އިނގިރޭސި ޕްރިމިއާ ލީގު

ލަންޑަން ޑާބީގައި ދެ ކޯޗުންގެ ވާދަވެރި ސަލާމަކާއެކު ރަތް ކާޑު!

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމްއާއި ޗެލްސީ ވާދަކުރި ފޯރިގަދަ ލަންޑަން ޑާބީ މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ. މެޗު ތެރެއިންވެސް ޖަޒުބާތީ ފޯރި ފެނުނު އިރު، އެންމެ ބޮޑަށް އަޅައިގަތީ ދެ ކޯޗުންގެ ޑްރާމާއެވެ. މެޗުގައި ޗެލްސީ ފުރަތަމަ ޖެހި ގޯލާއެކު ތޯމަސް ޓުޗެލްގެ އުފާފާޅުކުރުންވެސް ވާދަވެރިކޮށް ފެނުނު އިރު، ޓޮޓެންހަމްއިން ޖެހި ދެ ގޯލާއެކުވެސް އެންޓޯނިއޯ ކޮންޓޭއާއި ޓުޗެލްގެ އަރާރުން ކޮންމެވެސް ވަރަކަށް ފެނިފައިވެއެވެ.

މެޗުން ޗެލްސީ މޮޅުވާން ދަނިކޮށް ދެވަނަ ގޯލަކާއެކު ޓޮޓެންހަމްއިން ނަތީޖާ ހަމަހަމަ ކުރީވެސް ފަހު ވަގުތުގައެވެ. ފަހުވަގުތު ހެރީ ކޭން ޖެހި ގޯލަކާއެކު ޓޮޓެންހަމްއިން ނަތީޖާ ހަމަހަމަކުރުމާއެކުވެސް ޓުޗެލް ވަނީ ރެފްރީއަށް ފާޑު ކިޔައިފައެވެ. އަދި އެ ހިސާބުން މެޗު ނިންމާފައިދަމުން ދެ ކޯޗުން ސަލާމް ކުރި އިރު، ދެ ކޯޗުން ވަނީ އަތް ދޫނުކޮށް ހަމަނުޖެހުމަކަށް ގޮސްފައެވެ. ކޮންޓޭއާއި ޓުޗެލްވެސް އަތުގައި ހިފައި ދެމިތަން ފެނިގެން ގޮސްފައިވާ އިރު، ދެ ކޯޗުން ދުރުކުރީ ދެޓީމުގެ އޮފިޝަލުންނާއި ކުޅުންތެރިން އެކުވެގެންނެވެ.

އެ މަންޒަރާއެކު މެޗުގައި ރެފްރީކަން ކުރި އެންތަނީ ޓެއިލާ ވަނީ ދެ ކޯޗުންނަށްވެސް ރަތް ކާޑު ދައްކައިފައެވެ. މެޗަށްފަހު ހިނގައިދިޔަ ކަންކަމާ ގުޅޭގޮތުން ޓުޗެލް ވާހަކަދައްކާފައިވާ އިރު، އޭނާ ބުނީ މެޗަށްފަހު ޖަޒުބާތުގައި ޖެހުނީ ރެފްރީގެ ނިންމުންތަކާ ހިތްހަމަ ނުޖެހުމުގެ އިތުރުން، ކޮންޓޭ ކުރި ސަލާމުގައި އިހުލާސްތެރިކަމެއް ނެތްކަން އެނގޭތީ ކަމަށެވެ.

"ވީއޭއާރުވެސް ބޭނުންކުރާ މި ޒަމާނުގައި ރޭގެ މެޗުގައި ޓޮޓެންހަމްއިން ޖެހި ދެ ގޯލުވެސް ގަބޫލުކޮށްގެން ނުވާނެ. އަހަރެން މިހެން ބުނަން ދެރަވެސްވޭ. ރެފްރީ މިއަދުގެ މެޗުގައި އެންމެ ބޮޑު ރޯލެއް ކުޅުނީ. އަހަންނަކަށް ނޭނގެ ފުރަތަމަ ޓޮޓެންހަމްއިން ޖެހި ގޯލުގައި ރިޗާލްސަން އޮފްސައިޑް ނުވާންވީ ސަބަބެއްވެސް. އަދި ދެވަނައަށް ޖެހި ގޯލުގައި ކުޅުންތެރިޔަކު ބޮލުގައި ހިފާ ދަމާފައި އޮތްއިރު ފައުލް ނުވީ ސަބަބެއްވެސް ނޭނގެ،" ޓުޗެލް މެޗަށްފަހު ބުންޏެވެ.

ޓުޗެލް ބުނީ ސަލާމް ކުރުމުގައި ކޮންޓޭ ގައިގައި ޖެހި ގަނެވުނީ މޫނަށް ނުބަލައި، އެއްވެސް އިހުލާސްތެރިކަމެއް ނެތި ކޮންޓޭ ސަލާމް ކުރުމުން ކަމަށެވެ. އޭގެ އިތުރުން ޓުޗެލް ބުނީ ޗެލްސީގެ މެޗުތަކުގައި ޓެއިލާ ރެފްރީއަކަށް ނުނެރުމަށް ޗެލްސީ ސަޕޯޓަރުންނާއި އޭނާވެސް އަދި ކުޅުންތެރިންވެސް ބޭނުންވާ ކަމަށެވެ.

ރޭގެ މެޗަށްފަހު ޓޮޓެންހަމްގެ އިޓަލީ ކޯޗު ކޮންޓޭ ބުނީ ވާދަވެރިކަން އޮތީ އޭނާއާއި ޓުޗެލްއާ ދެމެދުގައި ކަމަށާއި، އެކަމަށް ކޮމެންޓް ކުރަން ބޭނުން ނުވާ ކަމަށެވެ. ކޮންޓޭ ވަނީ ރޭގެ މެޗަށްފަހު ސޯޝަލް މީޑިއާގައި މަޖާޒީ ގޮތެއްގައި ޓުޗެލްއަށް ފާޑު ކިޔާލައިފައެވެ. އެހެންނަމަވެސް ރަސްމީ ޕްރެސްގައި އޭނާ ރޭގެ ޑްރާމާ ވާހަކަ ދައްކާފައެއް ނުވެއެވެ.

މެޗުގައި ޗެލްސީގެ ގޯލުތައް ޖެހީ ކަލިދޫ ކުލިބާލީއާއި ރީސް ޖޭމްސްއެވެ. ކޭންގެ އިތުރުން ޓޮޓެންހަމްގެ ގޯލު ޖެހީ ޕިއޭ އެމީލް ހޮއިބިއާއެވެ.