ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު

ގައުމީ ޓީމުން އެކުވެރިކަމުގެ މެޗުތަކުގައި ބްރުނާއީ އާއި ލާއޯސްއާ ދެކޮޅަށް ކުޅެނީ

ރާއްޖޭގެ ގައުމީ ފިރިހެން ފުޓުބޯޅަ ޓީމުން އަންނަ މަހުގެ ތެރޭގައި އެކުވެރިކަމުގެ ދެ މެޗެއް ކުޅެން ނިންމާފައިވާ ކަމަށް ފުޓުބޯޅަ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް އިއުލާން ކުރައްވައިފިއެވެ.

ރާއްޖެއިން އަންނަ މަހުގެ އިންޓަނޭޝަނަލް ބްރޭކްގައި މެޗުތައް ކުޅޭނީ ބްރުނާއީ ދާރުއްސަލާމާއި ލާއޯސްއާ ދެކޮޅަށެވެ. އެ މެޗުތައް ކުޅޭނީ ބްރުނާއީގައެވެ. މެޗުތައް ރާއްޖެއިން ކުޅޭނީ އަންނަ މަހު އަންނަ ފީފާ އިންޓަނޭޝަނަލް ދުވަސްތައް ކަމަށްވާ ސެޕްޓެމްބަރު 19 އިން 27އާ ދެމެދުގެ ކޮންމެވެސް ދުވަސްތަކެއްގައެވެ.

މިވަގުތު ފީފާ ރޭންކިންގެ 156 ވަނައިގައި ރާއްޖެ އޮތް އިރު، ފީފާ ދުވަސްތަކުގައި ކުޅޭ މެޗުތަކުން ރޭންކިންއަށް އަސަރު ކުރާނެއެވެ. އެހެންކަމުން ކުރިއަށް އޮތް ދެމެޗަކީވެސް ފީފާ ރޭންކިންއަށް ގުނާނެ މެޗުތަކެވެ. ރާއްޖެއިން ވަނީ ދާދި ފަހުންވެސް ފީފާ ދުވަސްތަކުގައި އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ. އެއީ ގައުމީ ދަނޑުގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗު 2-0 އިން ރާއްޖެ ކާމިޔާބު ކޮށްފައިވެއެވެ.

ގައުމީ ފުޓުބޯޅަ ޓީމާ މިވަގުތު ހަވާލުވެ ހުރި ކޯޗަކީ ފްރެންޗެސްކޯ މޮރިއޭރޯއެވެ. އިޓަލީގެ މޮރިއޭރޯ ހަވާލުވީ މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ފަހު ސްރީލަންކާގައި އޮތް ފޯ ނޭޝަންސް ކަޕްގެ ކުރިންނެވެ. ފޯ ނޭޝަންސް ކަޕަށް ގޮސް ރާއްޖެއިން އެންމެ ރަނގަޅު ނަތީޖާއެއް ނުނެރެވުނު ނަމަވެސް މޮރިއޭރޯ ބުނެފައިވަނީ ސިސްޓަމަށް ހޭނެން ވަގުތު ނަގާނެ ކަމަށެވެ.

އެންމެ ފަހުން ގައުމީ ޓީމުން ކުޅެފައިވަނީ މިދިޔަ ޖޫން މަހު އުޒްބެކިސްތާންގައި ކުރިއަށްދިޔަ އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގެ މެޗުތަކެވެ. އެ މެޗުތަކުގެ ތެރެއިންވެސް މޮރިއޭރޯ ބުނެފައިވަނީ ޓީމަށް އެކުވެރިކަމުގެ މެޗުތައް ބޭނުންވާ ކަމަށެވެ.