މާދަމާ ރޭ ފެށުމަށް ހަމަޖެހިފައިވާ އެމްޑީޕީ ކޮންގްރެސް ފަސްކޮށްދިނުމަށް ރައްޔިތުން މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެދިވަޑައިގެންފިއެވެ.

އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް އެޑްރެސް ކުރައްވައި މިއަދު އާޒިމް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، އެމްޑީޕީގެ އަސާސީ ގަވާއިދުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން، ޕާޓީގެ އެންމެ އިސް ގުނަވަނަކީ ކޮންގްރެސް ކަމަށާއި އަދި ކޮންގްރެސްގެ ކޮމްޕޮސިޝަން އެކުލަވާލެވިފައިވާ ގޮތަށް ރިއާޔަތްކުރާ އިރު، ގޮފިތަކުގެ ރައީސުންނަށް ކޮންގްރެސްގައި ވޯޓިން ޑެލިގޭޓުންގެ ގޮތުގައި ތަމްސީލުކުރުމުގެ ފުރުސަތު ދެވިފައިވާ ކަމަށެވެ.

އެހެންކަމުން ގޮފިތައް ހިންގާ ކޮމިޓީ އެކުލަވާލަން ޖެހޭނީ ގޮފިތަކުގެ ގަވާއިދުގައި ކަނޑައެޅިފައިވާ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން އިންތިހާބެއް ބޭއްވުމަށްފަހު ކަމަށާއި އަދި ކޮންގްރެސްގައި ގޮފިތައް ތަމްސީލުކުރާ ރައީސް ނުވަތަ ނައިބު ރައީސް ވާންޖެހޭނީ އިންތިހާބުކޮށްފައިވާ ފަރާތެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މާދަމާ ފެށުމަށް ހަމަޖެހިފައިވާ ކޮންގްރެސްއަށް ގޮފިތަކުން ނޮމިނޭޓްކޮށްފައިވާ ގިނަ މަންދޫބުންނަކީ ގޮފިތަކުގެ ގަވާއިދާ އެއްގޮތަށް އިންތިހާބުވެފައިވާ ފަރާތްތަކެއް ނޫން ކަމަށެވެ. އަދި ގޮފިތަކުން ކޮންގްރެސްގައި ތަމްސީލުކުރާ ފަރާތްތަކުގެ މައުލޫމާތު އަދިވެސް ހިއްސާކޮށްފައިނުވާ ކަމަށެވެ.

އެހެންކަމުން ކުރިއަށް އޮތް ކޮންގްރެސްގައި އެ ފަރާތްތަކުން ބައިވެރިވެއްޖެ ނަމަ، ކޮންގްރެސްގެ ގާނޫނީ ހައިސިއްޔަތާމެދު ސުވާލު އުފެދޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

"ވީމާ މާދަމާ 19 އޮގަސްޓް 2022 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮންގްރެސްއަށް ނޮމިނޭޓްކޮށްފައިވާ ގޮފިތައް ތަމްސީލުކުރާ މަންދޫބުންގެ ގާނޫނީ ހައިސިއްޔަތާމެދު، މިޕާޓީއަށް ނިސްބަތްވާ ގިނަ މެމްބަރުން މެދުގައި ކަންބޮޑުވުން ފާޅުކުރަމުން ގެންދާތީވެ، ގޮފިތަކުން ކޮންގްރެސްގައި ބައިވެރިވާ ރައީސުން ނުވަތަ ނައިބު ރައީސުންގެ ގާނޫނީ ހައިސިއްޔަތު ކަށަވަރު ކުރުމަށްފަހު ނޫނީ ކޮންގްރެސް ކުރިއަށް ނުގެންދިއުމަށް އެދި ދަންނަވަން،" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވަނީ ކޮންގްރެސްއަށް ގޮފިތަކުން ހުށަހަޅާފައިވާ މަންދޫބުން އިންތިހާބު ކުރިގޮތާއީ އެ މަންދޫބުންގެ ތަފުސީލު ހިމެނޭ ލިސްޓެއް ހިއްސާކޮށް ދިނުމަށް ވެސް އެދިވަޑައިގެންފައެވެ.

އެމްޑީޕީގެ ކޮންގްރެސް ފަސްކޮށްދިނުމަށް އާޒިމް އެދިވަޑައިގެންނެވި އިރު، އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ގޮފިތަކުގެ މަންދޫބުން ކަނޑައެޅުމުގައި ހުރި ކަންބޮޑުވުންތައް ރޭ ހިއްސާކުރައްވައިފައެވެ.

ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ފުރޮޅާލަން ކުރައްވާ މަސައްކަތުގެ ފެށުން އޮތީ އަންނަ ހުކުރު ދުވަހު ފަށާ އެމްޑީޕީގެ ގައުމީ ކޮންގްރެސްއިން ކަމަށާއި އެހެންވެ އެކަން ހުއްޓުވުމަށް ކޮންގްރެސްއަށް މަންދޫބުން ކަނޑައެޅުމުގައި ޕާޓީގެ ގޮފިތައް މަސްހުނި ކުރަމުން ގެންދާ ކަމަށެވެ. އަދި ވިދާޅުވީ، ވަކި ކަމެއް ހާސިލުކުރަން ގޮފިތައް މަސްހުނިކޮށް އޮޅުވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރަން ނަޝީދު ވަނީ އެމްޑީޕީގެ ކޮންގްރެސްއަށް ގަރާރެއް ހުށަހަޅުއްވައިފައެވެ. ނަޝީދުގެ އެ ހުށަހެޅުއްވުމަށް ރައީސް ސޯލިހު ވެސް ދަނީ ދެކޮޅު ހައްދަވައިފައެވެ.