޯޓުތައް ނުބަލާ ކަމަށެވެ. 2008 ވަނަ އަހަރު އެމްޑީޕީން ވެރިކަމަށް އައުމަށް ކެމްޕޭން ފެށުމުން، އެކަމަށް ހިތްވަރުދިނީ މަދު ބައެއް ކަމަށް ނަޝީދު މިރޭ ވިދާޅުވިއެވެ. ނަމަވެސް ގިނަ ވޯޓު ހޯދައި ވެރިކަމަށް ހޮވުނީ އެމްޑީޕީ ކަމަށެވެ.

ރިޔާސީ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުނުކޮށްފިނަމަ، އެމްޑީޕީއަށް ކުރިމަގުގައި ގިނަ އަދަދެއްގެ ވޯޓު ގެއްލޭނެ ކަމަށެވެ. ރާއްޖެ މިހާރު މިއޮތް އިގުތިސޯދީ އަނދަވަޅުން ވެސް އަރައިގަނެވޭނީ ނިޒާމު ބަދަލުކޮށްގެން ކަމަށާއި ސްރީލަންކާ ދަރާފައި އޮތް އިރުވެސް އެ ގައުމުން މިހާރު މަސައްކަތް ކުރަނީ ފުރިހަމަ ބަރުލަމާނީ ނިޒާމެއް ގެނައުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރުމަކީ ރައީސް ސޯލިހާ ބެހޭ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އިރު، ރައީސް ސޯލިހު ވަނީ އެމްޑީޕީ ކޮންގްރެސްއަށް ނަޝީދު ހުށަހެޅުއްވި ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމު ބަދަލު ކުރުމުގެ ގަރާރު އަނބުރާ ގެންދެވުމަށް އެދިވަޑައިގެންފައެވެ.

ރައީސް ސޯލިހު ވިދާޅުވެފައިވަނީ، މިވަގުތު ރާއްޖެއަށް މުހިންމީ ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުން ކަމަށާއި މިއީ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް މަސައްކަތް ކުރަންވީ ވަގުތު ނޫން ކަމަށެވެ.

ނަޝީދު އިއްޔެ ވިދާޅުވެފައިވަނީ ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ފުރޮޅާލަން ކުރައްވާ މަސައްކަތުގެ ފެށުން މާދަމާ ފަށާ އެމްޑީޕީގެ ގައުމީ ކޮންގްރެސްއިން ކަމަށާއި އެހެންވެ އެކަން ހުއްޓުވުމަށް ކޮންގްރެސްއަށް މަންދޫބުން ކަނޑައެޅުމުގައި ޕާޓީގެ ގޮފިތައް މަސްހުނި ކުރަމުން ގެންދާ ކަމަށެވެ. އަދި ވިދާޅުވެފައިވަނީ ވަކި ކަމެއް ހާސިލުކުރަން ގޮފިތައް މަސްހުނިކޮށް އޮޅުވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އެގޮތަށް ނަޝީދު ވިދާޅުވެފައިވާތީ މިއަދު މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ކޮންގްރެސް ފަސްކޮށްދިނުމަށް އެދި އެމްޑީޕީގެ ޗެއާޕާސަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް ސިޓީއެއް ފޮނުއްވައިފައެވެ. ނަމަވެސް ފައްޔާޒު ވިދާޅުވެފައިވަނީ ކޮންގްރެސް ފަސް ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށާއި އަދި ކޮންގްރެސް ފަސް ކުރުމުގެ ބާރު އޮތީ އެމްޑީޕީގެ ގައުމީ މަޖިލީހަށް ކަމަށެވެ.