ޚަބަރު

ސައިކަލް ދުއްވަން އިން މީހާ ހައްޔަރުކޮށް، ރަން ފަށް ހޯދައިފި

އަހުމަދު ޖައިޝަން

ބިދޭސީ އަންހެނެއްގެ ކަރުގައި އޮތް ރަން ފަށް ފޭރުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

ދިލްބަހާރު މަގުން ހިނގައިފައި ދިޔަ ބިދޭސީ އަންހެނެއްގެ ކަރުގައި އޮތް ރަން ފަށް ސައިކަލެއްގައި އައި ދެ މީހަކު ފޭރި ގަންނަ ވީޑީއޯ އިއްޔެ ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެއާބްލޭޑް ސައިކަލެއްގައި އައި ދެ މީހުން، އަންހެން މީހާއާ ކައިރިކޮށްލުމަށްފަހު، ސައިކަލުގެ ފަހަތުގައި އިން ފިރިހެން މީހާ ފަށް ފޭރިގަނެގެން ދެއެވެ. އެވަގުތު އަންހެން މީހާއަށް ޝޮކެއް ލިބި ހަދާނެ ގޮތް ހުސްވެފައި ހުރި މަންޒަރު ވީޑިއޯއިން ފެނެއެވެ.

އެ ހާދިސާއާ ގުޅިގެން މިއަދު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސައިކަލު ދުއްވަން އިން މީހާ ހައްޔަރުކޮށް، ފޭރުނު ރަން ފަށް ހޯދާފައިވާ ކަމަށެވެ. ހަމީދު ވިދާޅުވީ އެ ފަށް ވިއްކާލާފައިވަނީ ރަން ހަދާ ތަނަކަށް ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން މިއަދު ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ މީހެކެވެ. ފުލުހުން އަންނަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.