ޚަބަރު

ނިޝާން ދޫކޮށްލި މައްސަލައިގެ އިސްތިއުނާފު ހައިކޯޓުން ބަލައިނުގަތް

މުހައްމަދު އިޝާން

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ހުއްޓުވައި ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ޝައިހް އާދަމް ނިޝާން ބިން އަލީ އާދަމް ބަންދުން ދޫކޮށްލަން ކުރިމިނަލް ކޯޓުން ކުރި އަމުރުގެ އިސްތިއުނާފު ބަލައިނުގަތުމަށް ހައި ކޯޓުން ނިންމައިފިއެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން ނިޝާން ހައްޔަރުކޮށްފައިވަނީ، ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ. ނިޝާން ބަންދުން ދޫކޮށްލީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް މިމަހުގެ ހަވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކާއެކުގައެވެ. އެ ޝަރުތުތަކަކީ، މާލެއިން ބޭރަށް ވަޑައިނުގަތުމުގެ އިތުރުން ފޯނު ނަންބަރު ބަދަލުވެއްޖެ ނަމަ އެންގުމަށާއި ފުލުހުންގެ ތަހުގީގަށް ހާޒިރުވުމެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ފަރާތުން އެ މައްސަލަ އިސްތިއުނާފަށް މިމަހުގެ ނުވަ ވަނަ ދުވަހު ހައި ކޯޓަށް ހުށަހެޅުމުން، އެ ކޯޓުގެ ރަޖިސްޓާ މިއަދު ނިންމެވީ، އެ މައްސަލަ ބަލައި ނުގަތުމަށެވެ.

ނިޝާން ދޫކޮށްލި އަމުރު އިސްތިއުނާފަށް ހުށަހަޅަން ދައުލަތުން ވިދާޅުވެފައިވަނީ، ކުރިމިނަލް ކޯޓުން ނިޝާން ދޫކޮށްލަން އަމުރުކުރީ "މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުހަލާގެ ކޯޓުތަކުން ތަބާވާންވާނެ" ކަމަށް ބަޔާންކޮށްފައިވާ އުސޫލާއި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނާ ހިލާފަށް އަދި ޝަރީއަތް ކުރުމާބެހޭ ގަވާއިދާހިލާފަށް ކަމަށެވެ.

އެ ނުކުތާތަކާ ގުޅިގެން ރަޖިސްޓާގެ ނިންމުމުގައި ބަންދުގެ މުއްދަތު އިތުރުކުރަން ފަނޑިޔާރަށް ލާޒިމުވާ ގާނޫނީ ސަބަބެއް ދައުލަތުގެ ފަރާތުން ބަޔާންކޮށްފައިނުވާ ކަމަށެވެ.

އެހެންކަމުން ނިޝާން ދޫކޮށްލި މައްސަލައިގެ އިސްތިއުނާފު ހައި ކޯޓަށް ބަލައިގަނެވެން ނެތްކަމަށް ރަޖިސްޓާގެ ނިންމުގައި ވަނީ ބަޔާންކޮށްފައެވެ.