މެންޗެސްޓާ ޔުނައިޓެޑްގެ ޓީމު ތެރޭގެ ރޫހަށް އަސަރުކުރާތީ، ކްރިސްޓިއާނޯ ރޮނާލްޑޯ ކްލަބުން ދޫކޮށްލަން މަސައްކަތް ކުރާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އިތުބާރު ނޫސް ބީބީސީން ބުނެފައި ވަނީ އުމުރުން 37 އަހަރުގެ ރޮނާލްޑޯ ކްލަބުގައި ހުރުމުން ޔުނައިޓެޑްގެ ޑްރެސިން ރޫމް ތެރޭގައި އޮތް އުފާވެރިކަމުގެ ރޫހަށް އަސަރުކުރަމުންދާތީ، ކްލަބުން ރޮނާލްޑޯއާ މެދު ދެވަނަ ވިސްނުމަކަށް ދާން މަޝްވަރާ ކުރަމުންދާ ކަމަށެވެ. އެހެން ނަމަވެސް ރޮނާލްޑޯ ފޮނުވާލުމުން ފޯވަޑް ލައިނަށް އިތުރު އުނދަގޫތަކާ ކުރިމަތިވާނެތީ އެގޮތަށް ނިންމުން ނިންމަން ހިޔާލު ތަފާތުވުންތަކެއް ކްލަބުގައި އޮތް ކަމަށްވެސް ރިޕޯޓުތައް ބުނެފައިވެއެވެ.
މިދިޔަ ސީޒަނަށް ރޮނާލްޑޯ އެނބުރި ޔުނައިޓެޑަށް ގޮސް، ސީޒަން ނިންމާލީ 24 ގޯލު ޖަހައިގެންނެވެ. ރޮނާލްޑޯއަށް އެންމެ ދަށް ސީޒަނެއް ނޫން ނަމަވެސް، މި ސީޒަނަށް ރޮނާލްޑޯ މަސައްކަތް ކުރީ ކްލަބު ދޫކޮށްލުމަށެވެ. އެއީ ޗެމްޕިއަންސް ލީގުގައި ކުޅެން ބޭނުންވާ ކަމަށް ބުނެއެވެ. ޔުނައިޓެޑް މި ސީޒަނުގައި ޔޫރަޕްގައި ކުޅޭނީ ޔޫރޮޕާ ލީގު ކަމަށްވީ އިރު، ރޮނާލްޑޯގެ އެޖެންޓް ވަނީ ޗެމްޕިއަންސް ލީގު ކުޅޭ ކްލަބަށް ރޮނާލްޑޯ ގެންދަން ބުރަކޮށް މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް އެ މަސައްކަތް ކާމިޔާބު ވެފައެއް ނުވެއެވެ.
ޔުނައިޓެޑްގެ ކޯޗުކަމާ އަލަށް ހަވާލުވި އެރިކް ޓެން ހާގު ކުރިން ބުނެފައި ވަނީ ރޮނާލްޑޯ ވިއްކާލަން ބޭނުން ނުވާ ކަމަށާއި އޭނާގެ ޕްލޭންގައި ރޮނާލްޑޯ ހިމެނޭ ކަމަށެވެ. އެހެން ނަމަވެސް ރޮނާލްޑޯ ޔުނައިޓެޑްގެ ޕްރީ ސީޒަނުގައިވެސް ބައިވެރިވެފައެއް ނުވެއެވެ. އަދި ކްލަބާ ގުޅުނީ ސީޒަން ފެށުމަށް ހަފުތާއަކަށް ވެފައި ވަނިކޮށެވެ.
ޕްރީ ސީޒަނުގައި ޔުނައިޓެޑްގެ ފަރާތުން ރަނގަޅު ރޫހެއްގައި މެޗުތައް ކުޅުނުތަން ފެނުނު ނަމަވެސް ސީޒަން ފެށިގެން މިހާތަނަށް ކުޅުނު ދެމެޗުންވެސް ބޮޑުކޮށް ބަލިވެ، އެޓީމު އޮތީ ލީގު ތާވަލުގެ ފުލުގައެވެ. ފުރަތަމަ މެޗުގައި ޔުނައިޓެޑް ބްރައިޓަން އަތުން 2-1 އިން ބަލިވި އިރު، ދެވަނަ މެޗުގައި ބްރެންޓްފޯޑު ކައިރީ ބަލިވީ 4-0 ގެ ނަތީޖާއަކުންނެވެ. ފަހު މެޗުގައި ރޮނާލްޑޯ ފުރަތަމަ 11 އަށް ނުކުމެފައިވާ އިރު، އެ މެޗަށްފަހު ރޮނާލްޑޯގެ ފަރާތުން ވަރަށް ބޮޑަށް ނުތަނަވަސްކަން ފެންނަ ކަމަށް ނޫސްތައް ބުނެއެވެ.
ބީބީސީންވެސް ބުނެފައިވާ ގޮތުގައި ރޮނާލްޑޯގެ މޫޑު ހުންނަ ގޮތުން އޭނާ މިހާރު ޔުނައިޓެޑްގެ ގިނަ ކުޅުންތެރިންނާ ވާހަކަވެސް ނުދައްކައެވެ. އަދި ކެންޓީނުގައި ކެއުމަށްވެސް ވަކިން މޭޒުތަކުގައި އިށީންނަ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ފަސް ފަހަރު ބެލޮންޑިއޯ ކާމިޔާބު ކޮށްފައިވާ ރޮނާލްޑޯގެ މާޔޫސްކަމުގައި މުޅި ކްލަބަށް އޭގެ އަސަރު ކުރަމުންދާތީ، ކޯޗު ޓެން ހާގުވެސް ރޮނާލްޑޯ ފޮނުވާލަން ވިސްނާ ކަމަށް ނޫސްތައް ބުނެފައިވާ އިރު، ފަބްރީޒިއޯ ރޮމާނޯ ރިޕޯޓު ކޮށްފައިވާ ގޮތުގައި ޓްރާންސްފާގެ ފަހު ދުވަހުވެސް ރޮނާލްޑޯ ކްލަބު ބަދަލުކުރުން އެކަށީގެންވެއެވެ.
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް